ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވިލިނގިލީ ކައުންސިލުން މަޝްވަރާކޮށްފި


07 މޭ 2025 - 15:00
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ގއ. ވިލިނގިލީ ކައުންސިލުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ގއ. ވިލިނގިލީ ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް އާއި ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު އަދި ކައުންސިލްގެ އިތުރު މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބައްދަލުވުން ކުރިއަށްގެންދިޔައީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް، ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އަދި އިމިގްރޭޝަންގެ އިސް އޮފިޝަލުންނާއެކުއެވެ.
މި ބައްދަލުވުމުގައި ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ފެށުމާއި، އެ އަތޮޅަށް ދިމާވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލް ތަކުން އެއްބާރުލުން ލިބޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
8 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
8 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
8 މަސް ކުރިން