ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު


25 އޭޕްރީލު 2025 - 09:52
ދިވެހިރާއްޖެ ފަދަ ނާޒުކް އިގްތިޞާދެއްގެ ވެރި ޤައުމެއް ހިންގުމުގެ ނިޒާމާއި، ދައުލަތުގެ ކަންކަން ތަރުތީބު ކުރުމުގެ ނިޒާމް ވާންވާނީ އެންމެ ޚަރަދުކުޑަ ނިޒާމްތަކަށެވެ. ތަރައްޤީއާއިމެދު ރައްޔިތުންގެ އުންމީދުތައް އެންމެ ތަރައްޤީވެފައިވާ ޤައުމުތަކާއި އެއް ހަމައެއްގައި ހުރިއިރު، ތަރައްޤީގެ މަޝްރޫޢޫތަކަށް ފައިސާ ސަލާމަތްކުރުމަށްވެސް މިއީ ނުހަނު ބޭނުންތެރިކަމެކެވެ. މިގޮތުން ބަލާއިރު ރާއްޖޭގައި ބާއްވާ އިންތިޚާބުތައް ބޭއްވުމަށް ޤާނޫނީ ތަރުތީބު ގެނެވިފައިވާގޮތުން އެތައް ފައިސާއެއް އިސްރާފްވެގެންދާކަމަށް ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭތާ އެތައް ޒަމާނެއްވެއްޖެއެވެ. މިހާރު މިއޮތް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރާއި ހަމައަށް އެކަމަށް ހައްލު ހޯދާނޭ ސަރުކާރެއް މިހާތަނަށް ލިބިފައި ނުވާއިރު، މި ސަރުކާރުން މިވަނީ އެކަމަށް އިސްނަންގަވާފައެވެ. މިގޮތުން ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާއި، ލޯކަލް ކައުންސިލްތައް ހިންގުމުގެ ގޮތްތަކާއި، މެމްބަރުންގެ ޢަދަދަށް ގެނެވޭ ބަދަލުން ބަޖެޓުން ބޮޑު ބުރައެއް ސަލާމަތްކުރުމާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ޤާނޫނީ ހައްލެއް ހޯދުންފަދަ ކަންކަމަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްވެ، ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންކުރެވިދާނެކަމެކެވެ. ރައްޔިތުންގެ ބޭސްފަރުވާއާއި، ތަޢުލީމާއި، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުންފަދަ ކަންކަމަށް އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވިދާނެކަންކަމެވެ.
މިކަންކަމުގެ ތެރެއިން ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއްބުރުން ނެރެވޭނެ ހައްލެއް ހޯދުމަށް އެކަނި ބެލިނަމަވެސް 1000 އެއްހާ ޢާއިލާ އަށް ބޯހިޔާވަހިކަމަށް ބޭނުންވާ ފައިސާ ސަލާމަތްކުރެވޭނެއެވެ. ރިޔާސީ އިންތިޚާބު އެއްބުރުން ނެރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ނެރުއްވީ މިހާތަނަށް އެންމެ ފުރިހަމަ ވިސްނުންފުޅުކަމަށް ފެނެއެވެ. އެއީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދިޔުމެވެ. މި ނިޒާމަކީ ޤައުމަށް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ނިޒާމެކެވެ.
ޕްރިފެރެންޝަލް ވޯޓިން އަކީ ކޮބާ؟
ޕްރިފެރެންޝަލް ވޯޓިން އަކީ ވޯޓުލާ ފަރާތްތަކަށް އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ތަރުތީބުން އިސްކަންދީގެން ވޯޓުލެވޭ ނިޒާމެކެވެ. މި ނިޒާމުގައި ވޯޓުލާ ފަރާތްތަކަށް އެމީހުން އެންމެ ބޮޑަށް ތާއީދުކުރާ ކެންޑިޑޭޓުގެ ނަން ފުރަތަމަ ލިޔެ، ދެން ދެވަނައަށް ތާއީދުކުރާ ކެންޑިޑޭޓުގެ ނަން ލިޔެ، މިގޮތަށް ތަރުތީބުކުރެވިދާނެއެވެ. ނުވަތަ ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެންނެވެ. އެއީ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް މިގޮތަށެވެ.
މި ނިޒާމު ޕްރެކްޓިސްކުރާ ދުނިޔޭގެ ޤައުމުތަކަކީ ކޮބާ؟
ދުނިޔޭގައި އަމާންކަމާއި، އިގްތިސާދީ ގޮތުންނާއި، ތައުލީމީ އަދި އިޖުތިމާއީ ތަރައްގީއާއި ތަމައްދުން ހޯދާފައިވާ އެއް ޤައުމުކަމަށްވާ އޮސްޓްރޭލިޔާއަކީ މި ނިޒާމް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ޤައުމެކެވެ. އޮސްޓްރޭލިއާގެ ފެޑްރަލް އަދި ސްޓޭޓް އިންތިހާބުތަކުގައި ވެސް ބޭނުންކުރަނީ 'ފުލް ޕްރިފެރެންޝަލް ވޯޓިން' އެވެ.
