ލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފި
1 ނޮވެމްބަރު 2025 - 03:16

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް، ސަރުކާރުން އެކަން ހުއްދަކޮށް، އެކަމާ ބެހޭ އުސޫލު މިއަދު އާއްމުކޮށްފި އެވެ.
އަންނަ މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާކަން ސަރުކާރުން ކުރިން ވަނީ އިއުލާންކޮށްފަ އެވެ. މި މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއްގެ ދަށުން އެންމެ ގިނަވެގެން 40 އުޅަނދަށެވެ.

Ad by Hajj Corporation
ފިޝަރީޒް މިނިސްޓްރީން ވަނީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ތިން ވަނަ އިސްލާހު ގެނެސް މިއަދު އާންމުކޮށްފަ އެވެ. މި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިފުމާއި ބޭނުމާއި ނެގުން އަދި މެރުން މަނާ ބާވަތްތަކުގެ ތެރެއިން ކަށިމިޔަރުގެ ބާވަތްތައް ފިޔަވައި މިޔަރުގެ އެހެން ބާވަތްތައް ހިފުން މަނާވާނެ ކަމަށެވެ. މީގެ އިތުރުން، މިނިސްޓްރީން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު އަދި ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން ވެސް އާއްމުކޮށްފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށް ފަހުގަ އެވެ. ޕްލޭނުގައިވާ ގޮތުން އެންމެ ގިނަ ވެގެން ލައިސަންސް ދޫކުރެވޭނީ 40 އުޅަނދަށެވެ. ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، ލައިސަންސް ދިނުމުގައި އިސްކަންދޭނީ ހުށަހެޅި ތަރުތީބުންނެވެ. މިގޮތަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ ނޮވެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
- ކަށިމިޔަރު މަސްވެރިކަން ރާވާ ހިންގުމާ ބެހޭ ޤަވާޢިދު
- ދިވެހިރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި މި މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް، މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިންނެވެ. މެނޭޖްމަންޓް ޕްލޭނަށް ލަފާ ދިނުމަށްޓަކައި، ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި 13 މެމްބަރުންގެ ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. މި ކޮމިޓީގައި ފިޝަރީޒް ޑިޕާޓްމަންޓާއި މެރިން ރިސާޗްގެ އިތުރުން މަސްވެރިކަން ކުރާ ފަރާތްތަކާއި ޕްރޮސެސްކުރާ ފަރާތްތަކުގެ މަންދޫބުން އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަންދޫބުން ހިމެނެ އެވެ.
މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ސަރަހައްދުތަކުގައި ކަށިމިޔަރުގެ މަސްވެރިކަން ކޮށްފި ނަމަ، ކެޔޮޅާއި ލައިސަންސްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ ޖޫރިމަނާގެ އަދަދު 50،000ރ. އިތުރުކޮށް، ގިނަ ވެގެން 400،000ރ. އާ ހަމައަށް ޖޫރިމަނާކުރާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.


