logoEN
ރިޕޯޓް

ހެޔޮ ވެރިއެއް ހެޔޮހިތުން ރައްޔިތުންނަށް މިދެނީ ޙަޤީޤީ ބާރުވެރިކަން

މުހައްމަދު މޫސާމުހައްމަދު މޫސާ

16 މޭ 2025 - 09:44

ގިނަ ވެރިންގެ ސިޔާސަތަކަށް ވެފައި އޮންނަނީ އަމިއްލަ ބާރު ހައްތަހާ ގަދަކޮށް، ރައްޔިތުން އިސްނުކުޅައުމުގެ ސިޔާސެތެވެ. ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުމުގެ ވިސްނުން ކުރިއަށްނެރެ ބަހާއި ޢަމަލުން އެކަން ދައްކުވައި ދޭ ވެރިންނަކީ ވަރަށް މަދު ބަޔެކެވެ. ދިވެހިންގެ ނަސީބު ވަރަށް ވެސް ރަނގަޅެވެ. އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންނެވެ. މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ޙަޤީޤީ ބާރުވެރިކަން ހޯދައިދެއްވާށެވެ. މިއީ ހުޝާމަތެއްނޫނެވެ. ކަންއޮތްގޮތެވެ. މިހެން ބުނާންޖެހުނު ސަބަބުތަކުގެ ތެރެއަށް ފަރުވާތެރިކަމާއެކު ފީނާލަމާ ބަހީއެވެ. ތިބާގެ ހިތާހިތުން އެބުނީވާ ތެދޭ ބުނާނެތެވެ.

ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުއެއްކޮށް ބޭއްވުން

ރިޔާސީ އިންތިޚާބާއި، މަޖިލސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީ ގެންނާންޖެހޭ އިސްލާޙްގެ މަސައްކަތް ކުރަށްވާނެކަން ރައީސް ވަނީ ޢިއުލާންކުރަށްވާފައެވެ. މި ނިންމުމަކީ ރައްޔިތުންނަށް އެއްގޮތަށްވުރެ ގިނަ ގޮތުން ފައިދާބޮޑުގޮތެވެ. ރައްޔިތުންގެ ތަރައްގީއަށް، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ވިސްނުންފުޅެކެވެ.

ދެ އިންތިޚާބު އެއްކޮށްލާންޖެހޭ ސަބަބުތަކާއި، އެކަމުގެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އަންނަނިވި ފަދައިންނެވެ.

''ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ މި އުޞޫލުތައް ތަންފީޛު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި، އަޅުގަނޑު ވަރަށް ފުރިހަމައަށް ގަބޫލުކުރާ ކަމެއް، ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން އިނގޭތޯ. ރައްޔިތުންގެ ބާރުވެރިކަން، ޤާނޫނީ ވެރިކަން، ދެފުށް ފެންނަ ނިޒާމެއް، މި ހުރިހާ ކަމެއް ފުރިހަމަކުރެވިގެން ދާންޖެހޭނެ. ޑިމޮކްރަސީގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފްވެގެން އައިސް، މިއަދާ ހަމަޔަށް އައިއިރުގައި، އަދިވެސް އަޅުގަނޑުމެން ވަރަށްގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭ. އެހެންވީމާ، އެގޮތުން ބަލާއިރުގައި، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގައި، ބައި މިލިއަނެއްހާ މީހުންވެސް އަދި ހަމަނުވޭ. އެހެންވީމާ، މި ޤައުމަކީ އެއްބައެއްވަންތަ، އެއް ދީނަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަދައްކާ، ވަރަށް އެކުވެރި ޤައުމެއް މިއީ. ޑިމޮކްރެޓިކް މުޖުތަމަޢެއް އޮތް ޤައުމެއްގައި، ކަންތައްތައް ހުންނަންވާނީ، މި ޤައުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި އަޅުގަނޑަށް ޔަޤީން، ރައްޔިތުންވެސް ގަބޫލުކުރައްވާނެ. އެހެންވީމާ، އެގޮތުން ބަލާއިރުގައި، އެންމެ މުއްސަނދި، އެންމެ ބޮޑެތި ޤައުމުތަކުގައި ހުންނަވަރުގެ، ވަރަށް ޚަރަދުބޮޑު ގޮތަކަށް ކަންތައްތައް ކޮންމެހެން ހުންނާކަށް ނުޖެހެއޭ. އެއަށްވުރެ މާރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވޭ ގޮތަށް، ޔަޤީންކަން، ކަށަވަރުކަން އިތުރުވާގޮތަށް، އަޅުގަނޑުމެންނަށް ކަންކަން ބައްޓަން ކުރެވޭނެއޭ. އެއީ، މިކަމުގައި އަޅުގަނޑު ގަބޫލުކުރާގޮތަކީ.'' ރައީސް ވިދާޅުވެފަވެއެވެ.

