އިޒްރޭލް ޕާސްޕޯޓު މަނާކުރިޔަސް ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ: މިނިސްޓަރ ތާރިގް

23 އޭޕްރީލު 2025 - 12:19

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދަށް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ތާރިގް ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވިކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.

Ad by Hajj Corporation
"ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ ދުވަހަކު ވެސް މޮނިޓަރކުރަމުން އަންނަން. އެ އަދަދުތަކަށް ބަދަލެއް އާދޭތޯ ކޮންމެ ދުވަހަކު ވެސް ބަލަން. މިގޮތަށް ބަލަމުންދާއިރު އަޅުގަނޑުމެންނަކަށް މޭޖަރ އިމްޕެކްޓެއް، ނުވަތަ އަންނަ ފަތުރުވެރީން މަދުވެ އެކަހަލަ ކަމެއް ނެތް އަދިއެއް," މިނިސްޓަރ ތާރިގް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ނުވަތަ ރާއްޖެއަށް ނައުމަށް ގޮވާލުމުގެ ގޮތުން އެއްވެސް ފަރާތަކުން މަސައްކަތްކުރާކަން ފާހަގަކުރެވިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ތާރިގް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ދަނީ އިޒްރޭލް ޕާސްޕޯޓު މަނާކުރީ ކީއްވެގެންކަން ރާއްޖޭގައި ތިއްބެވި ޑިޕްލޮމެޓިކް މިޝަންތަކާއި ރާއްޖެއިން ބޭރުގައި ތިއްބެވި ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއަށް ވެސް ކިޔައިދެމުން ކަމަށެވެ.