logoEN
ޚަބަރު

ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ އަގުތައް މާރިޗު މަހު 1.16 ބިލިއަން ރުފިޔާގައި

އާމިނަތު ސަފާއާމިނަތު ސަފާ

22 މޭ 2025 - 11:38

މާރިޗު 2025 ގައި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ޖުމްލަ އަގުތައް 1.160 ބިލިއަން ރުފިޔާގައި ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މި ދާއިރާއިން ވަނީ 0.3 އިންސައްތައިގެ ކުރިއެރުމެއް ދައްކުވައިދީފައެވެ.

ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން މިފަދަ ކުރިއެރުމެއް ލިބިފައިވުމަކީ، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުން އަންނަކަމުގެ ހެއްކެކެވެ. މި ދާއިރާގެ ކުރިއެރުމަކީ ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާއަށްވެސް އޭގެ ސީދާ އަސަރުކުރާނެ ކަމެކެވެ.

މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މުވާސަލާތީ ދާއިރާ ހަރުދަނާ ކުރިއެރުމެއްގެ ތެރޭގައި ދެމެހެއްޓެމުންދާކަމެވެ. އަދި މި ދާއިރާއިން ޤައުމީ އުފެއްދުންތެރިކަމަށް ފާހަގަކުރެވޭ ހިއްސާއެއް ކުރަމުންދާކަމެވެ.

ތަފާސްހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން ޝާއިއުކުރާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ.)އަށް ކޮންމެ މަހަކު އަންނަ ބަދަލު ނުވަތަ މަންތްލީ އިންޑިކޭޓާރސް އޮފް އިކޮނޮމިކް ގްރޯތް (އެމް.އައި.އީ.ޖީ) އަކީ ގައުމެއްގެ އިގްތިސާދަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މިންގަނޑެކެވެ. ކޮންމެ މަހެއްގެ ޖީ.ޑީ.ޕީ އެކުލަވާލެވެނީ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ދާއިމީ އަގުން ނުވަތަ ރިއަލް ޖީ.ޑީ.ޕީވެސް އެކުލަވާލާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި އިގްތިސާދުގެ މައިގަނޑު ދާއިރާތަކުގެ މައުލޫމާތު ހިމަނައިގެން ކުއާޓަރލީ ޖީ.ޑީ.ޕީއާ އެއްހަމަކުރެވިގެންނެވެ. މި އިންޑިކޭޓަރ ތަކުން އިގްތިސާދުގެ ހިމެނޭ މައިގަނޑު އިންޑަސްޓްރީ ތަކާއި އިގްތިސާދީ ހަރަކާތްތަކަށް އަންނަ ބަދަލުތައް ދައްކުވައިދެއެވެ. ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރުމަށާއި ދިރާސާކުރާފަރާތްތަކަށް ބޭނުންވާ އިގްތިސާދީ މުހިންމު މައުލޫމާތު އަވަސް މިނެއްގައި މަންތްލީ ޖީ.ޑީ.ޕީ އިން ފޯރުކޮށްދެއެވެ.

މިއަދު މިޝާއިއު ކުރެވުނު މެއި މަހުގެ އަދަދުގައި ހިމެނެނީ ޖަނަވަރީ 2014 އިން ފެށިގެން މާރިޗު 2025ގެ ނިޔަލަށް އަންދާޒާ ކުރެވިފައިވާ ތަފާސްހިސާބެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މަންތްލީ ޖީ.ޑީ.ޕީ އެކުލަވާލައި މިބިއުރޯގެ ވެބްސައިޓުގައި ކޮންމެ މަހަކުވެސް ޝާއިޢުކުރަމުން ގެންދާނެއެވެ. މަންތްލީ ޖީ.ޑީ.ޕީ ޝާއިޢުކުރެވޭނީ ކޮންމެ މަހެއްނިމޭތާ 45 ދުވަހުގެ ތެރޭގައެވެ.

ކޮމެންޓް

871x217_placeholder