logoEN
ޚަބަރު

މި ދައުރުގައި އަމިއްލަ ބާރުވެރިކަމާއެކީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިގެންދާނެ

އާމިނަތު ސަފާއާމިނަތު ސަފާ

21 އޭޕްރީލު 2025 - 05:19

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރިން އޮތް ނިޒާމު ބަދަލުކުރެވިމި ދައުރުގެ ތެރޭގައި އަމިއްލަ ބާރުވެރިކަމާއި އެކީގައި ސަރަހައްދު ބެލެހެއްޓުމުގައި ޤާބިލުކަން ދިވެހި ސިފައިންނަށް ލިބިގެންދާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ މި ރިޔާސީ ދައުރުގައި ސިފައިން ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާތައް މިހާރު ވެސް އަންނަނީ ފެންނަމުންކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ބޭރަށް ބަރޯސާވެގެން އަޅުގަނޑުމެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރިން އޮތް ނިޒާމު ބަދަލުކުރެވި، އަޅުގަނޑުމެން އަޅުގަނޑުމެން އަމިއްލަ ބާރުވެރިކަމާއި އެކީގައި ސަރަހައްދު ބެލެހެއްޓުމުގައި ޤާބިލުކަން އަޅުގަނޑުމެންނަށް ލިބިގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދާނެ."

ޙިލްމީ ވިދާޅުވީ ސިފައިންނަކީ ސިފައިން ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ތިބެ، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސައުވީސް ގަޑިއިރު އަބަދުވެސް ތައްޔާރަށް ތިބޭ ބައެއް ކަމަށާއި ސިފައިންގެ ޔުނީފޯމް އަޅައިގެން ސިފައިން މަސައްކަތްކުރަމުން މި ގެންދަނީ އެކަން ގަބޫލުކޮށް، ސިފައިންނަކީ އަބަދުވެސް ސައުވީސް ގަޑިއިރު ޚިދުމަތުގައި ދެމިތިބޭ ދެމި ތިބެންޖެހޭ ބައެއްގެ ގޮތުގައި ގަބޫލުކޮށްގެން ކަމަށެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ކޮންމެ ދުވަހެއް ފާހަގަ ކުރި ނަމަވެސް ސިފައިންގެ ދުވަސް ފާހަގަ ކުރަން ފެށުމުގެ ކުރިން ވެސް ސިފައިންނަކީ ރާއްޖޭގައި މިނިވަންކަން ދިފާއުކުރުމަށް ޓަކައި މަތިވެރި ގުރްބާނީތަކެއް ވެފައި ތިބި ބައެއް ކަމަށް ހިލްމީ ވިދާޅުވިއެވެ.

ސިފައިންގެ 133 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޤާބިލު އަސްކަރިއްޔާ – ޤައުމުގެ ފަޚުރު" މި ޝިޢާރެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލު 21 ވަނަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder