ސަރުކާރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރާ ދަތުރުދަނީ ރައީސް މުއިއްޒުގެ ސްޕީޑުގައި


19 މޭ 2025 - 04:52
ސަރުކާރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރާ ދަތުރުދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕީޑުގައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުން ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް "ދިވެހިރާއްޖެ 2.0" އަށް އެލައިންކުރުމާ ގުޅޭ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގައި ރައީސްގެ ތަސައްވުރާއި ވިސްނުންފުޅާއެއްގޮތަށް ކުރިއަށްދާތަން ފެންނަކަމަށެވެ.
މިކަމަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެެއް ގެނެސްދޭނެކަމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިއީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިސްނެންގެވުމަކާ ގުޅިގެން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މި މިނިސްޓްރީގެ އިތުރުން އެލްޖީއޭއާއި، އެން.ސީ.އައި.ޓީއާއި، ޓްރޭޑްނެޓާއި އަދި ރައީސް އޮފީހުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރަނީ އާންމުންނަށް ޚިދުމަތް ދިނުމުގައި މިހާރު ކައުންސިލު އިދާރާއިން ބޭނުންކުރަމުން އަންނަ ސިސްޓަމްތައް މޯލްޑިވްސް 2.0 ގެ އެކޯސިސްޓަމަށް ފައްތައި ސިސްޓަމް އިންޓަރގްރޭޓް ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ.
ސަރުކާރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މި ކުރާ ދަތުރު ރައްޔިތުންނަށް ބުނެދީ، އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.