ދައުރު ނިމެން 548 ދުވަސް ނެތްނަމަ ބައި އިލެކްޝަން ނުބާއްވާނެ


19 މޭ 2025 - 10:45
ދައުރު ނިމެން 548 ދުވަސް ނެތްނަމަ ބައި އިލެކްޝަން ނުބާއްވާގޮތަށް ނިންމައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި 15 ވަނަ އިސްލާހު ތަސްދީގުކުރައްވައިފިއެވެ.
މި އިސްލާޙު ގެނައުމަށް ނިންމަވާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް، ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހޭތީ އާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައެވެ.
މި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކަކީ:
ކައުންސިލެއްގެ ރައީސްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ، 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކައުންސިލްގައި މެންބަރުން ނެތް ޙާލަތެއްގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެންނުވާނެއެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރެއްގެ މެންބަރުކަމުގެ މަޤާމު ހުސްވިއިރު އެ ކޮމިޓީގެ ޢުމުރުގެ ބާކީ އޮތީ 548 (ފަސްސަތޭކަ ސާޅީސްއަށެއް) ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެންބަރުން ނެތް ޙާލަތުގައި މެނުވީ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކޮށްގެންނުވާނެއެވެ.
މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވާފައެވެ. އަދި މި އިސްލާޙަށް މިހާރު ވަނީ ޢަމަލުކުރަންފަށާފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން