logoEN
ޚަބަރު

ހަސަން ކުރުސީ އެކައުންޓު ހިނގާ މިހާ އެނގޭ: ރަޝިއާ

އާމިނަތު ސަފާއާމިނަތު ސަފާ

16 އޭޕްރީލު 2025 - 07:13

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ސަރުކާރާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ހިއްސާކުރަމުން އަންނަ ކާކުކަން ނޭނގޭ "ހަސަން ކުރުސީ" އެކައުންޓު ހިންގާ މީހާ އެނގޭކަމަށް ރަޝިއާއިން ބުނެފިއެވެ.

ކުރުސީއަކީ ކާކުކަން އެނގޭކަމަށް ބުނެ ރަޝިއާއިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ލީވާން ޖަރުކަ ބުނެފައިވަނީ ކުރުސީ އެކައުންޓު ހިންގާ މީހާއަކީ ކާކުކަން ރަޝިއާގެ ވެރިންނަށް އެނގޭކަމަށާއި އެ އެކައުންޓުގެ ފަހަތުގައި ހުރީ ސިޔާސީ މީހެއްކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރަޝިޔާއަށް އެކި ބާވަތުގެ އާލާތްތައް ފޮނުވާކަމަށް ތުހުމަތުކޮށް "ހަސަން ކުރުސީ" އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ސަފީރު ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ކުރުސީ ހިންގަނީ ޔޫރަޕްގެ ގައުމެއްގައި މިވަގުތު ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ ފަރާތެއްކަމަށާއި ހަސަން ކުރުސީ އުޅެނީ ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުން ހީނަރުކުރަން ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެނަދަވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލުކަމުގައި ދިވެހިރާއްޖެ ދެކޭ ރަޝިޔާގެ ފަތުރުވެރިން މި މަސައްކަތުގައި ވަރަށް ބޮޑު ހިއްސާއެއްވާކަމަށްވެސް ލީވާންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކުރުސީގެ އެކައުންޓު ހިންގަވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެކަން އެމަނިކުފާނު ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެކަން ސާބިތުކުރަން، އެ އެކައުންޓުގެ ފަހަތުގައި ހުރި މީހަކު ހޯދަން ރައީސް ނަޝީދު އޭރުވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފައެވެ. މީގެ ކުރިން އެ އެކައުންޓުގެ ފަހަތުގައި ހުރި މީހަކު ހޯދަން އެ މައްސަލަ ފުލުހުން ތަހުގީގުކުރަންވެސް ފެށިއެވެ.

ހަސަން ކުރުސީގެ ނަމުގައި ފޮރުވިގެންތިބެ ތަފާތު ވާހަކަތައް ފަރުރަމުން އަންނަ މި އެކައުންޓު ވުޖޫދުވީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

މިހާރު 50،000 އަށްވުރެ ގިނަ މީހުން އެކްސް ޕްލެޓްފޯމްގައި ކުރުސީ ފޮލޯކުރެއެވެ.

ކޮމެންޓް

871x217_placeholder