މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ ރަޖިސްޓްރީކޮށްފި


17 އޭޕްރީލު 2025 - 12:42
މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިމަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގައި ހަރަކާތްތެރިވާ 95 އިންސައްތަ މަސްވެރި އުޅަނދު ދަފުތަރު ކޮށްފައިވާކަމަށެވެ.
"މަސްވެރިންނާއި ގުޅިގެން ސަރުކާރުން ފެއްޓެވި އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިންނަށް ލޯނު ނެގޭނެ ގޮތް ބޭންކްތަކުގެ ތެރެއިން ހަމަޖެއްސުން. މިދަފުތަރުގައި ރަޖިސްޓްރީވާ ކޮންމެ މަސްވެރިއަކަށް ލޯނާއި ކްރެޑިޓް ފެސިލިޓީއަށް އެޕްލައިކުރެވޭ"
ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުންކަމަށްވާއިރު، ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މަޢުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަސްވެރިން ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ދަފްތަރު އެކުލަވާލެއްވުމަށްފަހު އެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލެއްވުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރުވަމުންދާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށެވެ.
މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.