ދަންނަ މީހެއް ވެސް ނޫން، ނަމަވެސް ބުނި ބަހަކުން ތިޔަ ހަލާކުކޮށްލަނީ އޭނާގެ މުޅި ދިރިއުޅުން!
.png&w=3840&q=75)
.jpg&w=3840&q=75)
13 މޭ 2025 - 05:31
ސޯޝަލް މީޑިޔާއިން ފެނުނު ވީޑިޔޯއެކެވެ. ދަންނަ މީހެއް ވެސް ނޫނެވެ. މަޖާވެލާފައި ކޮމެންޓް ސެކްޝަނުގައި ވީޑިޔޯއިން ފެންނަ"ބެހުނީ"އެވެ. ހަނގާކޮށްލައި ދިމާކޮށްލީއެވެ. މިއަދު އެ މީހާއަށް، އޭނާގެ އަމިއްލަ ނަފުސަށްކުރާ އިތުބާރު ގެއްލިއްޖެއެވެ. ހުރިހާ "ޝުކުރެއް" އެއްކަލަ ނުވެސް ދަންނަ މީހާއަށެވެ. މިއީ އޭގެ އެންމެ މިސާލެކެވެ.
މި މަހުގެ 11 ވީ މިދިޔަ އާދިއްތަ ދުވަހެވެ. 12 މޭއި ވާ ހޯމަ ދުވަހަކީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހަށް ވުމުން، "މެންދުރު ޓީވީ"ގެ "މައުޟޫ" ޕްރޮގްރާމް ޚާއްސަކުރީ އެ ދުވަސް ފާހަގަކުރުމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ނަރުސްކަން ކިޔަވައިދެއްވާ ނަރުހުން އިސްވެ އިންތިޒާމުކުރާ ޙަރަކާތްތަކާ ގުޅޭ މަޢުލޫމާތު ޢާންމުންނަށް ދިނުމަށެވެ. އާދައިގެމަތިން ވެސް އެރޭގެ ޕްރޮގްރާމަށް ދެ ބޭފުޅަކު ވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ އައިޖީއެމް ހޮސްޕިޓަލުގައި ނަރުހެއްގެ ޙައިސިއްޔަތުން މަސައްކަތްކުރައްވާ އަޙްމަދު އަމާންއެވެ.
އާންމުކޮށް ވެސް "މައުޟޫ" ޕްރޮގްރާމް ނިމި، އެ ޕްރޮގްރާމް ޢާންމުންނަށް ދައްކާލުމާއެކު އެ ދުވަހެއްގެ "މައުޟޫ"ގެ ކުދިކުދި މުހިންމު ވީޑިޔޯތައް "މެންދުރު ޓީވީ"ގެ މީސް މީޑިޔާގެ މަންސަތަކުން ޢާންމުންނަށް ގެނެސްދެއެވެ. އެގޮތުން އެ ދުވަހު ވެސް އެ ޕްރޮގްރާމަށް ވަޑައިގެންނެވި ދެ ބޭފުޅުންގެ ބައެއް މުހިންމު ވީޑިޔޯތައް "މެންދުރު ޓީވީ"ގެ މީސް މީޑިޔާގެ މަންސަތަކަށް ޓީމުން ދޫކޮށްލިއެވެ. އެ ދުވަހު ދޫކުރި ވީޑިޔޯތަކާ އެހެން ދުވަސްދުވަހު ދޫކުރާ ވީޑިޔޯތަކާ ވަކި ތަފާތެއް ވެސް ނެތެވެ.
