ރައީސް މުޢިއްޒު: ރައްޔިތުންނަށް ވަގުތުދެއްވައި އަޑުއައްސަވައި ހައްލު ހޯއްދަވައިދެއްވުމުގައި ވެސް އެންމެ ކުރީގައި
19 ޑިސެމްބަރު 2025 - 15:50

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ވެރިކަންތައް ބަދަލުވެ ޒަމާންތައް ފާއިތުވަމުން ދާއިރު، މިހާރު މިދެކޭ ވެރިކަމުގެ ދުވަސްވަރަކީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމެއްގައި ވެރިއަކު ރައްޔިތުންނަށް އެންމެ ވަގުތުދެއްވާ، ރައްޔިތުންގެ އަޑު އައްސަވައި، ހައްލު ހޯއްދަވައިދެއްވުމުގެ މިސާލީ ދުވަސްވަރެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތަކަށް އަޑުއައްސަވާ، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. މިގޮތުން، އެމަނިކުފާނު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގެ ދިގު މިނާއި، އެ ބައްދަލުވުންތަކުގައި ރައްޔިތުންނަށް ދެއްވާ ސަމާލުކަމަކީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚުން ކުރިން ނުފެންނަ މަންޒަރެކެވެ.
''ތިޔަބޭފުޅުން ވިދާޅުވާ ކޮންމެ ކަމަކަށްވެސް، އަޅުގަނޑުމެން ވަރަށް ސީރިއަސްކަމާއެކީގައި، އެއަށް އީޖާބީ ގޮތެއްގައި، ކަންތައްތައް ޙައްލުކޮށްދިނުމުގެ މަސައްކަތް ކުރާނަން. ކަންބޮޑުވުމެއް ކަމުގައިވިޔަސް، ހިތްހަމަނުޖެހޭ ކަމެއް ކަމުގައިވިޔަސް، މައްސަލައެއް ކަމުގައިވިޔަސް، ޚިޔާލެއް ކަމުގައިވިޔަސް، މަޝްވަރާއެއް ކަމުގައިވިޔަސް، ތިޔަބޭފުޅުން މިތާނގައި ހަމަ ވިދާޅުވެދެއްވަންވީ. އަދި ނިމިގެން، ތިޔައިން ބޭފުޅަކު، އެ ބޭފުޅެއްގެ އަމިއްލަ ކަމެއްގައިވިޔަސް، އަދި އެހެން ކަމެއްގައިވިޔަސް، އަޅުގަނޑާ ހަވާލުކޮށްލަން ބޭނުންވާ ލިޔުމެއް އޮތް ކަމުގައިވިޔަސް، އެހެންކަހަލަ ސިޓީއެއް، ކޮންމެ ފަދަ ލިޔުމަކުން ތައްޔާރުކޮށްފައި އޮތް ޑޮކިއުމަންޓެއް ކަމަށްވަންޏާ ހަވާލުވެސް ކޮށްލެވޭނެ. މިހާތަނަށް މިގޮތަށް ބޭއްވި ހުރިހާ ބައްދަލުވުމެއްގައިވެސް، އެއީ ކޮންމެހެން މާލެ އެކަންޏެއް ނޫން. ރާއްޖޭގެ ހުރިހާ ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. މިއިން ކޮންމެ ރަށެއްގައި އަޅުގަނޑާ ބައްދަލުވި ހުރިހާ ރައްޔިތުންވެސް، އެއިން ކޮންމެ ބޭފުޅަކު، އެ ބޭފުޅަކު އަޅުގަނޑާ ހަވާލުކުރެއްވި، އެ ބޭފުޅަކު އެ ބޭނުންފުޅުވާ ކަންކަން ބަޔާންކޮށްފައިވާ ސިޓީތަކަށްވެސް މިދަނީ، ވަރަށް ސަމާލުކަންދީގެން އެޓެންޑްވަމުން، ޙައްލުކުރެވޭތޯ ބަލަމުން. ބައެއް ކަންކަން ވަރަށް ގިނަ ރައްޔިތުންނަށް ޙައްލުވެސް ކޮށްދެވިއްޖެ'' މިއީ ބައްދަލުވުންތަކުގައި ރައްޔިތުންނަށް އޮތް ފުޅާ ފުރުސަތު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވާ ވާހަކަފުޅެވެ. ހިތްތިރިކަމާއެކު، އޯގާތެރިކަމާއެކު ވިދާޅުވާ ވާހަކަފުޅެވެ. އިޚްލާސްތެރި ހެޔޮވެރިއެއްގެ އޯގާތެރި ބަސްފުޅެކެވެ.

Ad by Hajj Corporation
މެންދަމުން އަލިވެ ތިނެއް ޖެހުމާ ހަމައަށް ދެމިގެންދާ ބައްދަލުވުންތައް
ރައީސް މުޢިއްޒު ރައްޔިތުންނަށް ދެއްވާ ވަގުތުގެ މިންވަރު އެންމެ ރަނގަޅަށް ހާމަވާ އެއް މިސާލަކީ، އެމަނިކުފާނު ހުޅުމާލޭގެ ފޭސް ދެއެއްގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެވެ. އެ ބައްދަލުވުން މެންދަމުން އަލިވެ ތިނެއް ޖެހުމާއި ހަމައަށް ދެމިގެން ދިޔައެވެ. މިފަދަ ބައްދަލުވުންތަކުގައި ރައީސް ކިތަންމެ ދަންވިޔަސް ފޫހިފުޅުވުމެއް ނެތި ކޮންމެ ރައްޔިތެއްގެ ވާހަކަ އަޑުއައްސަވައި، ނޯޓުކުރައްވައެވެ. އެންމެ ފަހު ރައްޔިތާ ހަމައަށް ފުރުސަތު ދެއްވުމަށްފަހު ނޫނީ ބައްދަލުވުން ނިންމަވައެއް ނުލައްވައެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
އަތޮޅުތެރެއާއި މާލޭގެ އަވަށްތަކާ ގާތުން ބައްދަލުކުރެއްވުން
ކުރީގެ ވެރިން ރައްޔިތުންނާ ގާތްވަނީ އިންތިހާބުތަކާ ދިމާކޮށް ނުވަތަ ހާއްސަ މުނާސަބާތަކުގައެވެ. ނަމަވެސް، ރައީސް މުޢިއްޒު ގެންދަވަނީ މާލޭގެ އަވަށްތަކާއި އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނާ ސިލްސިލާކޮށް ބައްދަލުކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރަށްވަން ފެއްޓެވުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރައްވާފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ ހަމައެކަނި ބައްދަލުކުރެއްވުމެއް ނޫނެވެ. އެއީ ރައްޔިތުންގެ ކަންކަން ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް އަވަސްކުރުމެވެ.
ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރުން
"އަޅުގަނޑު ސީދާ އެ ކަންކަމަށް އެޓެންޑު ކުރާނީ. ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި މުއައްސަސާތަކަށް އެ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން އެ ކަންކަން ފޮނުވައިގެން ބަލަންޖެހޭ ކަމެއް ވެއްޖިއްޔާ ބަލާނެ ކަންކަން އެއީ،" މިއީ ރައްޔިތުންގެ އަޑު އެއްސެވުމަށްފަހު ރައީސް މުޢިއްޒު ދެއްވާ ޔަގީންކަމެވެ.
ރައްޔިތުންގެ ޚިޔާލާއި، ޝަކުވާއާއި، ކަންބޮޑުވުންތަކަކީ އެ ބައްދަލުވުންތަކާއި ހިސާބުން ނިންމާލާކަންކަން ނޫންކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވައެވެ. ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހަޅާ ކަންކަމަށް ވަކިވަކިން އެޓެންޑް ކުރަށްވާނެކަމުގެ ޔަގީންކަން އަބަދުވެސް އެމަނިކުފާނު ދެއްވައެވެ. އަދި އެކަން އަންނަނީ އަމަލީ ގޮތުން ދައްކަވަމުންނެވެ.
