މި ރައީސް ތަފާތު، ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކު 6 ގަޑިއިރު
19 ޑިސެމްބަރު 2025 - 04:50

ރައްޔިތުންނާ ބައްދަލުކުރައްވަން މިހާރު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަފާތު ދައްކަވައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އެކު 6 ގަޑިއިރަށްވުރެ ގިނަ ވަގުތު ރޭ ހޭދަކުރައްވައިފިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ އެމަނިކުފާނުވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ޞަލާޙުއްދީން ސްކޫލު ހޯލުގައި ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްގެ އަރިހަށް ހުށަހެޅިގެންދިޔައިރު ރޭގަނޑު 9:00 ގައި ސަލާޙުއްދީން ސުކޫލުގައި ފެށި ބައްދަލުވުން މެންދަމު 3:20އާ ހަމައަށް ދެމިގެންދިޔައެވެ.
މި ބައްދަލުވުމުގައި ރައީސްއާ ވަކިން ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ރައްޔިތުންނަށްވަނީ ދީފައެވެ.
މި ބައްދަލުވުމުގައި ރައްޔިތުން ޙިއްޞާކުރެއްވި ޚިޔާލާއި މަޝްވަރާ، އަދި ފާޅުކުރެއްވި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ، އެންމެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ދާއިރާއަށެވެ. މީގެ ކުރިން ކަންހިނގާ ދިޔަގޮތުން ހައްލު ނުކުރެވި، ގިނަވެފައި ހުރި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ވާހާކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ދިރިއުޅުން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިންނާއި، ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިންވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމުގެ ޔަޤީންކަންދެއްވާފައެވެ.
އިޖުތިމާޢީ މައްސަލަތަކާއި، އެކިކަހަލަ ބޮޑެތި ކުށްކުށުގެ މައްސަލަ ފޭސް 2 ގައި ބޮޑުވެފައި އޮތް މިންވަރު ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަންކަމަށް ހައްލު ހޯދުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ކުރިއަށް އޮތްތަނުގައި ފެންނަ ނަތީޖާ ރަނގަޅުވާނެކަމުގައެވެ.
ފޭސް 2 ގެ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި، ކޯޕަރޭޓިވް ސޮސައިޓީތައް ހެދިފައި ނެތްނެތުން ފާހަގަކުރެއްވިއިރު، އެކަމަށް ނިމުމެއްގެނައުމަށްޓަކައި އެޗް.ޑީ.ސީއާ ހައުސިންގް މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފޭސް 2 ގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމަށް، އެޗް.ޑީ.ސީއިން މިހާރުވެސް މަސައްކަތްތަކެއް ފައްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން، ހަމަ އެގޮތުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށްދެއްވާފައެވެ. އަދި ހުރިހާ ރައްޔިތުން ފާހަގަކުރައްވާ ހުރިހާ ކަމަކީވެސް ސީރިއަސްކަމާއެކު ރިޢާޔަތްކުރައްވާނެ ކަންކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.


