ތިބާއަށް ހެޔޮއެދޭ އިހްސާސްތައް ދަންނަ މީހާގެ އަތުގައި ހިފާށެވެ.


23 މޭ 2025 - 09:16
އޭޓީއެމްގެ ޚިދުމަތަކީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަސާސީ ޚިދުމަތެކެވެ. ސިޔާސީން ރައްރަށަށް ކެމްޕޭނަށް ދިޔުމުން ރަށްރަށުން ހުށަހަޅާ ލިސްޓްގެ ކުރިއަށް އޭޓީއެމް އަންނަނީ އެހެންވެއެވެ. އެއީ، ރައްޔިތުގެ އަތުން ހިނގާ އެތައް ޚަރަދަކާއި، ވަގުތެއް ސަލާމަތްވެ، ރައްޔިތުންނަށް ފަސޭހަކަން ލިބިދޭ މުހިންމުކަން ބޮޑު ޚިދުމަތެކެވެ.
ނަމަވެސް އިހަށް ދުވަހު ވެރިކަމުން ފޭބި އެމްޑީޕީގެ ބޮޑުންނާއި އެކްޓިވިސްޓުންނަށް އޭޓީއެމްގެ ޚިދުމަތަކީ ރައްޔިތުންގެ މުހުތާދުތަކާއި ގުޅިފައިވާ ކަމެއްކަން ނޭނގެއެވެ. ނޫނީ ޔަހޫދީކަމުން އެނގޭކަމަށް ނަހަދަނީއެވެ. މިއަދު އެމްޑީޕީން ކުރާ އެއްކަމަކީ ރައްޔިތުންނަށް ހަޖޫޖަހައި މަލާމާތްކުރުމެވެ. ރައްޔިތުން އެދިގެން ކުރަމުން އަންނަކަންކަމަކީ ކަންކަން ނޫންކަމަށް ބުނެ، ރައްޔިތުންނަކީ ގަމާރު، ފަގީރު ބަޔެއްކަމަށް ކިޔުމެވެ. އެއީ ރަށްޔިތު މީހާއަށް ކުރާ މަލާމާތެކެވެ. ޙަޤީޤަތުގައި ރައްޔިތުންނަށް ހެޔޮ ނޭދޭތީ ދައްކާ ވާހަކައެވެ. ރައްޔިތުންގެ ޙަޤީޤީ ބޭނުންތަކާއި އިހްސާސްތަކަށް އެމްޑީޕީން އިހްތިރާމް ނުކުރާކަމުގެ ހެއްކެކެވެ.
ރައީސް މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތެއް
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މިފަދަ މަޝްރޫޢުއަކަށް ރައްޔިތުން ބޭނުންވެފައިވާވަރު ދައްކުވައިދެނީ ބެންކް އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުންނެވެ. މިސާލެއްގެ ގޮތުގައި ބަލައިލާއިރު، ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ. އެއީ 2000 އަށްވުރެ ގިނަ މުއާމަލާތެވެ. އަދި އޭޓީއެމް ހިދުމަތް ލިބެން ނެތްނަމަ އެއީ ހިދުމަތް ހޯދުމަށް 2000 އެއްހާ ދަތުރުކުރަން ޖެހޭނެއެވެ. ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފައެވެ. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތެވެ. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފައެވެ. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތެވެ. މިއީ ގާތްގަނޑަކަށް 5 ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްކެވެ.
މާލެ ނުހިމަނާ އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އޭޓީއެމްތަކުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 1.3 ބިލިޔަން ރުފިޔާ ޖަމާކޮށްފަވެއެވެ. ޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށްފަވެއެވެ.
އެމްޑީޕީއަށް މިއީ ކަމަކަށް ނުވިޔަސް ރައްޔިތު މީހާ މިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެއެވެ. އެއީ ސުވާލެއް އޮތްކަމެއްނޫނެވެ.
އޭޓީއެމްގެ ޚިދުމަތީ ރައްޔިތުންގެ އެދިއެދިތިބި އަސާސީ ޚިދުމަތެއް
ރާއްޖޭގެ މައި ބޭންކް، ޤައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެމްޑީޕީގެ ސަރުކާރު ނިމުމާއި ހަމައަށް އެ ބޭންކުގެ ފަރާތުން ރާއްޖޭގެ 20 އަތޮޅުގައި ގާއިމުކޮށްފައި ވަނީ 137 އޭޓީއެމެވެ. ނަމަވެސް އެއީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ހޯދި ކުރިއެރުމެއްނޫނެވެ. އެއީ 1982 ވަނަ އަހަރު ބީއެމްއެލް އުފެދުނީއްސުރެ 2023 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުމާއި ހަމައަށް އޭޓީއެމް ބެހެއްޓުނު އަދަދެވެ. އެމްޑީޕީގެ ވެރިކަމުގައި އޭޓީއެމް ބެހެއްޓުމަށް އެ ސަރުކާރުން އަޅައެއް ނުލައެވެ. ނަމަވެސް ބޭންކްގެ މަސައްކަތުން އެ ފަސް އަހަރުގެ 1825 ދުވަހުގެ ތެރޭ 38 އޭޓީއެމް ގާއިމުކޮށްދިނެވެ.
އޭޓީއެމަކީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަސާސީ ޚިދުމަތެއްކަމުން، ރައްޔިތުންގެ މި އެދުމަށް އިޖާބަދެއްވި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައްޔިތުންގެ އިހްސާސްތައް މޭރުންވެ، ރައްޔިތުންގެ މި މުހުތާދު ފުއްދަވައި ދެއްވުމުގެ ހެޔޮ ނިޔަތް ކުރިއަށް ނެރުއްވި ވެރިއަކީ ވެސް އެޔެވެ. އެކަން ސާފުވާ އެއް މިސާލަކީ އަންނަނިވި އަދަދުތަކެވެ.