މި ދެ އިންތިޚާބުގެ ދެމެދުގައި ހޭދަވަނީ ހައެއްކަ މަހެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ލާބަހުރި، އެންމެ ބާރުހުރި ގޮތަކަށްވާނީ ދެ އިންތިޚާބުގެކަންކަން އެއްކޮށް ދިޔުމެވެ. ރައީސް ވަނީ މިކަން ފާހަގަކުރަށްވާފައެވެ. ނަމަވެސް މިފަދަ ނިންމުމެއް ނިންމަވާނީ ޤާނޫނުއަސާސީގެ ރޫހާއި އެއްގޮތަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން، ރައްޔިތުންގެ ސާފު ބަސް ކަށަވަރުކުރަށްވައިގެންކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވެފައި ވަނީ މިއީ ރައްޔިތުންގެ ޚިޔާލަށް ދާނެ ކަމެއްކަމަށާއި، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓެއްވެސް ނަގަންޖެހޭ ކަމެއް ކަމަށެވެ.

''ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބާ އެކުއެކީގައި ބޭއްވީމާ، ރައްޔިތުންނަށް ލިބޭނެ ވަރަށްގިނަ ފައިދާތައް އެބަހުރި. ކޮންމެގޮތަކުން ބެލިޔަސް، އެތައް އެތައް މިލިއަން ރުފިޔާއެއް، ސަތޭކަ އެތައް މިލިއަން ރުފިޔާއެއް، ދުއިސައްތަ މިލިއަނެއްހާ ރުފިޔާ، ދެން ކޮންމެގޮތެއްވިޔަސް، ބޮޑު ޢަދަދެއް ސަލާމަތް ކުރެވޭ. އަދި ހުރިހާ ގޮތަކުން ބެލިޔަސް، މިއީ މާ އެފިޝަންޓް ގޮތަކަށް ވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތައާރަފްކުރުން

ދިވެހިރާއްޖެ ފަދަ ނާޒުކް އިގްތިޞާދެއްގެ ވެރި ޤައުމެއް ހިންގުމުގެ ނިޒާމާއި، ދައުލަތުގެ ކަންކަން ތަރުތީބު ކުރުމުގެ ނިޒާމް ވާންވާނީ އެންމެ ޚަރަދުކުޑަ ނިޒާމްތަކަށެވެ. ޕްރިފެރެންޝަލް ވޯޓިން އަކީ ވޯޓުލާ ފަރާތްތަކަށް އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ތަރުތީބުން އިސްކަންދީގެން ވޯޓުލެވޭ ނިޒާމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މި ނިޒާމް ރާއްޖެއަށް ތަޢާރަފްކުރެއްވުމެވެ. މިއީ ވެސް ދައުލަތުން އެތައް މިލިއަނެއް ސަލާމަތްވާނެ ބަދަލެއްކަން ކަށަވަރެވެ.

''އަޅުގަނޑު ބޮޑަށް މި ވަކާލާތު ކުރަނީ، ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމޭ މި ކިޔާ ނިޒާމަށް ދާން. އޭރުން ދެވަނަ ބުރެއް ނުބާއްވައި، އެހެންނަމަވެސް، ސީދާ ރައްޔިތުންގެ ޗޮއިސް، ރައްޔިތުން ބޭނުންވާގޮތް، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ މީހަކު ހޮވިގެންދިޔުމުގެ ޗާންސް، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި އިނގޭތޯ. އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް އަޅުގަނޑަށް ފެނޭ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް އެދިވަޑައިގަންނަވަނީ ވަރަށް ސީރިއަސްކަމާ އެކީގައި ރައްޔިތުން މިކަމާމެދު ވިސްނުމަށެވެ.