އަޅުގަނޑުމެންގެ އަވަށްޓެރި ސްރީލަންކާގައި ވެސް ރިޔާސީ އިންތިޚާބުގައި ނަތީޖާ ނެރުމަށް މި ނިޒާމް އަންނަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ. އެ ޤައުމުގައި ރިޔާސީ ރޭހެއްގައި ކިތަންމެ ގިނަ ކެންޑިޑޭޓުންނެއް ތިބި ނަމަވެސް ރޭންކްކުރަން ޖެހެނީ އެންމެ ކަމުދާ ތިން ކެންޑިޑޭޓުންނަށެވެ. އެކަން އޮންނަނީ ވޯޓުލާ މީހާއަށް ލިބިދޭ އިހުތިޔާރެއްގެ ގޮތުގައެވެ. ބޭނުން ނަމަ އެންމެ ކަމުދާ ކެންޑިޑޭޓަށް އެކަނި ވެސް ވޯޓު ދެވެއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ނުލިބޭނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުން އުނިކޮށް، އެހެން ކެންޑިޑޭޓުންގެ ވޯޓުތަކުގައި ހިމެނޭ "ދޭއް" ނަންބަރަށް ބަލަނީއެވެ. މަދުން ވޯޓު ލިބުނު ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްތަކުގައި "ދޭއް" ރޭންކިން ދިން ވޯޓުތައް އެއްކުރުމަށް ފަހު އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ވާނެއެވެ. މި ބުރުގައި ކޮންމެހެން 50 އިންސައްތަ ހަމަވުން ލާޒިމެއް ވެސް ނުކުރެއެވެ.
އަޔަރލޭންޑްގައި ރިޔާސީ އިންތިޚާބާއި، ޕާލަމެންޓް އިންތިޚާބުގައި ވެސް ބޭނުންކުރަމުން އަންނަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމެވެ. ނިއުޒިލެންޑްގައި ލޯކަލް އިލެކްޝަންތަކުގައި މި ނިޒާމް ބޭނުންކުރަމުން އަންނައިރު، މަލްޓާގައި ޕާލަމެންޓަރީ އިންތިޚާބުގައި މި ނިޒާމް ބޭނުންކުރެއެވެ. އަދި އެމެރިކާގައި ވެސް ބައެއް ސްޓޭޓް އިންތިޚާބުތަކުގައި މި ނިޒާމް ބޭނުންކުރެއެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމު ހިންގުމުގައި އެކި ޤައުމުތަކުގައި ތަފާތުގޮތްތައް ގެންގުޅުނު ނަމަވެސް މި ނިޒާމުގައި،
- ވޯޓު ގުނާއިރު، ފުރަތަމަ ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ފުރަތަމަ ޗޮއިސްގެ ވޯޓު ގުނެވޭނެއެވެ.
- އެއްވެސް ކެންޑިޑޭޓަކަށް 50% އަށްވުރެ ގިނަ ވޯޓު ނުލިބޭނަމަ، އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު ވަކިކުރެވޭނެއެވެ.
- ވަކިކުރެވުނު ކެންޑިޑޭޓަށް ވޯޓުދިން މީހުންގެ ދެވަނަ ޗޮއިސް، އެހެން ކެންޑިޑޭޓުންނަށް ބަހާލެވޭނެއެވެ.
- މި ޕްރޮސެސް ތަކުރާރުކޮށް، އެއް ކެންޑިޑޭޓަކަށް 50% އަށްވުރެ ގިނަ ވޯޓު ލިބެންދެން ކުރިއަށްދާނެއެވެ.
ޕްރިފެރެންޝަލް ވޯޓިން ތަޢާރަފުކުރުމުން ލިބޭ ފައިދާތައް
މި ނިޒާމަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ލިބިދެވޭ ފިރުސަތަކެވެ. މިގޮތުން މި ނިޒާމްގެ ނަތީޖާ ނުކުންނާނީ ގިނަ ރައްޔިތުންގެ ޚިޔާލު ތަމްސީލުވާ ގޮތަށެވެ. އަދި މެޖޯރިޓީ ވޯޓަށްވުރެ ހަމަހަމަ ނިޒާމަކަށް މި ނިޒާމްވެގެން ދާނެއެވެ.
މި ނިޒާމުގައި ސިޔާސީ މަސްރަޙު ހޫނުނުވެ، އާންމު މަސްލަހަތު ދަމަހައްޓަން ބާރުލިބެއެވެ. މި ނިޒާމުގައި ކެންޑިޑޭޓުން އެހެން ޕާޓީތަކުގެ ވޯޓަރުންނަށްވެސް އަމާޒުކޮށްގެން ކެމްޕޭންކުރުމާއި، ނެގެޓިވް ކެމްޕޭނިންގ މަދުވުމަކީ ހަމަޖެހުން އޮތުމަށް ލިބިދޭ ފުރުސަތުތަކެވެ. މިގޮތުން ކެންޑިޑޭޓުންނަށް ވީހާވެސް ގިނަ ވޯޓުދޭ ފަރާތްތަކުގެ ފަރާތުން ރަނގަޅު ތަރުތީބެއް ހޯދަން ބޭނުންވާނެތީ، ފުޅާ ދާއިރާއެއްގައި ތާއީދު ހޯދުމުގެ ފައިދާ ލިބެއެވެ. މިގޮތުން އިޝޫތަކަށް އަމާޒުކުރެވޭ ކެމްޕެއިންތަކަށް މަގުފަހިވެގެންދެއެވެ.
