ދިވެހި ހައްޖުވެރިންނަށް ބޮޑު ލުޔެއް، ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރުމަށް ސައޫދީން ނިންމައިފި
%20(2).webp&w=3840&q=75)

10 މޭ 2025 - 09:45
ހިޖުރީ ސަނަތުން 1446 ވަނަ އަހަރު ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ވަޑައިގަތުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެއެވެ.
"މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިވަޑައިގަތް ތާރީޚީ އަދި ވަރަށް މުހިންމު ލުއިފަސޭހައެކެވެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދެއްވާފައިވަނީ މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާނު ފަދަ ޙައްޖުވެރިން އެންމެ ގިނައިން ވަޑައިގަންނަވާ ޤައުމުތަކަށެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން ތަންފީޒުކުރައްވަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނިވަޑައިގަންނަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެއްވުމެވެ.
1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
ޑރ. ޝަހީމް ފާހަގަކުުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަން ހޯދައިދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މި ފުރުޞަތުގައި ޑރ. ޝަހީމް ސަޢޫދީ އަރަބިއްޔާގެ ޚާދިމުލް ޙަރަމައިން އައްޝަރީފައިން އަލްމަލިކް ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސަޢޫދަށާއި ވަލީ އަހުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިޚްލާޞްތެރި ޝުކުރު އަރިސްކުރެއްވިއެވެ. އަދި ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާއި އިންޓީރިއަރ މިނިސްޓަރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަޒީޒް ބިން ސަޢޫދު އާލްސަޢޫދަށް ވެސް ޝުކުރު އަރިސްކުރެއްވިއެވެ.
މި ތާރީޚީ ނިންމެވުމަކީ ދިވެހި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދޭނެ ކަމެއްކަމަށް އުންމީދުކުރެވެއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ސަބަބުން، ޙައްޖު އަދާކުރެއްވުމަށް ވަޑައިގަންނަވާ ދިވެހި ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމަކާއި ފަސޭހަތަކެއް ލިބިވަޑައިގަންނަވާނެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން