ގާފަރު ސަރަހައްދުގައި ދޮށީ ކަނދުފަތި އަޅައިފި

9 އޭޕްރީލު 2025 - 08:32
ކ.ގާފަރު ސަރަހައްދުގައި ދޮށީ ކަނދުފައްޗެއް މިއަދު އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ކަނދުފަތި ގާއިމުކޮށްފައި ވަނީ ގާފަރު އިރުން 13.5 މޭލު ބޭރުގައެވެ.

Ad by Hajj Corporation
ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ.
މަސްވެރިންގެ މަސައްކަތަށް ފަސޭހަކަން ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ދޮށީ ކަނދުފައްޗާއި ސްޕޯޓްސް ކަނދުފަތި ވެސް ވަނީ ޤާއިމުކޮށްފައެވެ.
ކަނދުފަތި އެޅުއްވުމުގެ އިތުުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރިއަށްގެންދަވަމުންނެވެ.
ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް މަސް އައިސް، ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ތިޔާގިވެއެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.