ހުރިހާ ފިކުރެއްގެ އަޑު ކެތްތެރިކަމާއެކު އަޑުއެއްސެވުން
ރައީސް މުޢިއްޒުގެ ބައްދަލުވުންތަކުގެ އެންމެ މުހިންމު އެއް ސިފައަކީ، އެ ބައްދަލުވުންތަކުގައި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެ، ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމެވެ. ގޭގެ މައްސަލަތަކުން ފެށިގެން ގައުމީ ސިޔާސަތާ ގުޅޭ ބޮޑެތި ކަންކަން ވެސް ރައީސް ގެންދަވަނީ އެއްވެސް ކަމެއް ކުޑަކަމެއްގެ ގޮތުގައި ނުނަންގަވައި އަހައްމިއްޔަތުކަން ދެއްވައިގެން އަޑުއައްސަވަމުންނެވެ. ހުރިހާ ފިކުރެއްގެ އަޑު ކެތްތެރިކަމާއެކު އަޑުއައްސަވައި، ޝަކުވާއަށް ޖަވާބުދާރީވެވަޑައިގަތުމަކީ، ޒިންމާދާރު ވެރިކަމެއްގެ އެންމެ މަތިވެރި ސިފައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ވެރިކަމަކީ ރައްޔިތުންގެ ޚިދުމަތުގައި ހުރުމެވެ.
މީގެ ކުރީގެ ވެރިކަންތަކުގައި ރައީސަކު ބައްދަލުވުމެއްގައި ސުވާލެއް ކުރުމުގެ ފުރުސަތު އޮންނަނީ ވެސް ކުރާ ސުވާލަކަށް ބަލައިގެންނެވެ. އެއީ އިދިކީލި ނުވާނެ މީހެއްކަން ދެނެގަތުމަށްފަހުއެވެ. ރައީސް މުޢިއްޒު މުޅިން ތަފާތެވެ. އިދިކޮޅު ފިކުރުގެ މީހާ ނޫނީ އިދިކޮޅު ޕާޓީތަކުން ލިޔުން ތައްޔާރުކޮށްދީ ފޮނުވާ މީހާ ހުށަހަޅާ ނިމެންދެން ކަނުލާ އަޑުއައްސަވައެވެ. އިދިކޮޅު ޚިޔާލަށް ތަފާތުކުރުމެއްނެތި ފުރުސަތު ދެއްވައެވެ. އެއީ އެހެން ވެރިއެއްގެ ކިބައިން ފެނުނު ސިފައެއްނޫނެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފުރުސަތު ދެއްވަނީ އެ ބަޔަކު ބޭނުންވާ ހުރިހާ ވާހަކައެއް ނުވަތަ ސުވާލުތައް އެ މަނިކުފާނަށް ދެންނެވުމަށެވެ. އަދި އެ މަނިކުފާނާ ހިޔާލު ތަފާތު ވާހަކަތަކެއް ބަޔަކު ދެއްކިޔަސް އެކަމާ ދުވަހަކު ވެސް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި އެ ވާހަކަތަކަށް މަރުހަބާ ވެސް ދަންނަވާ ކަމަށް ވިދާޅުވި އެވެ.
''އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑު މި ފުރުޞަތު، ނޫނީވިއްޔާ މިގޮތަށް މި ބައްދަލުވުންތައް މި ބާއްވަނީ، ހުރިހާ ވާހަކަތަކެއްވެސް ވިދާޅުވާން ފުރުޞަތު ދިނުމުގެ ގޮތުންނޭ. އަޅުގަނޑު އެއްގޮތަކަށްވެސް ކަންބޮޑެއްނުވޭ، އަޅުގަނޑާ ޚިޔާލު ތަފާތުވާ ބޭފުޅަކު އެއްޗެއް ވިދާޅުވެގެން. އަޅުގަނޑު މަރުޙަބާވެސް ކިޔަން އެގޮތަށް ވާހަކަފުޅު ވިދާޅުވާން. ބޭނުންވާ ކޮންމެ ވާހަކައެއްވެސް ވިދާޅުވާންވީ. ކުރިން ދެންނެވި ފަދައިން، ކުރީގައި މިގޮތަށް އެހެން ބޭފުޅުން ފުރުޞަތު ނުދެއްވުމަކީ، އަޅުގަނޑަށް އެކަމުގައި އެއްޗެއް ދެންނެވޭނެ ކަމެއް ނޫން. އަޅުގަނޑު ހަމަ ފުރުޞަތު ދެމުން ދާނަން، ކުރިއަށް އޮތް ތާނގައިވެސް. ކޮންމެފަދަ ޚިޔާލެއްގެ ބޭފުޅަކަށްވެސް، އެ ބޭފުޅަކު ބޭނުންވާ ކަމެއް ވިދާޅުވާން. އަދި، އެކަމަކަށް ދޭންޖެހޭ ޑިއު ރެސްޕެކްޓް، ޑިއު ވެއިޓް، އެ ބޭފުޅެއްގެ ސިޔާސީ ފިކުރަކަށް ނުބަލާނެ، އެ ބޭފުޅެއްގެ ޖިންސަކަށް، އެ ބޭފުޅެއްގެ ޢާއިލާއަކަށް، ހަސަބަކަށް، ނަސަބަކަށް، މުއްސަނދި ކަމަކަށް، އެހެން ކަމަކަށް ނުބަލާނަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ކޮންމެ ބޭފުޅަކީ އަޅުގަނޑަށް ހަމަހަމަ ރައްޔިތެކޭ. އެއިން ކޮންމެ ބޭފުޅަކަށްވެސް، އެ ބޭފުޅެއްގެ ޙައްޤުތައް ފޯރުކޮށްދިނުމުގައި، ހޯދައިދިނުމުގައި ސަރުކާރުން ކަންކަން ކުރަމުންދާނީ، ޢަދުލުވެރިކަމާއެކީގައި، ހަމަހަމަކަމާއެކީގައޭ.'' މިއީ ރައީސްގެ ވާހަކަފުޅެވެ. ރައްޔިތުންގެ ފުރިހަމަ ޚާދިމެއްގެ މިސާލީ ބަސްފުޅުތަކެވެ.
ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ
މި ހުރިހާ ކަމަކުން ދައްކުވައިދެނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ރައްޔިތުންނާ ގާތް، ރައްޔިތުންގެ އަޑުއަހާ، އަދި ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ޢަމަލީ ގޮތުން މަސައްކަތްކުރައްވާ ވެރިކަމެއް ކަމެވެ. ރައްޔިތުންނަށް ވަގުތުދެއްވައި، އެމީހުންގެ ކަންބޮޑުވުންތައް ނޯޓުކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމުގައި އެމަނިކުފާނު ގެންދަވާ ހަރުދަނާ ސިޔާސަތަކީ، ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ، ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ މޮޅު ނަމޫނާއެކެވެ. މިފަދަ ވެރިކަމަކީ، ރައްޔިތުންގެ އިތުބާރު ހޯދައި، ގައުމީ ތަރައްޤީއަށް މަގުފަހިކޮށްދޭނެކަން ކަށަވަރެވެ.
''އަޅުގަނޑު އަބަދުވެސް ބޭނުންވަނީ، ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކޮށްގެން ވާހަކަ ދައްކަން، ނޫނީވިއްޔާ ފުރުޞަތު ދީގެން މަސައްކަތް ކުރަން. އެހެންވީމާ، މި ފުރުޞަތު މިދިނީ. މިއީ ނިމުމެއް ނޫން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ، އަދި މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ، ވަގުތު އޮތްވަރަކުން، އަޅުގަނޑު ބައްދަލުކުރަމުންދާނަން.'' މިއީ ރައީސްގެ ވާހަކަފުޅެވެ.


