logoEN
ޚަބަރު

ވޯލްޑް ހެލްތު އެސެމްބްލީގެ 78 ވަނަ ސެޝަން ފަށައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

19 މޭ 2025 - 17:26

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 78ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ.

މި މުހިންމު ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 19 އިން 27 އަށެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިސްބޭފުޅުންނާއި މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުންނެވެ.

މިނިސްޓަރު ނާޒިމް މި އެސެމްބްލީގައި "ވަން ވޯލްޑް ފޯ ހެލްތު" މައުޟޫއަށް ރަސްމީ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރު 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ޞިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތަކަށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ޕްރޮގްރާމް ބަޖެޓްއާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. އަދި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތައް މެދުވެރިވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު އެގްރީމެންޓެއް ކަމަށްވާ "ޕެންޑަމިކް އެގްރީމަންޓް"ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމުޢިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

871x217_placeholder