އައިޖީއެމްގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިގެން ފިޔަވަޅުއަޅައިފި


01 މޭ 2025 - 13:29
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާތީ ފިޔަވަޅުތައް އަޅައި އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗް އިން ބުނީ ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި މަދު ކުދިންތަކެއް ކިބައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށެވެ.
މި ބެކްޓީރިއާ ފެނުމާ ގުޅިގެން ވަގުތުން އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރި އެވެ.
"މިފަދަ ބެކްޓީރިއާތަކަކީ ކްރިޓިކަލް ކެއާ ދޭ ތަންތަނުގައި، ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ބަލިމީހުންގެ މެދުގައި ފެތުރުން އެކަށީގެންވާ އެއްޗެއް," އައިޖީއެމްއެޗުން ބުންޏެވެ.
"ނަމަވެސް، މިހާރު ހާލަތު ރަނގަޅަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ބެކްޓީރިއާ އިތުރަށް ފެތުރެމުންދާކަން މިހާރު ފާހަގަ ނުވޭ." އައިޖީއެމްއެޗުން އިތުރަށް ބުންޏެވެ.
ހޮސްޕިޓަލުން އިތުރަށް ބުނީ ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށެވެ.
އިތުރު ލިޔުންތައް

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓު ހައުސް އިން ފެނުނު މީހާގެ ހާލު ސީރިއަސް
8 މަސް ކުރިން
ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
7 މަސް ކުރިން
އައިޖީއެމްއެޗުގައި އައިވީއެފް ހަދަން ފަށަން ތައްޔާރު
7 މަސް ކުރިން