ވޯޓުލާ ފަރާތްތަކަށް ލިބޭ ބާރަކީ ވެސް މި ނިޒާމްގެ މުހިންމު ފައިދާއެކެވެ. މި ނިޒާމްގައި އެމީހަކަށް ކަމުދާ ގިނަ ޗޮއިސްތަކެއް ދެވުމުގެ ފުރުޞަތު ލިބެއެވެ. އެހެންކަމުން އެއީ ބޭކާރު ވޯޓު މަދުވުމަށް ލިބިދެވޭނެ ފުރުސަތެކެވެ. ވޯޓުދޭ ފަރާތްތަކަށް އެއް ކެންޑިޑޭޓަކު އިޚްތިޔާރުކުރުމުގެ ބަދަލުގައި ގިނަ ކެންޑިޑޭޓުން ތަރުތީބުކުރެވިދާނެއެވެ. މިގޮތުން އެމީހުންގެ އެންމެ މަތީ ޗޮއިސް ކާމިޔާބު ނުވިޔަސް އެމީހުންގެ ވޯޓު ގުނިގެންދާނެއެވެ. އެހެންވެ، ވޯޓުދޭ ފަރާތްތަކުން މަޤްބޫލުކަން ކުޑަ ކެންޑިޑޭޓަކަށް ވޯޓު "ބޭކާރުވެދާނެތީ" ކަންބޮޑުވާކަށް ނުޖެހެއެވެ. އެމީހުންނަށް ތެދުވެރިކަމާއެކު އެމީހުންގެ ޗޮއިސްތައް ތަރުތީބުކުރެވިދާނެއެވެ.
މި ނިޒާމުގައި އަޣުލަބިއްޔަތުގެ ތާއީދު ހޯދުމަށް ބާރުއަޅައެވެ. ކެންޑިޑޭޓަކު ކުޑަ އަޣުލަބިއްޔަތަކުން ކާމިޔާބުކުރުމުގެ ބަދަލުގައި ފުޅާ ދާއިރާއެއްގައި ތާއީދު ހޯދަންޖެހެއެވެ. މިގޮތުން ފައިނަލް ޗޮއިސްއަކީ ވޯޓުދޭ ފަރާތްތަކުގެ ތަމްސީލު ރަނގަޅަށް ކުރެވޭ ޗޮއިސްއަކަށް ވެގެންދެއެވެ.
މި ނިޒާމްގެ އެންމެ ޚާއްޞަ އަނެއް ފައިދާ އަކީ ބޮޑުތަނުން ޚަރަދު ކުޑަވުމެވެ. އަލުން ދެވަނަ ބުރަކަށް ދާންޖެހުމުން ދައުލަތަށް ކުރަންޖެހޭ ޚަރަދުގެ އިތުރުން ކެންޑިޑޭޓުންނަށް ވެސް އެންމެ ޚަރަދު ކުޑަވާނެ ނިޒާމަކީ މިއެވެ.
ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ނިޒާމެއް
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ބާރު އިތުރުކޮށްދޭ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ވޯޓުލާ ފަރާތްތަކަށް އެމީހުންގެ ޚިޔާލު ފުޅާ ދާއިރާއެއްގައި ފާޅުކުރުމުގެ ފުރުޞަތު ލިބި، އިންތިޚާބުތަކުގެ ނަތީޖާ އިތުރަށް ހަމަހަމަވެގެންދާނެއެވެ. އަދި މީގެ ސަބަބުން ސިޔާސީ މަސްރަޙު އިތުރަށް ރަނގަޅުވެ، ޤައުމީ އެއްބައިވަންތަކަން އިތުރުވެގެންދާނެއެވެ.
މި ނިޒާމުގެ މަޤްޞަދަކީ ވޯޓުދޭ މީހުންގެ އަޣުލަބިއްޔަތުގެ ތާއީދު ލިބިފައިވާ ކެންޑިޑޭޓެއް އިންތިޚާބުކުރުމެވެ. މިގޮތުން ވޯޓުދޭ މީހުންނަށް އެމީހުން ގަބޫލުކުރާ ތަރުތީބަކުން ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުޞަތު ދެއެވެ. މިކަމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ތަމްސީލުކުރެވުމާއި، ވޯޓުދޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ނުރުހޭ ކެންޑިޑޭޓެއް ކާމިޔާބުވުމުގެ ފުރުޞަތު ކުޑަވެގެން ދިއުމުގެ އިހްތިމާލު އޮވެއެވެ.
އެހެންކަމުން، ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް، ރައްޔިތުންގެ އަޑު އިތުރަށް އުފުލައިދޭނެ ނިޒާމެކެވެ. މި ނިޒާމަށް ބަދަލުވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަޤުބަލަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ދެކެމެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން