logoEN
ޚަބަރު

ބޭންކު ކާޑުގެ މަޢުލޫމާތު ހާމަވިޔަސް، ކަސްޓަމަރަށް މާލީ ގެއްލުމެއް ނުވާނެކަމަށް ބީއެމްއެލްއިން ކަށަވަރުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ

23 އޭޕްރީލު 2025 - 12:28

ބޭންކު ކާޑުގެ މަޢުލޫމާތު ހާމަވިޔަސް، ކަސްޓަމަރުންނަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރުކޮށްދީ، ކާޑުގެ މުޢާމަލާތްތަކުގެ ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ދެއްވި މަޢުލޫމާތުގައި، ބޭންކު ކާޑާއި ފައިސާގެ މުޢާމަލާތްކުރާ ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށްކަމަށް ވިދާޅުވިއެވެ. އޮންލައިންކޮށް ކުރެވޭ ފައިސާގެ މުޢާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ނިޒާމެއް ހިންގައި، މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރާނެކަމަށްވެސް އެ ބޭންކުން ހާމަކުރިއެވެ.

ބޭރުގެ ފައިސާގެ މުޢާމަލާތު ހިންގާ ފަރާތްތައް ހެކުވެ، މަޢުލޫމާތު ހާމަވާ ހާލަތްތަކުގައި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ ކަމަށާއި، މިފަދަ ހާލަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިޔަން ކަސްޓަމަރުންނަށް ދިމާވެފައި އެބަ ހުރިކަމަށް ބެންކުން ވިދާޅުވެފަވެއެވެ.

ބީއެމްއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކާޑުގެ މަޢުލޫމާތު ހާމަވެދާނެ ކަމެއް ހިނގައިތޯ އެ ބޭންކުން ދަނީ މޮނިޓަރކުރަމުންނެވެ. މަޢުލޫމާތު ހާމަވެގެންދާ ހާލަތެއްގައި ނުވަތަ ޑޭޓާ ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި، ބޭންކުން ވަގުތުން ކާޑު ބްލޮކްކޮށް، އައު ކާޑެއް ދޫކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިފަދަ ކަމަކުން ފައިސާ ގެއްލިއްޖެނަމަ ޑިސްޕިއުޓްކުރުމުގެ ފުރުސަތު ކަސްޓަމަރަށް ދެވި، ގެއްލުނު ފައިސާ ހޯދައިދެވޭނެ، އެހެންކަމުން ހެކްވެ، ކާޑުގެ މަޢުލޫމާތު ހާމަވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް މާލީ ގޮތުން ގެއްލުމެއް ނުވާނެކަން އަޅުގަނޑުމެން ކަށަވަރުކޮށްދެން." ބެންކުން ވިދާޅުވެފަވެއެވެ.

ކޮމެންޓް

871x217_placeholder