ރައީސް ވިދާޅުވީ، ދެ ބުރު، އެއް ބުރަކަށް ހަދައިގެން ނިންމާނީތޯ، ދެ އިންތިޚާބު އެކީގައި ބާއްވާނީތޯ ވެސް ނިންމާނީ ރައްޔިތުންކަމަށެވެ. އެއީ އެންމެ ޚަރަދުކުޑަ، ރާއްޖެއަށް ވެސް އެންމެ އެކަށޭނަ ގޮތްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މަޖިލިސް މެމްބަރުންގެ އަދަދާއި ސިޓީ ކައުންސިލަރުންގެ އަދަދު އެއް ހަމައެއްގައި ހިފެހެއްޓުން

މިހާރު ޤާނޫނުއަސާސީ އޮންނަގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިޚާބަކަށް މަޖިލީހުގެ ގޮނޑިތައް ދާނީ އިތުރުވަމުންނެވެ. މިހެން މިކަން ދާނަމަ ރާއްޖެ ފަދަ ޤައުމަކަށް ނުކަތާވަރަށް މިކަން ދާނެއެވެ. މިއީ މާލީ ވެސް ބޮޑު ހޭދައެއް ދައުލަތުން ކުރާންޖެހޭ ކަމެވެ. އެހެންކަމުން ރައީސްގެ ވިސްނުންފުޅަކީ މަޖިލިސް މެމްބަރުންގެ ޢަދަދު މިހާރުގެ މިންވަރު 93 ގައި ހިފެހެއްޓުމަށް ޤާނޫނުއަސާސީ އިސްލާޙްކުރެއްވުމެވެ.

ހަމަމިގޮތަށް ސިޓީ ކައުންސިލްތަކާއި ނުވަތަ އެއް ރަށެއްގައި، އެއް ފަސްގަނޑެއްގައި ގިނަ ދާއިރާތައް އޮންނަ ރަށްރަށުގައި ކައުންސިލްތައް، ދާއިރާތައް އިތުރުނުވާނެގޮތައް ކައުންސިލަރުންގެ އަދަދު ލިމިޓްކުރެއްވުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެވެ.

އަތޮޅު ކައުންސިލްތައް އުވާލުން

އަތޮޅު ކައުންސިލް ކިޔާފައި ކައުންސިލެއް އޮތުމުގެ މަގްސަދު ހާސިލްނުވާކަމާއި، އެއީ ނަތީޖާއެއް ނެރެވޭ ވިސްނުމެއްނޫންކަން ރައީސް ވިދާޅުވެދެއްވިއެވެ.

''ރާއްޖޭގައި މިހާރު އޮންނާނީ ހަމަ ރައްޔިތުން ހޮވާ މީހުން ތިބެގެން، ވެރިން ތިބެގެން ހިންގާ ނިޒާމު. ދެން އެހެންނަމަވެސް، އަތޮޅު ހިންގަން އަނެއްކާ ވަކި ކައުންސިލެއް. މިހާރު މި އޮންނަނީ އަތޮޅު ކައުންސިލްގެ ރައީސަކު ހޮވާފައި، ހުރިހާ ރަށެއްގެ ރަށު ކައުންސިލް ރައީސުން އަތޮޅު ކައުންސިލަށް އަންނަ ގޮތަށް. ދެން މިއީ ކައުންސިލް. އަތޮޅުގެ ކައުންސިލް. ދެން މީގައި މިވާގޮތަކީ، އަތޮޅު ކަމެއްގައި މަޝްވަރާ ކުރަން ބައްދަލުކުރިޔަސް، އެ ރަށެއްގެ މަޞްލަޙަތު، އެ ރަށެއްގެ ކައުންސިލް ރައީސަށް މި އިސްކުރެވެނީ. އެހެންތާވާނީ، އޭނައަކީ ވަކި ރަށެއްގެ ކައުންސިލް ރައީސް. މުޅި އަތޮޅާ ބެހޭގޮތުން ވާހަކަ ދެއްކޭވަރު، އޮބްޖެކްޓިވްލީ ވަކިއަތަކަށް ނުޖެހި ދެއްކޭވަރު ކުޑަ.'' ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

