ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ބޮޑު: މެޑަމް ސާޖިދާ


12 މޭ 2025 - 10:04
ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ ތެރެއިން "ކުޑަކުދިންގެ ޢަދުލުގެ ނިޒާމް، ބެލެނިވެރިންނާއި މުދައްރިސުންގެ އުންމީދުތައް" ނަމުގައި މިއަދު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ޕެނަލްޑިސްކަޝަންގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޢަދުލު އިންސާފުގެ ނިޒާމަށް ބެލެނިވެރިން އަހުލުވެރި ކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ޢަދުލު އިންސާފުގެ ނިޒާމުގެ މައުލޫމާތު ބެލެނިވެރިންނަށް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ބާރުއަޅުއްވާފައެވެ. މީގެއިތުރުން ކުށުގެ ވެށިން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ރަނގަޅު ގުޅުމެއްކަން ކަށަވަރު ކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލަވަމުން އެކަމަނާ ވިދާޅުވީ، އެންމެ ދެކެން ބޭނުންފުޅުވާ ދުވަހަކީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް ކަމުގައެވެ. އަދި މިކަން ކުރެވޭނީ މުއައްސަސާތަކުގެ މެދުގައި އޮނަންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ކުށްކުރެވޭ ކުއްޖާއަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަޅުގައި، "ޑައިވާރޝަން ޕްރޮގުރާމް" ފަދަ ޕްރޮގުރާމްތައް ތައާރަފުކޮށް، ކުއްޖާއަށް ދެވަނަފުރުސަތުގެ މަގުފަހި ކޮށްދިނުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، މުޙިއްޔުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ ޢަލީ މަނިކް އަދި ހުރަވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފަސާނާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރު ލިޔުންތައް

އޯޓިޒަމާ މެދު ދެކޭގޮތް ބަދަލުކޮށް ހޭލުންތެރިވާން ފަސްޓް ލޭޑީ ގޮވާލައްވައިފި
4 މަސް ކުރިން
މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446ގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން މެޑަމް ސާޖިދާ ހަވާލުކޮށްދެއްވައިފި
3 މަސް ކުރިންއެމްޑީޕީން ދައްކަނީ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާނޭފަދަ ދޮގު ވާހަކަތައް: މެޑަމް ސާޖިދާ
3 މަސް ކުރިން