ދިވެހިރާއްޖެ 2.0 ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

ރައީސް ޑރ. މުޢިއްޒު، ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން -- ފޮޓޯ: ރައީސް އޮފީސް

08 މޭ 2025 - 09:31
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ކޮރަޕްޝަން ނައްތާލުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުޞަތު ހަނިކުރެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މައިގަނޑު ޚިދުމަތްތައް ދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކަމަށް ބޭނުންވާ ޤާނޫނުގެ ދެލިކޮޕީވެސް އެކުލަވާލަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވަރަށް ގިނަ ކަންކަން އޮޓޯ ނިޒާމެއްގެ ތެރެއިން ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށްދާ ނަމަ، ވަރަށް މަދުވާނެ މީހަކަށް އޭގެ ތެރެއަށް ނުފޫޒު ފޯރުވޭ ފުރުސަތު އޮންނަ ވަރު. އަދި އޭގެ ދެފުށް ފެންނަ ވަރު ބޮޑުވޭ. އެހެންވީމަ، ވަރަށް ބޮޑު ތަނުން ކޮރަޕްޝަން ނައްތާލެވޭ - ރައީސުލްޖުމްހޫރިއްޔާ ދރ. މުޙައްމަދު މުޢިއްޒު
ހަތަރު އަހަރުގެ މި ބިޔަ މަޝްރޫޢުގެ ތެރެއިން، ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި މަސައްކަތްކުރައްވަމުން ގެންދަވަނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާ އާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ރޭ ފަށާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓަކީ މީގެ ފެށުން ކަމަށާއި، އެސްޓޯނިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ އެއް ބާނީ ހިމެނިވަޑައިގަންނަވާހެން އެސްޓޯނިއާގެ މާހިރުންގެ ޓީމެއްވެސް އެ ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި އެމަނިކުފާނު ވަނީ، އެސްޓޯނިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މައުލޫމާތު، މިސާލަކަށް މީޑިއާއިން މައުލޫމާތު ހޯދުމުގައިވެސް ވަރަށް ފަސޭހަ ނިޒާމަކަށް މި ނިޒާމު ވޭ. މުޅި ދުނިޔޭގައި ޕްރެސް ފްރީޑަމްގެ ދެ ވަނައިގައި އޮތީ އެސްޓޯނިއާ. އެހެންވީމައި، ކަމެއް ވީމާތާ، ޑިޖިޓަލައިޒޭޝަނާ ގުޅިފައިވާ ކަމެއް މީ. އެހެންވީމާ، އަޅުގަނޑު ބޭނުން ރާއްޖެ ކުރުރާސްތާގަ، އެހިސާބަށް ގެންދަން - ރައީސުލްޖުމްހޫރިއްޔާ ދރ. މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖެ 2.0 ގެ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ބޭނުންފުޅުވަނީ، ކުރު ރާސްތާއެއްގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަރުކާރުން މަސައްކަތްކުރައްވަނީ، އެސްޓޯނިއާއިން ފަންސަވީސް އަހަރުން ކުރި ކަންތައް، ހަތަރު އަހަރުން ކުރެވޭތޯ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ޙާޞިލުކުރެވޭނޭ ކަމަށް ޚުދު އެސްޓޯނިއާއާގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ފާހަގަކުރައްވައި، މި ބިޔަ މަޝްރޫޢުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، 2030 ވަނަ އަހަރު އަންނަ އިރު ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް ކުރައްވާ އުންމީދު، މިއަދުގެ ޕޮޑްކާސްޓުގައިވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން