ނުފޫޒެއް ނެތް، އީސީއަކީ މިނިވަންތަނެއް: އީސީގެ ނައިބު ރައީސް
12 ސެޕްޓެމްބަރު 2025 - 09:43

ސިޔާސީ ޕާޓީތަކާމެދު ވަކިގޮތަކަށް އަމަލުކުރަން ނުފޫޒެއްނެތްކަމަށާއި އިލެކްޝަން ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއްކަމަށް ކޮމިޝަނުގެ ނައިބުރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވެއްޖެއެވެ.
ނައިބުރައީސް ޞަލާޙް މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު ކޮމިޝަނަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ޕޯސްޓާ ގުޅިގެން މެންދުރަށް މައުލޫމާތުދެއްވަމުންނެވެ.

Ad by Hajj Corporation
އިބްރޭގެ ޕޯސްޓުގައިވަނީ ސިޔާސީޕާޓީތަކުގެ ޤާނޫނުގެ ދަށުން ޕާޓިތަކުގެ ލީޑަރޝިޕަށް އަންނަ ބަދަލުތައް އީސީއަށް އަނގަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެހެނިހެން އިދާރާތަކަށްބޭނުންވާ ޕާޓީގެ މަޤާމްތަކުގަތިބޭ މީހުންގެ ލިސްޓް އީސީއިން ސްޓޭމްޕްކުރުމަށްފަހު މީގެ ކުރިން އެއްދުވަހުންލިބޭކަމަށް އިބްރޭ ވިދާޅުވެފައިވެއެވެ. ނަމަވެސް އީސީގެ ރައީސްކަމާ މުޙައްމަދު ޒާހިދު ހަވާލުވެވަޑައިގެންފަހުން ރައީސް މުއިއްޒުގެ އެންގެވުމަށް ޕީއެންސީ ނޫން އެހެންޕާޓީތަކަށް ޖެއްސުންކުރަމުންދާކަމަށް ބުނެ އިބްރޭވަނީ އީސީގެ މިނިވަންކަމާމެދު ސުވާލުއުފައްދަވާފައެވެ.
"ނަމަވެސް ޒާހިދު އީސީގެ ރައީސްކަމާ ހަވާލުވެ މުއިއްޒުގެ އިރުޝާދާ ލަފާގެ މަތިން މަޤާމްގެ ނުފޫޒްބޭނުންކޮށްގެން ޕީއެންސީ ނޫން އެހެންޕާޓީތަކަށް ޖެއްސުންކުރަން ފެށިފަހުން މިލިޔުން ހަފްތާއެއްވީއިރުވެސް ނުދީގެން މިއުޅެނީ، އިއްޔެ ގުޅީމަބުނީ ޕާލިމެންޓް މެންބަރުން މަޤާމަށް ހޮވުނުގޮތް ބަޔާންކޮށްފައި ސިޓީއެއް ލިޔަން ، އެމީހުން މަޤާމަށްހޮވުނީ އީސީއިން އިންތިޚާބުބައްވާ އެކަން އިއުލާނުކުރީމާ އެއްނޫންތަ." ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ)
މިކަމާ ގުޅިގެން ކޮމިޝަނުގެ ނައިބުރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތަކަށް އަމަލުކުރާކަށް އަދި ވަކި ސިޔާސީ ޕާޓީއަކަށް ވަކި ގޮތަކަށް އަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނާންގަވާކަމަށެވެ. ކޮމިޝަނަކީ ޤާނޫނީ ގޮތުން މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ އިޙްތިޔާރު ލިބިފައިވާ މުސްތަގިއްލު މުއައްސަސާއެއްކަމަށް ނައިބުރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ރައީސްގެ ވިޔަސް ނުވަތަ ސަރުކާރުގެ އެހެން ފަރާތެއްގެ ވިޔަސް ނުފޫޒެއް އީސީގެ މެމްބަރުންގެ މައްޗަށް ނެތްކަމަށް ވިދާޅުވިއެވެ.
ޞަލާޙް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންވެފައިވާ ކަންކަން ކުރަންވާނީ ބަޔާންވެފައިވާގޮތުގެ މަތިންކަމަށެވެ. އެގޮތުން ޕާޓިތަކުގެ ލީޑަރޝިޕަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް ސީދާ އެޕާޓީއަކުން ކޮމިޝަނަށް އަންގަންޖެހޭނެކަމަށް ޞަލާޙް ވިދާޅުވިއެވެ.
އަދި މިހާރު މިކަން ހަމަޖެހި އެމްޑީޕީއަށް އެކަން އަންގާފައިވާނެކަމަށާއި ވަގުތުކޮޅެއް ނެގީ ރަސްމީ އިދާރައަކަށް ފޮނުވަން އެދޭ ލިޔުމެއްގައި ކޮމިޝަނުން ތައްގަނޑު ޖެހުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށާއި، އެފަރާތުން ހުށަހެޅި ޑޮކިއުމެންޓުތައް ވެރިފައިކޮށް ސައްހަކަން ކަށަވަރު ކުރުމަށްފަހު ޕްރޮސެސް ކުރުމަށް ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކާމެދުގައިވެސް އެ ކޮމިޝަނުން އަމަލުކުރާނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.