އަތޮޅު ކައުންސިލްތަކުގެ ބައްދަލުވުންތައް ގިނަ ފަހަރަށް އޮންލައިންކޮށް ބާއްވަން ޖެހުމާއި، އަތޮޅު ކައުންސިލެއް ހިންގަން ކުރަންޖެހޭ ޚަރަދުފަދަ އެތައް ނެގެޓިވްކަންކަމެއް އެކަމުގައި ހިމެނޭކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރަށު ކައުންސިލަރުންގެ އަދަދު އާބާދީގެ ނިސްބަތަށް

ރަށު ކައުންސިލްތައް އެރަށެއްގެ އާބާދީގެ ނިސްބަތުން ސައިޒް ކުޑަކުރާގޮތަށް ހުށަހެޅުއްވުމަކީ ވެސް ރައީސްގެ ވިސްނުންފުޅެކެވެ. އެއީ، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިން ކައުންސިލަރުން، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭގޮތަށެވެ.

މި ބަދަލުތަކުގެ ސަބަބުންވެސް ވަރަށްބޮޑު ތަނުން ހިންގުން ހަރުދަނާވާނެއެވެ. އަދި އޭގެއިތުރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، މިހާރު ބައެއް ރަށްރަށުގައި ކައުންސިލަރުން ބޭކާރުވެފައި އެބަތިބޭ ތިބުން ނިމުމަކަށް އަންނާނެއެވެ. މިހާރު އޮންނަގޮތުން ރަށުގެ އާބާދީ، ރަށުގައި ޤާއިމުވެ ތިބޭ މީހުންގެ ޢަދަދު ސަތޭކަ ހަމަނުވާ ރަށްރަށުގައިވެސް ފަސް ކައުންސިލަރުން ތިބެއެވެ. މީގެތެރެއިން ގިނަ މީހުން ރަށުގައި ނުތިބެ މަހަށްދިޔުމާއި ނުވަތަ އަމިއްލަ ވިޔަފާރީގައި އުޅޭފަހަރު އާދެއެވެ. އެހެންކަމުން މިހާރު އޮންނަގޮތުން މި ނިޒާމްވެގެން ގޮސްފައި ވަނީ ވަރަށް ޚަރަދު ބޮޑު ނިޒާމަކަށެވެ. އަދި ރައްޔިތުންނަކަށް އެއިން ކުރާ ފައިދާއެއްވެސް ނޯވެއެވެ.

ޑަބްލިޔުޑީސީތައް ވެސް އާބާދީ ނިސްބަތަށް، ރައީސާ ސީދާ ރައްޔިތުން އިންތިޚާބުކުރާ ގޮތަށް

ހަމަ އެގޮތަށް، ޑަބްލިޔުޑީސީ ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް ރަށު ކައުންސިލްތަކެކޭ އެއްގޮތަށް ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑުނޫން ރަށްރަށުގައި ތިން މެމްބަރުން، ދެހާސް މީހުންނަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް މެމްބަރުން ތިބޭގޮތަށް ބަދަލުކުރެއްވުމަކީ ރައީސްގެ ވިސްނުންފުޅެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ވެސް، ރަށު ކައުންސިލްގެ ރައީސް، ނޫނީ ރައީސާ ގޮތަށް، ސީދާ އިންތިޚާބުކުރާ މީހަކަށްވާގޮތަށް ބަދަލުކުރުމަކީ ވެސް ރައީސްގެ ވިސްނުންފުޅެވެ. އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި މާލޭގެ މޭޔަރަކަށް ހުންނެވިއިރު، މާލޭގެ ޑަބްލިޔުޑީސީގެ ރައީސާ ތިން ހަތަރު ފަހަރަށް ބަދަލުވިކަން ފާހަގަކުރަށްވާ، ރައީސް ވިދާޅުވީ އެންމެ ރަނގަޅުގޮތެއްކަމަށް ދެކިވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ މީހަކަށް ޑަބްލިޔުޑީސީގެ ރައީސާ ވެސް ވެގެން ދިޔުމެވެ.