އެހެން ނަމަވެސް، އޭގެ ތެރެއިން ދޫކުރި އަމާންގެ މުހިންމު ވީޑިޔޯކޮޅު ވަރަށް ވައިރަލްވިއެވެ. މީސްމީޑިޔާގެ މަންސަތަކުން އެތައް ލައްކަ ބަޔަކު އެވީޑިއޯ ބެލިއިރު، އެ ވީޑިއޯ އެހާ ބޮޑަށް "ވައިގައިހިފި" ސަބަބު ދެނެގަންނަން ބެލިއިރު، ހަމަ އަސްލުވެސް ލޭކެކިއްޖެއެވެ. ބައެއް ކޮމެންޓުތައް ފެނި މިއީ ހަމަ އަސްލުވެސް އިންސާނުންގެ ގޮތްބާއެއް ހިތައް އަރައިފިއެވެ. އެންމެ ކުރީއްސުރެ އަޑުއަހަމުން އަންނަ، "ތަހުޒީބާއި" "ތަމައްދުނުގެ" މަތީގައި ކުރިއަރަމުން އަންނަ ދިވެހީންގެ ޙާލަތަކީ މިއީބާއޭ ހިތައް އެރިއެވެ.
މާތް ﷲ، އިންސާނުން ހައްދަވާފައިވާ ގޮތާ މެދު އެއްވެސް ޖެހިލުންވުމެއް ނެތި ފާޑުކިޔާއިރު، އަނެކުންގެ އިޙްސާސާ މެދު ވިސްނާލާނެހާ ހިއްވަރުވެސް ނެތީބާއޭ ހިތައް އެރިއެވެ. ހަމަ އަސްލު ވެސް، ވިސްނުމެއް އަދި ޚިޔާލާތެއް ވެސް ނެތްކަން އެ ކޮމެންޓް ސެކްޝަނުން ފާހަގަވި އެންމެ މިސާލަކުން އެކަން ފުދެއެވެ.
"ހެޔޮނުވާނެ މިއަށް ވުރެ ފިރިހެންވަންތަ ނަރުހަކު ނެތީތަ؟ މިހާ ރަނޑު އަންހެންދުޅާ މީހުންގެ އިންޓަވއިރު ނަގާ ސަބަބު ކޮބައިބާ؟ އަންހެން ދުޅާވުމަކީ ތަބީޢީ ކަމެއް ނޫން. އެއީ ޔަގީންކަމެއް. ނަބިއްޔާ ސައްލަﷲވަސައްލަމް ޙަދީސްކުރައްވާފައިވޭ ފިރިހެނުން އަންހެނުންހެން އުޅުމާއި، އަންހެނުން ފިރިހެނުން ހެދުން ލުމާއި، ފިިރިހެނުން އަންހެން ހެދުން ލައިގެން އަންހެނުން ގޮތަށް އުޅޭ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލަޢުނަތް ލައްވާ ކަމަށް. ނުރައްކާތެރިކަމެއް މިއީ،" ކޮމެންޓުކުރި ފަރާތުން ބުންޏެވެ.
އެ ވީޑިއޯ ބެލި މީހެއްގެ ޙައިސިއްޔަތުން ހަމަގައިމު ވެސް އަޅުގަނޑަށް އެ ބޭފުޅަކު އެފަދައިން އުޅުއްވާ ތަނެއް ނުފެނެއެވެ. ޙިއްސާކުރެއްވީ އިންސާނިއްޔަތުކަމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. އެފަދަ މުހިންމު މަސައްކަތެއް ކުރާ ފަރާތްތަކެއްގެ އަގުވަޒަންކުރަން އެފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. ތުރުކުރައްވައިގެން ހުންނެވީ އެ ޚިދުމަތުގައި ޢާންމުކޮށް ވެސް ބޭނުންކުރައްވާ ފަދަ ހެދުމެކެވެ. އެ ހެދުމުގެ ބާވަތުން އެ ހެދުމަކީ ވަކި ޖިންސަކަށް ޚާއްސަ ހެދުމެކޭ އަޅުގަނޑަކަށް ދެންނެވޭކަށެއް ނެތެވެ. ވާހަކަފުޅު ދެއްކެވިއިރު، ކޮންމެވެސް ވަރަކަށް ޖެހިލުންވެވަޑައިގެން ހުންނެވިކަން ފާހަގަކުރެވުން ފިޔަވައި އިތުރު އެއްވެސް ކަމެއް އަޅުގަނޑަށް އެ ވީޑިޔޯގައި ފާހަގަނުކުރެވުނެވެ. އަންހެން ދުޅާކޮށް ވާހަކަ ދެއްކުމެއް، އަންހެން ދުޅާކޮށް ހަރަކާތްތެރިވި ތަނެއް ވެސް މެއެވެ.
