logoEN
ޚަބަރު

އެއްގަމާއި ކަނޑުގެ ބާރަށް މިއަހަރު ގިނަ ކުރިއެރުންތަކެއް އަންނާނެ: ދިފާޢީ ވަޒީރު

އާމިނަތު ސަފާއާމިނަތު ސަފާ

14 އޭޕްރީލު 2025 - 06:41

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއްގަމާއި ކަނޑުގެ ބާރަށް މިއަހަރު ގިނަ ކުރިއެރުންތަކެއް އަންނާނެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 71ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެވާކަމަށް ވިދާޅުވެ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ފަދައިން އެމްއެންޑީއެފްގެ ކަނޑާއި އެއްގަމުގެ ބާރަށް މި އަހަރު ގިނަ ކުރިއެރުންތަކެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

"ދިވެހި ސިފައިންގެ ލަޝްކަރަށް އަބަދުވެސް އައު ލޭ އިންޑަކްޓް ކުރެވެމުންދާއިރު ކުދިން ބިނާކުރުމަށް މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަން. ދަރިވަރުން ސިފައިންގެ ހިދުމަތަށް ތި ނުކުންނަނީ އެންމެ މުހިންމު ދަނޑިވަޅުގައި. ރައީސް ވަނީ ފުރަތަމަ ފަހަރަށް އެއަރ ކޯއެއް (އެމްއެންޑީއެފްގެ ވައިގެ ބާރެއް) އުފައްދަވާފައި. އަދިވެސް ޤައުމީ ދިފާޢީ ބާރުގެ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން"

ވަޒީރު މިހެން ވިދާޅުވިއިރު އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ވަނީ ނިންމާފައެވެ.

ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން، އެ އުޅަނދު ރާއްޖެ އަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިކަމާއި ގުޅިގެން ދިވެހި ދިފާޢީ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްކަމަށެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށް ދިފާޢީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް

871x217_placeholder