އަންނަ ސީޒަނުގައި ޕެރިހާއި ޕެރިސް ގަދަހިފުމަކަށް

ޕެރިހަށް ނިސްބަތްވާ ދެޓީމުގެ ގަދަހިފުން އަންނަ ސީޒަނުން ފެށިގެން ފެނިގެންދާނެ

06 މޭ 2025 - 06:32
ފްރާންސްގެ ވެރިރަށް ޕެރިސްގައި 46 އަހަރު ވަންދެން ލީގު 1 ގައި ކުޅުނު ހަމައެކަނި ޓީމް ކަމުގައިވާ ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) އާއި ވާދަކުރަން އެސިޓީއަށް ނިސްބަތްވާ ޕެރިސް އެފްސީ ނިކުމެއްޖެއެވެ. އެގޮތުން އަންނަ ސީޒަނުން ފެށިގެން ޕެރިސް އެފް.ސީ ޕީ.އެސް.ޖީ އާއެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެއެވެ.
ޕެރިސް އެފްސީ އާއި ޕީ.އެސް.ޖީ އަކީ 1970 އިން ފެށިގެން 1973 ވަނަ އަހަރުގައި އެއްޓީމެކެވެ. ޕެރިސް އެފް.ސީ އާއި ސެއިންޓް ޖަރމަން ކުލަބު އެކުވެގެން 1970 ގައި ޕީ.އެސް.ޖީ އުފެދުނެވެ. ނަމަވެސް ޚިޔާލުތަފާތުވުންތަކާއެކު އޭގެ ތިން އަހަރުފަހުން ޕެރިސް އެފް.ސީ ވަނީ ވަކިވެ އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ކޮށްފައެވެ. އެގޮތުން ތަފާތު އެކި ފަރާތްތަކުން ޕެރިސް އެފް.ސީ އަށް އިންވެސްޓްމަންޓް ކުރިނަމަވެސް ދަނޑުމަތީގައި އެދެވޭ ނަތީޖާތައް ނުދެއްކުމުގެ ނަތީޖާއަކަށްވީ ޕެރިސް އެފް.ސީ އަށް ފްރާންސް ފުޓްބޯޅައިގައި ފައި ހިއްޕާލެވޭގޮތް ނުވުމެވެ. ނަމަވެސް ޕީ.އެސް.ޖީގެ ވާހަކަ މުޅިންތަފާތެވެ. 2011 ވަނަ އަހަރުގައި ގަތަރު ސްޕޯރޓްސް އިންވެސްޓްމަންޓުން ޕީ.އެސް.ޖީ ގަތުމަށްފަހު، އެކުލަބު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބު ތަކުގެ ތެރޭގައި ހިމެނުނެވެ. އެގޮތުން ޕީ.އެސް.ޖީ ގެ ޓީމަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންކަމަށްވާ އެމްބާއްޕޭ، ނޭމާ، މެސީ، ރާމޮސް ފަދަ ކުޅުންތެރިން ގެނެސްގެން ކުޅެފައިވެއެވެ. ޕީ.އެސް.ޖީ ފްރާންސްގައި ކިތަންމެ ކާމިޔާބުނަމަވެސް ޔޫރަޕުގެ ތައްޓެއް އަދިވެސް އެޓީމަށް ހޯދޭގޮތެއް ނުވެއެވެ.
ޕީ.އެސް.ޖީ ގެ ދަނޑާއި ޕެރިސް އެފް.ސީ ގެ ދަނޑު ޖެހިޖެހިގެން
ޕެރިސް އެފް.ސީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމާއެކު 2025-26 ސީޒަނުން ފެށިގެން އެޓީމުގެ މެޗުތައް ކުޅޭނީ ސްޓޭޑް ޖީން-ބުއާންގައެވެ. މި ސްޓޭޑިއަމް އާއި ޕީ.އެސް.ޖީ ގެ ސްޓޭޑިއަމް އަކީ ޖެހިޖެހިގެން އޮންނަ ދެދަނޑެވެ. އެހެންކަމުން ހުރިހާ ގޮތަކުން ބެލިޔަސް އަންނަ ސީޒަނުގައި ފްރާންސް ގެ ފުޓްބޯޅަ ލީގު ވާދަވެރިވާނެކަމަށް ބެލެވެއެވެ. ޕީ.އެސް.ޖީ އިން ވަނީ ވޭތުވެދިޔަ 12 އަހަރު ތެރޭގައި 10 ފަހަރަށް ލީގުތަށި ކާމިޔާބުކޮށްފައެވެ. އެހެންކަމުން ޕެރިސް އެފް.ސީ ގެ މައިގަނޑު އަމާޒަކީ ޕީ.އެސް.ޖީ އިން ފްރާންސް ގެ ފުޓްބޯޅަ ކޮޏްޓްރޯލްކުރުން ނިމުމަކަށް ގެނައުމެވެ. އެގޮތުން އައު ސީޒަނަށް ތައްޔާރުވާން ކުލަބުން 6 ނުވަތަ 7 ކުޅުންތެރިން ގެ ސޮއި ހޯދާނެކަމަށް ރިޕޯޓްކުރެއެވެ.
ޕެރިސް އެފްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޕްރިސް އެފް.ސީ 2024 ވަނަ އަހަރު ކުލަބުގެ މިލްކުވެރިކަމަށް ބޮޑު ބަދަލެއް އައެވެ. ފްރާންސްގެ އެންމެ މުއްސަނދި ޢާއިލާ ކަމުގައިވާ އަރްނޯލްޓް ޢާއިލާގެ އަގާޗް ސްޕޯޓްސް އިން ކުލަބުގެ 52.4% ހިއްސާ ގަތެވެ. އަދި ރެޑް ބުލް ޖީއެމްބީއެޗް އިން 10.6% ހިއްސާ ގަތެވެ. މި ބަދަލާއެކު ކުލަބު ސަޕޯޓަރުންގެ ޖޯޝު އިތުރުވެ، ކުރިޔަށް އޮތްތަނުގައި ލީގުގައި ފޯރިގަދަ ޑަރބީ މެޗުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ. މިއާއެކު މިހާރު ފްރާންސްގެ އެންމެ މުއްސަނދި އާއިލާގެ ބެލުމުގެ ދަށުގައިވާ ޕްރިސް އެފް.ސީ އަކީ ކުރިޔަށް އޮތްތާނގައި ފްރާންސްގެ ފުޓްބޯޅައިގައި ވާދަވެރި ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ ޕީ.އެސް.ޖީ ޗެންޕިއަންސް ލީގުން ވަކިވުމާ ގާތަށް
7 މަސް ކުރިން
މޮނާކޯ ބަލިކޮށް ފްރެންޗް ސުޕަކަޕް ޕީ.އެސް.ޖީ އިން ކާމިޔާބުކޮށްފި
5 މަސް ކުރިން
ކަވަރަޓްސްކެލިއާ ޕީއެސްޖީއަށް ބަދަލުވުމުގެ މަގުމަތީގައި
5 މަސް ކުރިން