logoEN

ޣައްޒާގައި ހުރި ހަމައެކަނި ހޮސްޕިޓަލްވެސް ސުންނާފަތި ކޮށްލައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

14 އޭޕްރީލު 2025 - 11:55

ފަލަސްޠީނުގެ ޣައްޒާގައި ފުރިހަމައަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ ހަމައެކަނި ހަސްފަތާލަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާއެއްދީ، އެ ތަން ބަންދު ކުރުމަށް މަޖުބޫރު ކޮށްފިއެވެ.

ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން ޔަހޫދީ ފައުޖުން އެ ތަނަށް ޙަމަލާދީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް ހިންގާފައި މި ވަނީ، ޣައްޒާގެ މުސްލިމުން ޞިއްޙީ ފަރުވާއިން މަޙްރޫމު ކުރުވުމުގެ ހީލަތްތެރި ނިޔަތުގައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޙަމަލާއަށް ފަހު އެ ހަސްފަތާލު ވަގުތީ ގޮތުން ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި، އެ ތަނުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނާއި، ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

މިއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން އެ ހަސްފަތާލަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ފަސްވަނަ ފަހަރެވެ.

ޣައްޒާގެ މުސްލިމުންނަށް ޞިއްޙީ ފަރުވާ ލިބެން އޮތް ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާއިރު، ޑަބްލިޔުއެޗްއޯން ބުނީ، އެ އަލް-އަހްލީގެ އިތުރުން އިންޑޮނީޝިޔާ ހަސްފަތާލަށް ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވެސް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ.

އަދި، އެއާ އެކު ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ.ޣައްޒާގައި މި ވަގުތު ހިންގަމުންދާ މަދު ހަސްފަތާލުތަކުގެ ތެރޭގައި ހިމެނޭ އަލް-އަހްލީއަކީ ދުވާލެއްގެ މައްޗަށް 1,000އަކަށްވުރެ ގިނަ މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔަ މުހިންމު މަރުކަޒެކެވެ. އޭގެ ތެެރޭގައި ގިނައީ، ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނެވެ. ޣައްޒާ ސިޓީގައި ދެން ހުންނަނީ އަލް-ޝިފާ ހަސްފަތާލެވެ. ނަމަވެސް، ހުސްވި އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ އެ ތަނަށް ވެސް ބޮންއަޅައި ސުންނާފަތި ކޮށްލާފައެވެ.

ކޮމެންޓް

871x217_placeholder