އެމްޓީސީސީގެ ފްލެޓް މައްސަލާގައި ކުރީގެ ސީއީއޯ ޝާހްއާއެކު އިތުރު ހަތަރު މީހަކަށް ދައުވާ ކުރަނީ


17 އޭޕްރީލު 2025 - 01:40
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހްއާއި އިތުރު ހަތަރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން އިއްުޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހްގެ އިތުރުން، ކުރީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީ، އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި މަސައްކަތްކުރި ޙުސައިން ޒުހުރީ، މުޙައްމަދު ނާޡިމް އަދި އިސްމާޢީލް އަދުހަމްގެ މައްޗަށެވެ.
އޭސީސީގެ ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގައި، ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ 2 ޓަވަރު އެޅުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީފައިވެއެވެ. އަދި އެ ކުންފުނިން އެއްބަސްވުމާ ޚިލާފުވި ނަމަވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އެޑްވާންސް އަދި ޕްރޮގްރެސިވް ޕޭމަންޓްތައް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މި ޢަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް 39,241,855.78 ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި އިތުރު ގެއްލުންތައް ހިސާބުކޮށް އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ދައުލަތަށް ފައިދާއެއް ލިބެ ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ޝިފާޢު ޢަލީގެ މައްޗަށް ކުށެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ކުރުމަށް އޭސީސީން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.
އިތުރު ލިޔުންތައް

މާލެ ސަރަހައްދުގައި ފަތިހު 05 ޖަހާއިރު ބަހުގެ ޚިދުމަތްދޭން ފަށާނެ: އެމްޓީސީސީ
7 މަސް ކުރިން
ރަސްމާލެ، ގިރާވަރު ފަޅު އަދި ގުޅީފަޅު ގުޅާލުމަށް ރާއްޖެއިން ބޮޑު ޓްރާންސްޕޯޓް ނެޓްވޯކެއް ތައާރަފްކޮށްފި
7 މަސް ކުރިން
ޕީއެސްއެމްގެ ޚިޔާނަތުގެ މައްސަލަ އޭސީސީއަށް
7 މަސް ކުރިން