ގިންތިތަކެއް ކަނޑައަޅައި، ސްކޫލުތަކުން ޝަރަފުވެރި މެހުމާނުން ހަމަޖެއްސުމުގައި އާ އުޞޫލެއް


08 އޭޕްރީލު 2025 - 09:31
ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހުމާނުން ހަމަޖެއްސުމާ ބެހޭ އާ އުޞޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ދިރާސީ އާ އަހަރާއެކު އަލަށް އެކުލަވާލި އުޞޫލަށް އަމަލުކުރަން ފެށުމުން 2019 ވަނަ އަހަރުން ފެށިގެން އަމަލުކުރަން އައި އުޞޫލުވަނީ ބާޠިލްވެފައެވެ.
މި އަހަރުގެ ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު ސަރުކާރު ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ފޮނުއްވި ސަރކިއުލާގައި ބުނެފައިވާ ގޮތުގައި، ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހުމާނުން ހަމަޖެއްސުމުގައި ވަކި އުޞޫލުތަކެއްގެ ތެރެއިން އެކަން ކުރުމަކީ މުހިންމު ކަމެކެވެ. އަދި މުޖުތަމަޢުގެ މަސްލަހަތާއި ދަރިވަރުންނަށް އެކަމުގައި އެންމެ ފައިދާވާނެ ގޮތަކަށް ކަންކަން ކުރުމުގެ މަގު ފަހިކޮށްދިނުމަކީ އެ މިނިސްޓްރީގެ ސިޔާސަތު ކަމަށެވެ.
9.5 މިލިއަން ޑޮލަރުގެ އެޑިޔުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް ޕްރޮޖެކްޓް ނައިބް ރައީސް އިފްތިތާޙުކޮށްދެއްވަނި- ފޮޓޯ: ޖަވިޔަނި
ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހުމާނުން ހަމަޖައްސުމާ ބެހޭ އާ އުޞޫލުގައި ކަނޑައަޅާފައިވާ މިންގަނޑުގައި ހަތަރުކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ:
1- ސްކޫލުތަކުގައި ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ ފަރާތަކީ، މުޖްތަމަޢު ޤަބޫލުކުރާ އަޚްލާޤީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށް ވާފަދަ ފަރާތަކަށް ވުމާއި،
2- ދަރިވަރުންގެ އުމުރާގުޅޭ ގޮތަށް ޢިލްމީ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަދަ ފަރާތަކަށް ވުމާއި،
3- އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ ފަރާތެއްކަމުގައި ނުވުމާއި، އަދި މިފަދަ ކުށެއްގެ ތަހުގީގެއް ކުރެވެމުންދާ މީހެއްކަމުގައި ނުވުން، އަދި މިފަދަ ކުށެއްގެ ސަބަބުން ކުމެއް ތަންފީޒުކޮށްނިމި، 10 އަހަރު ފާއިތުވެފައިވުމާއި،
4- ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށެއްގެ ރެކޯޑް އޮތް މީހަކު ކަމުގައި ނުވުމެވެ.
މި އުޞޫލުގައި ވަނީ، ސްކޫލުތަކުން ބާއްވާ ރަސްމިއްޔާތުތަކުގެ ގިންތިތަކާއި ޝަރަފުވެރިކޮށް ދެއްވާނެ ބޭފުޅުން ކަނޑައަޅާނެ ފަރާތްތައް ބަޔާންކޮށްފައެވެ. އެއީ:
1- ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާއާއި އަދި ސްކޫލުގެ އަހަރީ ދުވަސްތަކުގެ ތެރެއިން މުޖްތަމައުގެ ބައިވެރިވުމާއެކު އެޑިޔުކޭޝަން މިނިސްޓްރީން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތައް، މިގޮތުން ސްކޫލަށް 10 އަހަރާއި 25 އަހަރާއި 25 އަހަރާއި 50 އަހަރާއި 75 އަހަރު އަދި 100 އަހަރު ފުރުން ފާހަގަކުރާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ފަރާތެކެވެ.
2- ސްޓޫޑެންޓްސް ޕޯސްޓް އެވޯޑިން ސެރަމަނީ އަދި ސްކޫލުގެ ގްރެޖުއޭޝަން ސެރަމަނީ ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލެވެ.
3- ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތައް ފިޔަވައި، ސްކޫލް ފެންވަރުގައި ފާހަގަކުރާ ސްކޫލުގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށްގެން ކަނޑައަޅާ ފަރާތަކެވެ.
4-ޚާއްޞަ އެސެމްބްލީ، ދަރިވަރުންގެ ޚާއްޞަ ހުނަރުތައް ދައްކާލުމަށް ބާއްވާ ޙަރަކާތްތައް، ޔުނީފޯމް ޙަރަކާތްތަކާއި ސްކޫލު ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ސްކޫލުގެ ޕްރިންސިޕަލް ނޫނީ ޕްރިންސިޕަލް ކަނޑައަޅާ އެހެން ސްކޫލެއްގެ ޕްރިންސިޕަލެއް ނުވަތަ ދާއިރާގެ ފަންނީ ބޭފުޅެކެވެ. މީގެތެރޭގައި އެ ސްކޫލެއްގެ އިސް ފަރާތްތައް ހިމެނިދާނެއެވެ.
މި އުޞޫލުގައިވާ ގޮތުން، ޝަރަފުވެރި މެހުމާނުންނަށް ދައުލަތުގެ އިސްފަރާތްތައް ހަމަޖެއްސުމަށް ދައުވަތު ދޭނީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން
- ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އަދި މަޖިލީހުގެ މެމްބަރުން
- އުއްތަމަ ފަނޑިޔާރު
- ކެބިނެޓް މިނިސްޓަރުން
- ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ސަފީރުން.
- ދައުލަތުގެ ޚާއްޞަ ޕްރޮޓޮކޯލްތައް ފޮލޯ ކުރައްވާ އެހެނިހެން ބޭފުޅުން.
ޝަރަފުވެރި މެހުމާނުން ކަނޑައެޅުމުގައި އުޞޫލުގައިވާ ގޮތުން ޙާލަތަށް ރިޢާޔަތްކޮށް ރަސްމިއްޔާތަށް ކަނޑައަޅާފައިވާ ޝަރަފުވެރި މެހުމާނުން ބަދަލު ކުރުމާއި އެހެން ފަރާތެއް ކަނޑައެޅުމުގެ އިޚްތިޔާރު އެޑިޔުކޭޝަން މިނިސްޓްރީއަށް ދީފައިވެއެވެ.
އިތުރު ލިޔުންތައް

އޯލެވެލް ގަދަ 10 އެވޯޑަށް ބަދަލު ގެންނާކަށް ނުވިސްނަން: އެޑިއުކޭޝަން
9 މަސް ކުރިން
އޭލެވެލްގެ ޓޮޕް ޓެން ޖަލްސާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި
9 މަސް ކުރިން
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އޮކްޓޯބަރުގައި ފެށޭނެ: މިނިސްޓަރ
9 މަސް ކުރިން