ރައީސް ފާހަގަކުރަށްވާގޮތުގައި ޑަބްލިޔުޑީސީތަކަކީ ވަރަށް މުހިންމު ކޮމިޓީތަކެކެވެ.

''އަޅުގަނޑުމެން އެންމެފަހުންވެސް މިވަނީ ކޮމިޓީގެ މެންބަރުންނަށް ހައިސިއްޔަތުތަކެއް ދީފައި ދޮގެއްތޯ؟ އަޅުގަނޑު ވަރަށް ގަބޫލުކުރާ ކަމެއް، އަންހެނުން ބާރުވެރިކުރުވުން. ރަށުގެ ކަންކަމުގައި މަތީ މަގާމުތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު، ޤައުމީ ލެވެލްގައިވެސް އަންހެނުންނަށް ލިބިގެންދިޔުން.'' ރައީސް ވިދާޅުވެފަވެއެވެ.
ކައުންސިލްތަކުގެ ގޮނޑިތަކުގެ 40 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުން

އަންހެނުންނާއި ކައުންސިލްތައް ބާރުވެރިކުރުމަށް ކުރަށްވާ މަސައްކަތްޕުޅުގެ ތެރެއިން ކައުންސިލްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ 40 އިންސައްތަ އަކީ އަންހެނުންކަމުގައި ޤާނޫނުން ކަނޑައަޅައި، އަންހެނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދެއްވުމަކީ ރައީސްގެ ވިސްނުންފުޅެވެ.

''އަންހެން ކައުންސިލަރުން، ނޫނިއްޔާ އަންހެނުން ބާރުވެރިކުރުވުމަށް މި އޮންނަ ފުރުޞަތު އިތުރުކުރަންވެސް އަޅުގަނޑު ނިންމާފައި މިއޮތީ. 33 އިންސައްތަ، ކައުންސިލް މެންބަރުން، އަންހެނުންނަށް ވާންޖެހޭގޮތަށް. އަޅުގަނޑު މި ޢަދަދު 40 އިންސައްތައަށް އިތުރުކުރަން ނިންމާފައި މިއޮތީ. ދެން އެވެސް އެއީ، ހަމަ ވަރަށް މުހިންމު ބަދަލެއް. އޭގެ ސަބަބުންވެސް ފައިދާވާނެ ހަމަ. ޚާއްޞަކޮށް، އާބާދީ ބޮޑެތި ރަށްރަށުގައި.'' ރައީސް ވިދާޅުވެފަވެއެވެ.
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ރައްޔިތުންގެ ބާރުވެރިކަމަށް ހޭދަކުރާގޮތައް ބަދަލުގެންނެވުން

ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާ ގޮތް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ވިސްނުންފުޅެވެ.

''މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ. ދެން އަދި ބައެއްފަހަރު، ބައެއް ކައުންސިލްތަކުގެ މެންޓަލިޓީ ހުންނަ ގޮތަކީ، އެ ދައުރު ނިމޭއިރުގައި، ބްލޮކް ގްރާންޓް ސޭވްކުރަން އެބަ ބޭނުންވޭ. ޚަރަދުނުކޮށް ބަހައްޓަން. ބްލޮކް ގްރާންޓް މިއީ، ޤާނޫނުގައި، ލާމަރުކަޒީ ޤާނޫނުގައި، ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮތް ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށްގިނަ ޒިންމާތައް ހުންނާނެ. އެކަންކަން ކުރަންދޭ ފައިސާވެސް ޚަރަދުނުކޮށް، ބެންކޮކަށް ދިޔުމާއި، ސޭވްކުރުން. ސޭވިންގ އެކައުންޓަކަށް ދެން އެ ފައިސާ ނުލެވޭނެ. ކޮންމެ ކައުންސިލެއްގައި އެކައުންޓެއް ހުޅުވީ، ވަކިން ފައިސާ އެއަށް ލައިދީފައި، އެ ފައިސާ ޚަރަދުކުރަން. ޤާނޫނުގައި ބުނެފައި އޮތް ކަންކަން ކުރަން. އެހެންވީމާ، ސޭވްވެސް ކުރަނީ. އަނެއްކާ ދަތުރުވެސް ދަނީ. އަމިއްލަ އުފަލަށް ދަތުރުދަނީ. ދެންގޮސް މިކަހަލަ ބޭކާރު ކަންތައްތައް ކުރާތީ، ބްލޮކް ގްރާންޓްވެސް މި ބޭނުންކުރަނީ، ރައްޔިތުން ޙަޤީޤަތުގައި ބާރުވެރިވާ ގޮތަށްތޯ، ރައްޔިތުން ބޭނުންވާ ގޮތަށްތޯ ބެލުންވެސް އެބައޮތް.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މި ހުރިހާ ކަމެއް ރައްޔިތުންނަށް އެނގެން ޖެހެއެވެ. އެހެންކަމުން އެކަންކަން އަންގައިދިނުމުގެ މަސައްކަތްތަކެއް ކުރަށްވަން ރައީސް ވަނީ ނިންމަވާފައެވެ.

