ކުޑަކުދިންގެ ދުވަހު ޝިއާރު: އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން


04 މޭ 2025 - 05:30
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން " މި ޝިއާރު ކަނޑައަޅާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ޝިއާރުން ބުނެދޭން ބޭނުންވަނީ ކުދިންނަށް އުފާވެރި ހަޔާތެއް އަދި ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ކަމަކީ މައިންބަފައިން ކުދިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތާއި އަދި މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ އުފާވެރި ، ހަރުދަނާ ގުޅުން ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
"އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މި ޝިޢާރަކީ ކުދިންގެ ތަރުބިއްޔަތާއި ބެހޭގޮތުން ވަރަށް މުހިންމު ޙަޤީޤަތެއް ހާމަކޮށްދޭ ޝިޢާރެއްކަމަށާއި އެއީ ކުދިންނަށް ބޭނުންވަނީ ހަމައެކަނި މާއްދީ ކަންކަމެއް ނޫންކަން އަންގައިދޭ ކަމެއްކަމަށް ވުޒާރާއިން ބުނެއެވެ. ކުދިން ބޭނުންވަނީ ބޭނުންވަނީ ލޯތްބާއި، ސަމާލުކަމާއި، ގާތްކަމެވެ. މިކަންކަން ލިބުމުން، އުފާވެރި، ދުޅަހެޔޮ، ކާމިޔާބު ކުދިންނަށް ވެގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.
ދިވެހިރާއްޖޭގައި ޤައުމީ ކުޑަކުދިންގެ ދުވަސް، ކޮންމެ އަހަރެއްގައި ފާހަގަކުރަމުންގެންދަނީ މޭ މަހުގެ 10 ވަނަ ދުވަހުއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދުތަކަކީ، ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް، އަދި ވަކިން ޚާއްޞަކޮށް، ކުއްޖަކު މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެންފެށިގެން ކުޑަކުދިންގެ ޞިއްޙަތާއި، ތަޢުލީމާއި، އަޚްލާޤާއި، ތަރުބިއްޔަތާ ގުޅުންހުރިކަންކަން، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ. އަދި މިކަންކަން ކުރުމަށް ދައުލަތުގެ ގުޅުހުންހުރި އިދާރާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަދި ޤައުމުގެ އެންމެހާ ފަރުދުންގެ އެހީ ލިބޭނެ އަދި ލިބެމުންދާނެ ގޮތްތަކެއް ރޭވުމެވެ. މީގެއިތުރުން، ކުޑަކުދިންނާ ގުޅުންހުރި މިފަދަ އެންމެހައި ކަންކަމާ ގުޅޭގޮތުން، ހޭލުންތެރިކަން އިތުރުކޮށް، މި ކަންކަމުގެ ތެރެއިން ހުރިހާ ޢުމުރުފުރާއެއްގެ ކުދިންނަށްވެސް ލިބެންޖެހޭ ލޯތްބާއި، އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރުމަކީވެސް މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ އެއް ބޭނުމެވެ.
އިތުރު ލިޔުންތައް

ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި
9 މަސް ކުރިން
އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނެތުން
6 މަސް ކުރިން
މަމްސް އެއިޑްއާއެކު މުޙިއްމު އެއްބަސްވުމެއް: ނާޒުކު އާއިލާތަކަށް އެހީވާނެ
6 މަސް ކުރިން