logoEN

ޤަތުލުޢާންމު ހުއްޓައިނުލައިފިނަމަ އީޔޫއިން ސިޔާސީ ގުޅުން ކަނޑާލަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

21 މޭ 2025 - 11:42

ޣައްޒާގައި މިހާރު ހިނގަމުންދާ ޤަޠުލްއާންމު ހުއްޓާނުލައިފިނަމަ، ވިލާތުގެ އިއްތިޙާދުގެ މެންބަރު ޤައުމުތަކާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ދެމެހެއްޓުމާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އަމަލު ކުރަމުންދާ އެއްބަސްވުން މުރާޖާ ކުރުމަށް ނިންމާފައިވާ ކަން އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ހާމަކުރައްވައިފިއެވެ.

މުރާޖާ ކުރުމަށް އީޔޫގެ ޚާރިޖީ ވަޒީރުން ހުށަހަޅާފައި ވަނީ 2000ވަނަ އަހަރު އަމަލު ކުރަން ފެށި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންސާނީ ޙައްޤުތަކާއި ޑިމޮކުރަސީގެ އުންސުރުތަކަށް ޒަޔަނިސްޓު އިސްރާއީލުން އިޙުތިރާމު ކުރަން ޖެހޭނެއެވެ. އަދި، ބައިނަލްއަޤްވާމީ ސިޔާސަތުތަކަށް ބޯލަނބަން ޖެހޭނެއެވެ. ނަމަވެސް، ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ދަނީ އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އެ ކަން އީޔޫގެ މެންބަރު ޤައުމުތަކަށް ފެނިފައި މި ވަނީ، މެދުކެނޑުމެއް ނެތި ޢުދުވާން ހިންގަމުންދާތާ 592 ދުވަސް ފަހުންނެވެ.

ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބުނީ، އޭނާގެ އަމުރަށް ފަށާފައިވާ އޮޕަރޭޝަންގެ ބޭނުމަކީ ޣައްޒާގެ އުތުރާއި ދެކުނުގެ ބައެއް ބިންތަކަށް ވެރިވެގަތުން ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރުން ކަމުގައެވެ. މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ.

އިސްރާއީލާ އެކު އޮތް ގުޅުންތައް މުރާޖާ ކުރުމަށް އީޔޫން ނިންމާފައިވާ ކަން ކައްލާސް ހާމަކުރައްވާފައި މި ވަނީ، ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރުމުގެ ގޮތުން 'ގިޑިޔަންސް ޗެރިއަޓްސް'ގެ ނަމުގައި ނުރައްކާތި އަސްކަރީ ކެމްޕޭނެއް ޔަހޫދީ ފައުޖުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުންވެސް ވަނީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން، ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް "އަޚްލާޤީ ގޮތުން ޖާއިޒުނުވާ" ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި "މި އިސްރާއީލު ސަރުކާރުގެ ނޭދެވޭ ޢަމަލުތަކާއި ރައްދުތައް" ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ލެމީ ވިދާޅުވެފައިވަނީ، "އިސްރާއީލުގެ ދާއިމީ ރަޙްމަތްތެރިއެއްގެ ގޮތުގައި އަދި އެ ޤައުމުގެ މިނިވަންކަމުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ އަސާސީ އަގުތަކަށް އިޙްތިރާމްކުރާ ފަރާތެއްގެ ހައިސިއްޔަތުން މިއީ ވަރީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެކެވެ." އަދި އިތުރަށް ވިދާޅުވެފައިވަނީ، "މިއަދު އަޅުގަނޑު ރަސްމީކޮށް އިޢުލާންކުރަނީ މި އިސްރާއީލު ސަރުކާރާއެކު އައު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ކުރެވެމުންދިޔަ މަޝްވަރާތައް ވަނީ ހުއްޓާލާފައި ކަމުގައެވެ."

ކޮމެންޓް

871x217_placeholder