އަޅުގަނޑަށް އެ ވީޑިޔޯއިން ފެނުނީ ޤުދުރަތީގޮތުން ވެސް، މީހެއްގެ ހުރި ގޮތެވެ. ގަދަކަމުން އިތުރު ގޮތެއް ހަދާތަނެއް ނުފެނެއެވެ. އިތުރު ކަމެއް ކުރަން އުޅޭތަނެއް ވެސް ނުފެނެއެވެ.
ދަންނަވަންތޯއެވެ. އަމިއްލަ މީހާގެ ވިސްނުމުގެ ކޮށިކަމަކީ، އެކަމުގައި އަނެކާއަށް އެހާވަރަށް މަލާމަތްކޮށް ހަނގާކުރަން ޖެހޭ ސަބަބެއް ނޫނެވެ. ބައެއް ފަރާތްތަކުން މާ މަޖާވެފައި އެކި ނަންނަމުން ގޮވައި ހެދި ކޮމެންޓުތައް ވެސް ހުއްޓެވެ. މުޅި ކޮމެންޓު ސެކްޝަނުގެ ދެބައިކުޅަ އެއްބައި މީހުން ކުރީ މަލާމާތެވެ. އެކި ފާޑުފާޑުގެ ވަނަމެވެ. މިއީ ތަހުޒީބަށް ވާނަމަ މި ޤައުމު މި ދަނީ ދުވަހެއް ދުވަހަކަށް ފަހަތަށެވެ. އެންމެ ކުޑަމިނުން، ކީރިތި ޤުރްޢާނާއި ކީރިތި ރަސޫލާގެ ސުންނަތުން ކަން އޮންނަ ގޮތް ބަލާނަމަ ވެސް، އެފަދަ ވާހަކަތަކެއް ނުދައްކާނެއެވެ. ދައްކަން ޖެހިލުން ވެސް ވާނެއެވެ.
އެހެނީ، ކީރިތި ޤުރްއާނުގެ އަލްޙުޖުރާތު ސޫރަތުގެ(11) ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ.
މާނައީ: "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު ފާސިޤު ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."
އަދިހަމައެހެންމެ، އަލްހުމަޒާ ސޫރަތުގެ (1) ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
މާނައީ: "ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ."
އަމާންއާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ކުށްވެރިކޮށް އެ ކޮމެންޓް ސެކްޝަނުގެ އިތުރުން އެ ވީޑިޔޯ ޝެއާކުރި އެތައް ފަރާތަކުން ދެއްކި ވާހަކަތައް ވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން އަމާން އަކީ ވަރަށް ހުނަރުވެރި އަދި ވަރަށް އަމާނަތްތެރިކަމާއި ނަޒާހަތްތެރިކަންކަމަތީ މަސައްކަތްކުރާ ނަރުހެއް ކަމަށާއި، ނާސިން ސްކޫލު ނިންމި އިރު އަމާންއަކީ އެކުލާހުގެ އެއްވަނަކަން ފާހަގަކުރިއެވެ.
އަދި ފިރިހެން ނަރުހަކަށް ވުމަކީ ހަނގާގެ ޝިކާރައަކަށް ވާންޖެހޭ ސަބަބެއް ނޫންކަމުގައި ބުނެ އެތައް ފަރާތަކުން އަމާން ދިފާއުކޮށްފައިވާއިރު، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން ފަދަ ޔޫނިއަންތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެއެވެ.