logoEN
ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފިއެވެ.

ފަސް ދުވަހުގެ ދަތުރުފުޅުފަހު އެމަނިކުފާނު ފުރާ ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނު ދަތުރުފުޅެކެވެ.

އެގޮތުން މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައިވެއެވެ. އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސް ބައްދަލު ކުރައްވާފައިވެއެވެ.

އިމީގެ އިތުރުން އިމާމުންނާއި ޚަޠީބުންނާއި ބައްދަލު ކުރައްވާ ނަޞޭޙަތުގެ ބަސްކޮޅެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވެވިއެވެ. އަދި ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަ ކުރައްވާފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ޚުޠުބާއެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޙަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓް

871x217_placeholder