އިސްލާހާއެކު ކުޅިވަރު ލާމަރުކަޒީ ކުރެވިގެންދާނެ: ރައީސް


19 މޭ 2025 - 07:30
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 10 އަހަރަށްފަހު ގެނެވުނު އިސްލާހާއެކު ކުޅިވަރު ލާމަރުކަޒީ ކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގުކުރައްވައިފައިވާއިރު މި ގަާނޫނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ގައުމީ ޓީމުތަކުންވެސް ފުރުސަތު ލިބިގެންދަނީ މާލެ ސަރަހައްދުގައި ކުޅޭ ކުޅުންތެރިންނަށްކަމަށެވެ. އެއްވެސް އެސޯސިއޭޝަނެއްގެ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި ސަރުކާރުން އިސްކަން ދޭނީ ގާނޫނުތައް ހިންގުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުޅިވަރުގެ ގައުމީ ފަންޑެއް ގާއިމުވާނެ. ފަނޑުގެ ނަތީޖާއަކީ ލާމަރުކަޒީކޮށް އެއް ފެންވަރެއްގައި މުޅި ރާއްޖޭގައި ކުޅިވަރު ކުޅުންތެރިން ގާއިމުކުރެވިގެންދާނެ. ނުކުޅެދުންތެރިކަން ހުންނަ ކުދިން ރެޕްރެޒެންޓޭޓިވް ކުރެވިގެންދާނެ".
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިޚްތިޔާރުތަކަކާއި ފުރުޞަތުތަކެއް ލިބުން.2. ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޤާނޫނުގެ ދަށުން އުފެއްދުމަށް ކަނޑައެޅުން. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ފެށުން.3. ކުޅިވަރުގެ ވަކި ފަންޑެއް ޤާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށުން.4. ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުން5. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ޚާއްޞަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުން.6. ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށުން.7. ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކޮށް ޢަމަލުކުރަން ފެށުމަށް ކަނޑައެޅުން. (މިއީ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށް ދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާކަމެކެވެ).8. ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދަން އޮތަށް ފުރުޞަތު ފަހިވުން. (މިގޮތުން 'އިންޓަރ ސްކޮލަރސްޓިކް' ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް މި ޤާނޫނުގެ ދަށުން އުފައްދައި ހަރަކާތްތެރިވަމުންދާނެއެވެ.)
މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުޞަތު، މި ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެޓަރނީ ޖެނެރަލްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް، ކުޅިވަރުގެ ދާއިރާގެއެހާރާއި މިހާރުގެ މަޝްހޫރު ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބިލަކީ، 5 މެއި 2025 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވައިފައެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ ޢަމަލުކުރަންފަށާފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން