ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކޮށްފި


18 މޭ 2025 - 08:18
މި އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އަންނަ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރު ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ ހިނގަމުން މިދާ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ލިބިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތުގެ އާމްދަނީގެ 78 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކުހާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ އެވެ.
މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި މި އަހަރު ތެރޭގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުގެ 25 އިންސައްތަ ވަނީ ހޭދަވެފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ.
ނިމުނު ހަފުތާގެ ނިޔަލަށް ބަޖެޓުން ހިނގާފައިވާ ޖުމްލަ ހަރަދުގެ 91.7 އިންސައްތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، ބަޖެޓުން މުވައްޒަފުންނަށް ހިނގާ ހަރަދު އެ މުއްދަތުގެ ތެރޭގައި 7.9 އިންސައްތައިން ވަނީ އިތުރުވެފަ އެވެ.
މި އަހަރު ތެރޭގައި ކެޕިޓަލް ހަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑެތި އުމްރާނީ މަޝްރޫއުތަކަށް ހިނގާފައިވާ ފޮރިން ޑިސްބާސްމަންޓުތައް އިތުރުވެފައިވުމުގެ ސަބަބުން ޖުމްލަ ކެޕިޓަލް ހަރަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާ އަޅާބަލާއިރު 73.2 އިންސައްތައިން ދަށްވެފަ އެވެ.