logoEN
ޚަބަރު

ބެކްޓީރިއާއަށް ޕޮސިޓިވްވި 5 ކުދިން ފަރުވާއަށް ބޭރަށް ފޮނުވައިފި

އާމިނަތު ސަފާއާމިނަތު ސަފާ

11 މޭ 2025 - 11:10

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ފެނުނު މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއަށް ޕޮސިޓިވްވި 5 ކުދިން ފަރުވާއަށް ރާއްޖޭން ބޭރަށްމިހާރު ފޮނުވާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މެންދުރު ޓީވީ އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަސް ކުދިން ވެސް އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވާކަމަށެވެ.

މީގެ ކުރިން އައިޖީއެމްއެޗުން ބުނީ އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭސް އެއް ފެނުނީ މިދިޔަ މާޗުމަހުގެ 27ވަނަ ދުވަހު 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުންކަމަށެވެ. މި ކޭސް އަށް ފަހު ނެގުނު އިތުރު ސާމްޕަލްތަކުން އިތުރު 4 ކުއްޖެއްގެ ގައިން މި ބެކްޓީރިއާ ފެނިވާކަމަށާއި އެކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިންކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

ޖަރާސީމު އިތުރަށް ފެތުރުނަ ނުދިނުމަށް މި ހުރިހާ ކުދިން އައިސޮލޭޓުކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއެކު ގާތުން ބަލަމުންދާކަމަށާއި އަވަހަށް އެޅިގެންދިޔަ ފިޔަވަޅުތަކުން އިންފެކްޝަން ފެތުރުން ހުއްޓުވިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިދިޔަ މަހު 15ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި ބެކްޓީރިއާއަށް ޕޮސިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ކަމަށް އޭރު މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް

871x217_placeholder