logoEN
ޚަބަރު

ތެލަސީމިއާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން ލިބިގަންނަންވީ އީޖާބީ ފިލާވަޅުތަކެއް: ރައީސް

23 މާރިޗު 2025: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، ތެލެސީމިއާގެ ފަރުވާ ހޯދާ ފަރާތަކާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

23 މާރިޗު 2025: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، ތެލެސީމިއާގެ ފަރުވާ ހޯދާ ފަރާތަކާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އީޖާބީ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށާއި، ދިރިއުޅުމެއް ހޯދުމަށް އެކުދިން އުފުލާ ބުރަ ލުއިކޮށްދިނުމަށް ކުރާ ކޮންމެ ކަމަކީ ސަވާބު ލިބޭނެ ހެޔޮ ޢަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ތެލެސީމިއާ ކުދީންނަށް ޚާއްސަކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.

އެ ޚިތާބުގައި ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ޤައުމަކީ ދިވެހިރާއްޖެކަމުން، ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމަށެވެ. އަދި ތެލެސީމިއާ ކުދީންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކީ ވެސް ރެއާއި ދުވާލު އޭގެ އުނދަގޫ އެތައް ކަމެއް ބަރުދާސްކުރާނެ ކުއްޖެއް ކަމުގައި ފާހާގަކުރައްވަމުން ރައީސް ވަނީ އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތުކޮށް، އުނގަންނައިދީ، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދީ އަދި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބޭނެ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން ސާބިތުކޮށްދިނުމަށް ވެސް ގޮވާލައްވާފައެވެ.

އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހެއެވެ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚިތާބު

ރައީސް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި އެމަނިކުފާނު ހާމަކުރެއްވި ތަސައްވުރާއި ވައުދުފުޅުތައް ހަޤީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ތެލެސީމިއާ ތެލަސީމިއާ ކުދީންނާއި ޢާއިލާތަކަށް ގޮންޖެހުން ބޮޑު ގޮތަށް ބޮއްސުންލާފައި އޮތް ކަންކަން ހަމަމަގަށް އަޅުވަން ކުރާ މަސައްކަތުން، އެ ކުދިންނަށާއި އެކުދީންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ، ތެލެސީމިއާ ކުދިންގެ ފުރާނައިގެ ޙައްޤުގައި ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ހަޟްރަތުން ދެއްވާ އަޖުރާއި ދަރުމަ ގިނަގުނަ ކަމަށާއި، އެ ކުދީންނަށްޓަކައި ކުރާ ކޮންމެ ހެޔޮ ދުޢާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތް ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޚިތާބު ނިންމަވާލައްވަމުން ރައީސް ވަނީ ޞިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި، އަދި މުޖުތަމަޢުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކޮންމެ ރައްޔިތެއްގެ މުހުތާދުތައް ފުއްދައިދީ ފާގަތި ކުރިމަގެއް ހޯދައި ދިނުމަށްޓަކައި މުޖްތަމައުންކުރާ މަސައްކަތަށް ﷲގެ ހަޟްރަތުން ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ކޮމެންޓް

871x217_placeholder