މުޝްފިގުގެ މައްޗަށް ކަށު ނަމާދުކުރުން ފަސްކޮށްފި

ލ. މާވަށަށް ނިސބަތްވާ މުޝްފިޤު؛ މާވަށު ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އޭނާ ވަނީ ގެއްލިފަ

11 އޭޕްރީލު 2025 - 10:01
"ހޮޅުދޫ ބޯޓު" ގައި މި މަހުގެ ދެވަނަ ދުވަހުގެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ޒުވާނާގެ މައްޗަށް ކަށު ނަމާދުކުރުން ފަސްކޮށްފިއެވެ.
އެ ޔާދިސާގައި މަރުވި ޒުވާނާ، މުޝްފިގު ޝަރީފުގެ މައްޗަށް ކަށު ނަމަދުކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަދު ހުކުރު ނަމާދަށް ފަހު ލ. މާވަށުގެ މަސްޖިދުލް ބިލާލުގައެވެ. ނަމަވެސް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެފައި ވަނީ، މުޝްފިޤުގެ މައްޗަށް މިއަދު ކަށު ނަމާދު ނުކުރަން ނިންމާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މުޝްފިޤުގެ ޢާއިލާއާ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި، ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމާއި، އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް ކަމަށް ވިދާޅުވެ، މައްޔިތާގެ މައްޗަށް މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އުމުރުން 25 އަހަރުގެ މުޝްފިގު ހޯދަން އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރު ބަލައިފައެވެ.
މިކަމާ ގުޅިގެން މާވަށު ކައުންސިލުން މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން ބުނީ، މުޝްފިޤް ހޯދުމުގެ މަސައްކަތް ހުއްޓާލީކަމަށް އެމްއެންޑީއެފްއިން އާއިލާއަށް އަންގާފައިވާކަމަށާއި، ވުމާއެކު އާއިލާއިން ބޭނުންވީ މިއަދު ހުކުރު ނަމާދަށް ފަހު ޣައިބަަށް ކަށުނަމާދު ކުރުމަށްކަމަށެވެ.
އިތުރު ލިޔުންތައް

ޒަކާތު ފަންޑަށް މިހާތަނަށް 77 މިލިއަން ރުފިޔާ ލިބިފައިވޭ: މިނިސްޓަރު
7 މަސް ކުރިން
ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް-ޝަހީމް
6 މަސް ކުރިން
ކޮންމެ ހުކުރު ދުވަހަކު ވަޒީރު ޝަހީމުގެ ތަފްސީރު ކުލާސްތަކެއް
6 މަސް ކުރިން