ބޭސް ހޯދުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދަނީ
8 މޭ 2025 - 16:22

ބައެއް ބޭސްތައް ރާއްޖެއިން ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް، އިންޑިއާ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާއެކު އެސްޓީއޯއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިދިޔަ ދެތިން މަހުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމުގެ މަޤްސަދުގައި ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

Ad by Hajj Corporation
އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދީފައިވާއިރު، އެޗްއެލްއެލްއާއެކު ހެދި އާ ޕާޓްނަޝިޕްގެ ދަށުން އަސާސީ ބޭސްތައް ދަތިކަމެއްނެތި ލިބޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމް މެދުވެރިކޮށް، ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެޗްއެލްއެލް ލައިފްކެއާއަކީ މި ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް ސަޕްލައިކުރާ އެއް ކުންފުނި ކަމަށްވެސް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ގެންނަ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތައް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެޗްއެލްއެލްއާއެކު އެސްޓީއޯއިން މީގެ ކުރިންވެސް މަސައްކަތްކޮށްފައިވެއެވެ. އެކުންފުނިން ވަނީ ކޮވިޑް-19 ދުވަސްވަރު ވެސް ރާއްޖެއަށް ބައެއް ބޭސްތައް ފޯރުކޮށްދީފައެވެ.