ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދޭނަން: ރައީސް
19 ޑިސެމްބަރު 2025 - 04:30

ހިޔާ ފްލެޓުތަކުގެ މެއިންޓަނަންސްއަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެބަދަލު އެގްރީމަންޓަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ޞަލާޙުއްދީން ސްކޫލު ހޯލުގައި ބައްދަލުކުރައްވައި ރައީސް ވަނީ ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދެއްވުމަށް ވިދާޅުވިކަން ތަކުރާރުކުރައްވަމުން އެކަން އެގޮތަށް ކުރެއްވުމަށް އެޗް.ޑީ.ސީއަށް ދަންނަވާފައިވާނެ ކަމަށާ، އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، 2 ލައްކަ ރުފިޔާ އުނިކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
ކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާ، ރައްޔިތުން އެދިވަޑައިގަތް ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށްވެސް ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށެވެ.
އެގޮތުން މިހާރު އޮންނަ އުސޫލުގެ ދަށުން 7 އަހަރުން ފެށިގެން ކުލި ދައްކާ މިންވަރު ބޮޑުވާގޮތަށް އޮތްއޮތުން މުރާޖައާކޮށް އެސިސްޓަމަކީ ރަނގަޅު ސިސްޓަމެއް ނޫންކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ބޭންކްތަކުން ލޯނުނަގާފައިވާ ހިޔާގެ ރައްޔިތުންނަށްވެސް އެކަމުގައި ލުއިގޮތްތަކެއް ހޯއްދަވާދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


