ލިބުނު މަދު ކާއެތިކޮޅާއެކު ޣައްޒާގެ ރައްޔިތުން އެދެނީ އިތުރު އެހީއަށް


22 މޭ 2025 - 15:04
ފަލަސްޠީނުގެ ޣައްޒާއަށް ވެއްދުނު އެހީގެ މަދު ބާވަތްތައް، އެތަނުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންގެ ތެރެއިން އެންމެ ހާލުގައި ތިބި މީހުންނަށް ފޯރުކޮށްދެމުންދާ ކަމަށް ފަލަސްޠީނުގެ އޮފިޝަލުން ބުނެފިއެވެ.ކާބޯތަކެއްޗާއި އިންސާނީ އެހީގެ ކުޑަ މިންވަރެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި މި ވަނީ 11 ހަފުތާއަށް ފަހުއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާއަށް ވައްދާފައިވާ ކާބޯތަކެތި، އެ ސަހަރުގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޢާންމު ބަދިގެތަކާއި، ޕާން ފިހާ ބޭކަރީތަކަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނުގެ އިތުރުން ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. އަދި، ޖަނަރޭޓަރުތަކާއި އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ.
ޣައްޒާއަށް އެތެރެ ކޮށްފައިވާ ގާތްގަނޑަކަށް 100 އެއްހާ ލޮރީތަކުގައި ހުރީ ގޮދަންފުށާއި، ތުއްތުކުދިންގެ ކާނާއާއި ބޭސްފަރުވާގެ ބައެއް ސާމާނެވެ.
ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި މިހާރު ވެސް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 9,000އަށްވުރެ ގިނަ ލޮރީ ހުއްޓުވާފައި އެބައޮތެވެ. އެ ތަކެތި ޣައްޒާއަށް އެތެރެކޮށް، ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ފޯރުކޮށްނުދެވިއްޖެ ނަމަ، ޣައްޒާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ބަނޑަށްޖެހުމުގެ ނުރައްކާ އޮތް ކަމުގައެވެ.ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެ މީހުން މިހާރު ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތާ ޙަވާލުވުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ހުރިހާ މަސައްކަތާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
އިތުރު ލިޔުންތައް

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި
8 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ
8 މަސް ކުރިން
އިސްރާއީލުން ޣައްޒާއަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފި
8 މަސް ކުރިން