ޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި

.jpg&w=3840&q=75)
08 އޭޕްރީލު 2025 - 05:35
ޒަޚަމްތަކަކާއެކު ނ. ހޮޅުދޫގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފިއެވެ.
އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށްގެން ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލެއް ތައްޔާރުކޮށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެ މަސައްކަތްކުރުމަށް ފުލުހުންގެ ޓީމެއް ވަނީ އިންޑިޔާއަށް ގޮސްފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ ޙާދިސާ ހިނގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދާފައި ނުވި ނަމަވެސް، އެވަގުތު މާލޭގައި ހުރި ބޭރުގެ ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް އެ ހަށިގަނޑު ވަނީ ދައްކާފައެވެ. އަދި އެ ޑޮކްޓަރުގެ ހޯދުންތަކާ ހަވާލާދީ އޭރު ފުލުހުން ބުނި ގޮތުގައި ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަކުރެވިނުވާ ކަމަށެވެ.
އެގޮތުން ޒަކިއްޔާގެ މަރުގެ މައުލޫމާތު ދިނުމަށް މިދިޔަ ޑިސެމްބަރު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓަރު، މުހައްމަދު ސާމިހް ވިދާޅުވި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަނުގެ ތެރޭގައި ވެސް، ޒަކިއްޔާއަށް ޙަމަލާ ދިން ކަމުގެ ނިޝާނެއް ފެނިފައިނުވެއެވެ.
ޒަކިއްޔާގެ ސީން އިން ފެނުނުކަމަށް ބުނާ ވަޅި
އަދި ޒަކިއްޔާގެ ކަރުން ވެސް އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ. އެގޮތުން ސިއްޚީ މަރުކަޒުން ބެލި ޑޮކްޓަރާ ހަވާލާދީ ވެސް ސާމިހު ވިދާޅުވި ގޮތުގައި، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު އެ އަނިޔާތަކުގެ ސަބަބުންނެވެ.
މީގެ އިތުރުން، ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ވެސް ވަޅި އަޅާފައި ހުރި ނިޝާންތައް ފެންނަން ހުރި އިރު، އެ ނިޝާންތަކުގައި ވެސް ވަޅި ހަރާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ނެތް ކަމަށް ވެސް އެދުވަހު ފުލުހުން ބުންޏެވެ.. އެހެން ނަމަވެސް ވަޅި އަޅަން ޖެހިލުންވެފައި ހުރި ފަދަ ނިޝާނެއް ވެސް ފެންނަން ހުރި ކަމަށް ސާމިހް ވިދާޅުވިއެވެ.
އަދި ތަހުގީގުގައި ޒަކިއްޔާގެ މެޔާ ދިމާލުން ވައްކެއް ކަހަލަ ނިޝާނެއް ފެނުނު ނަމަވެސް، އެ ނިޝާން ވެސް ޒަކިއްޔާގެ މަރާ ގުޅުން ހުރި ކަމުގައި ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމުގައި ވެސް އެދުވަހު ސާމިހް ވިދާޅުވިއެވެ.
ކުށުގެ ވެށިން އަދި ދިރިއުޅޭ ގެއިން އަދި ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިފައެއް ނެތް. ޒަކިއްޔާގެ ހަށިގަނޑުގެ ސީޓީ ސްކޭނުން ވެސް ދައްކާ ގޮތުން ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ، - 03 ޑިސެމްބަރު 2024 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް
އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގައި އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމުގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ މަހުގެ ތެރޭގައި އެރަށަށް ވަޑައިގެން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަޒީރު ވިދާޅުވި ގޮތުގައި، އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެދުވަހު އޮޓޮޕްސީ ހެދުނު ނަމަ ޒަކިއްޔާގެ މަރާ ގުޅޭ އިތުރު ވާހަކަތަކެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
ވަޒީރު އެފަދައިން ވިދާޅުވެފައިވަނީ، ޒަކިއްޔާގެ މަރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެރަށުގައި ސިލްސިލާ އެއްވުންތަކެއް ބޭއްވުމާ ގުޅިގެންނެވެ. އެގޮތުން އެރަށުގެ ރައްޔިތުން ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ލިބުން ލަސްވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މަރުގެ އިންސާފު ޤާއިމްކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލާފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
9 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
9 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
9 މަސް ކުރިން