ރިކޯލް ވޯޓް، ރައްޔިތު މީހާ އަށް ޙަޤީޤީ ބާރުވެރިކަން

ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށެވެ.

''އިންތިޚާބެއް ވުމަށްފަހު، ދެން އޭނަ ގައިގައި އަތްލެވޭނެ ގޮތެއްނޯވޭ. ރައްޔިތުންނަށް އަތްލެވޭނެ ގޮތެއް. މި ދަންނަވަނީ ގޯސް ކަމެއް ކޮށްގެން. ކައުންސިލަރެއް ކަމުގައިވިޔަސް، މަޖިލިސް މެންބަރެއް ކަމުގައިވިޔަސް، އަދި އެއްވެސް މަގާމަކަށް ރައްޔިތުން އިންތިޚާބު ކޮށްފައި ހުންނަ މީހަކު، އެ މީހަކު ރައްޔިތުންނަށް ވަކިކުރެވޭނެ ގޮތެއް ނެތް އަދިއެއް އިނގޭތޯ. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު. ނޫނިއްޔާ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލުކުރުމުގެ ފުރުޞަތު، ރައްޔިތުން އޭނަ ވަކިކުރަން ބޭނުންވަންޏާ، ވަކިކުރުމުގެ ފުރުޞަތު ލިބޭގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހަޅަން.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، މި ބަދަލާއެކު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ކޮންމެ މަގާމެއްގައި ހުރި މީހަކު ނަމަވެސް ރިކޯލް ވޯޓަކުން ވަކިކުރެވޭނެ ފުރުސަތު ރައްޔިތުންނަށް ދީ، ރައްޔިތުންނަކީ ޙަޤީޤީ ބާރުވެރިންކަމުގައި ހެދުމަކީ އެމަނިކުފާނުގެ ވިސްނުންފުޅެވެ.

''ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރަން، ނޫނިއްޔާ ކައުންސިލްގެ މެންބަރަކު ވަކިކުރަން ރައްޔިތުން ބޭނުންވަނީ. އަދި އެނޫން މަގާމެއްގައި، އިންތިޚާބު ކޮށްފައި ހުރި މީހެއް ކަމުގައިވިޔަސް، ވަކިކުރަން ބޭނުންވާ ކަމަށްވަންޏާ، އެއީ، އަޅުގަނޑުވެސް ހިމެނޭގޮތަށް އިނގޭތޯ. އިންތިޚާބު ކުރި މަގާމުން އެ މީހަކު ވަކިކުރަން ބޭނުންވަންޏާ، އެ އިންތިޚާބު ކުރުމަށްޓަކައި، އެ ވޯޓުލުމުގެ ޙައްޤު އޮތް މީހުން، އެ މީހަކު ހޮވުމުގެ ޙައްޤު އޮތް މީހުން. އެ މީހުންނަށް ފުރުޞަތު ލިބެއޭ އެބަ، އެ ވޯޓުލުމުގެ ޙައްޤު އޮންނަ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވަންޏާ، އޭނަގެ މަގާމުން އޭނަ ދުރުކުރުން. ކުރުގޮތަކަށް ދަންނަވަންޏާ. އެ ފުރުޞަތު އެބަ ލިބެންޖެހޭ. އެހެންނޫނިއްޔާ ނެތް މިއަކު، ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމެއް. ޗެކް އެންޑް ބެލެންސެއް ނެތް. އެ މީހަކު ހަމަ ބޭނުންގޮތަކަށް އުޅެމުންދާންވީ. އެ މަގާމުގައި ހުންނާނެ ފަސް އަހަރު ވަންދެން. އެހެން ނޫންތޯ؟ އެހެންވީމާ، އެހެންވެގެން ނުވާނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެންމެ އިންޞާފުވެރި ގޮތަކީ، ރައްޔިތުންނަށް ޙަޤީޤަތުގައި އެންމެ ބާރު ލިބޭގޮތަކީ، ހަމަ ރައްޔިތުންގެ އަތަށް އެ ބާރު އަބަދުވެސް ލިބިފައި އޮންނަ ގޮތަށް އޮތުން.'' ރައީސް ވިދާޅުވެފަވެއެވެ.
ޙަޤީޤީ ބާރުވެރިކަމާއި ނަފާ ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވުމުގެ އަމާޒު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުންތަކާއި ގުޅިގެން ގެނެވޭ ކޮންމެ ބަދަލެއްގެ ސީދާ ބާރުވެރިކަމާއި ނަފާވެރިކަން ގުޅިފައިވަނީ ރައްޔިތުންނާއެވެ. އެއިރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންނަށްޓަކައި ޚަރަދުކުރާނެ އެތައް މިލިއަން ރުފިޔާއެއް ސަލާމަތްވާނެއެވެ. ބޮޑު ދެ އިންތިޚާބު އެއްކޮށް ބޭއްވުމާއި، ރިޔާސީ އިންތިޚާބުގެ ދެ ބުރު ނުބާއްވައި ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތައާރަފްކުރުމާއި، މަޖިލިސް މެމްބަރުންނާއި، ސިޓީ ކައުންސިލަރުންގެ އަދަދު ލިމިޓް ކުރުމާއި، ރަށު ކައުންސިލަރުންނާއި ޑަބްލިޔުޑީސީތަކުގެ މެމްބަރުންގެ އަދަދު އާބާދީ ނިސްބަތަށް ކަނޑައަޅައި، އަތޮޅު ކައުންސިލްތައް އުވާލުންފަދަ ބަދަލުތަކަކީ ފަސް އަހަރެއްގެ ތެރޭގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންގެ ހާސް މުހުތާދު ފުއްދައިދިނުމަށް ފައިސާ ބާކީކޮށް ސަލާމަތްކުރެވޭނެ ކަންކަމެވެ. އެއީ ބޭސް ފަރުވާގެ ނިޒާމާއި، ތައުލީމީ ނިޒާމާއި، އުމުރާނީ ތަރައްގީގެ ތެރެއިން ނަރުދަމާއާއި، ފެނާއި، މަގާއި، ބަނދަރާއި، އެއާޕޯޓާއި، ގޮނޑުދޮށް ހިމާޔަތްކުރުންކަމަށް ވިޔަސް އެތައް މަސައްކަތެއް ކުރެވޭނެ ފައިސާއެވެ. ހަމައެހެންމެ، އަންހެނުން ބާރުވެރިކޮށް، ވޯޓު ލައިގެން ހޮވާ މީހާ އެ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތާއި ޣައްދާރުވެއްޖެނަމަ އޭނާ ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތަށް ދިނުމަކީ ރައްޔިތުންނަށް ޙަޤީޤީ ބާރުވެރިކަން ދިނުމަށް ރައީސަކަށް ކުރެއްވޭނެ އެންމެ މަތީ ދަރަޖައިގެ މަސައްކަތްކަމާމެދު ޝައްކެތްނެތެވެ. އެހެންކަންކަން ހުރުމުން ހެޔޮ ވެރިއެއް ހެޔޮހިތުން ރައްޔިތުންނަށް ޙަޤީޤީ ބާރުވެރިކަން ހޯދައިދޭން މަސައްކަތްޕުޅުކުރާކަން އެބަ ކަށަވަރުވެއެވެ. އެފަދަ ވެރިއަކަށް ދެވަނަ ފުރުސަތެއް ދޭންވީ ވެސް މި ސަބަބުތަކާހުރެއެވެ.

ކޮމެންޓް

871x217_placeholder