logoEN
ޚަބަރު

ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ރާއްޖެއިން ސޮއިކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

20 މޭ 2025 - 04:54

ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ.

ބްލޫ ޕްލެނެޓް އެލަޔަންސްގައި ދިވެހިރާއްޖެ ބައިވެރިވީ މިހާރު ނައިބު ރައީސް ހަވާއީގެ ހޮނޮލޫލޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެފަރާތުން ބޭއްވި ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި، ޚާއްޞަ މެހެމާނެއްގެގޮތުން ނައިބު ރައީސްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި އުސޫލުތަކަށް އިސްކަންދިނުން މުހިންމު ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކަށް އުފެއްދުންތެރި ހައްލުތަކެއް ހޯދުމަށް މިހާރުގެ ހާލަތަށްވުރެ ކުރިއަށް ވިސްނަންޖެހޭ ކަމަށްވެސް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދަވާ 4 ވަނަ ފަހަރެވެ.

ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށާއި، އެކަމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި، އައު ޓެކްނޯލޮޖީތައް ތައާރަފްކޮށް ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މާލީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކަރަންޓަށް ބޭނުންވާ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ އަމާޒެއް ކަނޑައަޅުއްވާފައެވެ. މިގޮތުން، މި އުއްމީދީ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، މި މަގުޗާޓު ތަންފީޒު ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކާއި މަޝްރޫޢުތައްވެސް މިހާރުވެސް ދަނީ ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 68 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކޮށްފައިވާއިރު، މިފަދަ އިތުރު މަޝްރޫޢޫތައްވެސް ދަނީ ކުރިއަށެވެ.

ކޮމެންޓް

871x217_placeholder