އެސްޓީއޯ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް އަޅަން ސޮއިކޮށްފި

20 އޯގަސްޓު 2025 - 19:05
ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން މިރޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ހަދާ މި ހޮޓަލުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން އުފައްދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

Ad by Hajj Corporation
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި އިމާރާތުގެ 3.5 ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ މީޑިއާ ވިލެޖްގެ އިތުރުން ތަރިކަ ކޮލެޖާއި، އެމްއެންޔޫ މެޑިކަލް ސްކޫލާއި، ޔޫތު ސެންޓަރަށެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ ތަންތަން ނިންމުމަށް ފަސް މަސްދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. މި ބައިތައް ތަރައްޤީކުރުމަށް ހަތް މިލިއަން ޑޮލަރު ޚަރަދުކުރެވޭނެއެވެ.
17 އަހަރު ވަންދެން ބޭނުން ނުކުރެވި ހުރި، 34 މިލިއަން ޑޮލަރުގެ މި އިމާރާތް އަލުން ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް އަމާޒެކެވެ.
މުޅި ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވުމަށް ކަނޑައަޅާފައިވަނީ 12 މަސްދުވަހުގެ މުއްދަތެކެވެ.
2007 ވަނަ އަހަރު ލޭންޑްމާކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ފެށި މި އިމާރާތް، މިހާރު "މަންހަޓަން ގްރޭންޑް" ގެ ނަމުގައި އަލުން ތަރައްޤީކުރެވި، ރާއްޖޭގެ ފަތުރުވެރިކަމާއި މީޑިއާ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް އައު ހަރުފަތެއް ގެނެސްދޭނެ މަރުކަޒަކަށް ވެގެންދާނެއެވެ.