ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ގައި ފުރަނީ


12 މޭ 2025 - 09:20
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް، ހައްޖު މިޝަންގެ މެމްބަރުންނަށް އެ ބޭފުޅުންގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށާއި، ދިވެހި ހައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ހައްޖުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި، ހައްޖުވެރިންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް މިނިސްޓަރު ޝަހީމް ހައްޖު މިޝަންގެ މެމްބަރުންނަށް އިރުޝާދު ދެއްވާފައިވެއެވެ.
މި އަހަރުގެ ހައްޖު މިޝަންގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި، މެޑިކަލް ޑޮކްޓަރެއް، ދީނީ އިލްމުވެރިން އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ނޫސްވެރިއެކެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް 1,000 ކޯޓާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
އިތުރު ލުޔެއްގެ ގޮތުން، މި އަހަރު ރާއްޖެ ވަނީ ސައުދީ އަރަބިއްޔާގެ "މައްކާ ރޫޓު އިނީޝިއަޓިވް" ގައި ވަނީ ހިމަނައިދީފައެވެ. މި އިނީޝިއަޓިވްގެ ދަށުން، ހައްޖުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އިމިގްރޭޝަން މަރުހަލާ ނިންމުމަށްފަހު، ޖިއްދާގެ އެއަރޕޯޓުގައި މަޑުކުރުމަކާ ނުލައި ސީދާ ހޮޓަލަށް ދެވޭނެއެވެ. މީގެ އިތުރުން، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
އިތުރު ލިޔުންތައް

އުފާވަނީ ޚަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް މުޖުތަމައު ބަލައިގެންފައިވާތީ: ވަޒީރު
9 މަސް ކުރިން
މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 4000 ރުފިޔާ
8 މަސް ކުރިން
ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފި
8 މަސް ކުރިން