22 މެއި 2025 އާއި ހަމައަށް އައިއިރު ރައީސް މުޢިއްޒުގެ ވެރިކަމަށް ވެފައި ވަނީ އަހަރަކާއި ހަ މަހާއި ދުވަސްކޮޅެކެވެ. ރައީސްގެ ޚާއްޞަ އިސްނެންގެވުމުގެ މަތީން ރާއްޖޭގެ މުޅި ރާއްޖެ އަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ފައްޓަވާފައެވެ. އަދި 7 ނޮވެމްބަރު 2024 ގައި މުޅި ރާއްޖެއަށް ޤައުމީ ބޭންކްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢުއެއް ވެސް ފައްޓަވައި ދެއްވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގައި 22 މެއި 2025 ގައި ކ. ހުރާގައި ހުޅުވި އޭޓީއެމާއި އެކު ބީއެމްއެލްއިން ރާއްޖޭގެ ކަންކޮޅުތަކުގައި ބެހެއްޓި އޭޓީއެމްގެ އަދަދު ވަނީ 178 އަށް އަރާފައެވެ. އެއީ 41 އޭޓީއެމްގެ އިތުރުވުމެކެވެ. އެހެންކަމުން މި ސަރުކާރަށް ވޭތުވި 185 ވަރަކަށް ދުވަހުގެ ތެރޭގައި 41 އޭޓީއެމް ބެހެއްޓުނީއެވެ. މިއަދު ވެސް ށ. އަތޮޅުގައި އޭޓީއެމްތައް ހުޅުވަމުން އަންނައިރު، މި ދެތިން ދުވަހުގެ ތެރޭގައި ވެސް 10 ރަށެއްގައި މި ޚިދުމަތް ފަށާނެއެވެ. އެއާއެކު މި ސަރުކާރުގައި ބެހެއްޓި އޭޓީއެމްގެ ޖުމްލަ އަދަދު 51 އަށް އަރާނެއެވެ. އެއީ އެމްޑީޕީގެ ސަރުކާރުގައި ބޭންކްގެ މަސައްކަތުން މުޅި ދައުރުގެ މުއްދަތުގައި ބެހެއްޓި އޭޓީއެމަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. މި ސަރުކާރަށް ހޭދަވި ކޮންމެ 4 ވަރަކަށް ދުވަހަކުން އޭޓީއެމެއް ވަނީ ބަހައްޓައިދީފައެވެ. ދައުރުގައި އަދި 1640 އެއްހާ ދުވަސް ބާކީ އޮތީއެވެ. އެހެންކަމުން މި ސަރުކާރުގެ ދައުރުގެ ތެރޭގައި މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ކަށަވަރުކޮށްދޭނެކަން ޔަގީނުގެ މައްޗަށް ކަށަވަރުވެއެވެ.
ތިމާމެންނަށް ޤައުމަށް ދެވުނު ގެއްލުމުން ތަންކޮޅެއް ހަނދާން އައުކޮށްލުން
މިހިސާބުން ފަސްމަންޒަރުން ތަންކޮޅެއް ތިލަކޮށްލާނަމެވެ. 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަނީ ނުހަނު ދަށު ދަރަޖައަކަށް ސޮއްސާލާފައެވެ. ރާއްޖޭގައި ވޭތުވި 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، އެމްޑީޕީގެ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެއެވެ. މިއީ ޤައުމުގެ އިގްތިސާދަށް ނުހަނު ބޮޑު ގެއްލުމެއް ލިބުނު ކަމެކެވެ. މީގެ އިތުރުން، ލޯނުގެ މައްޗަށް ލޯނު ނަގަމުން ދިޔަ ނަމަވެސް، ޤައުމަށް ވަންނާނެ އާމްދަނީ އިތުރުވާނެ އެއްވެސް އާ ކަމެއް ނުވަތަ އާ ސިޔާސަތެއް ތަޢާރަފްކޮށްފައެއް ނުވެއެވެ. މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދަޢުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެތެރޭގައި ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ހިމެނެއެވެ. މި ފައިސާގެތެރެއިން ސަރުކާރުގެ ފުރަތަމަ އަހަރުގެތެރޭގައި 6.6 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. ބަދަލުގެ ގޮތުގައި އެމްޑީޕީގެ ބޮޑުންގެ ގާތް މީހުންނާއި ރައްޓެހިންނަށް ދައުލަތު ދައުލަތުގެ ޚަޒާނާ ބަހާލިއެވެ. ވެރިކަން ނިމުނު އިރު ދައުލަތުގެ ޚަޒާނާގެ ފޫވެސް ނެތެވެ. މިއީ އެމްޑީޕީން ހަދާލިގޮތުގެ ކުޑަ މިންވަރެކެވެ.
އެމްޑީޕީން ރައްޔިތުންނަށް އާރާއި ބާރުހުރެ ދިން ގެއްލުމަށްފަހު، މިއަދު ވެސް އުޅެނީ ރައްޔިތުންނަށް ހެވެއްލިބި، ފަސޭހައެއް ވެދާނެތީއެވެ.
ތިބާއަށް ހެޔޮ އެދޭ މީހުންގެ އަތުގައި ހިފައި، ހެޔޮ ނޭދޭ މީހުން ދޫކޮށްލާށެވެ.
އިސްވެ ދެންނެވުނު އަދަދުތަކުންނާއި، އެމްޑީޕީއާއި މި ސަރުކާރުން މިކަމުގައި ގެންގުޅުނު، ގެންގުޅޭ ސިޔާސަތުތަކުން ރައްޔިތުންނަށް ހެޔޮ އެދެނީ ރައީސް މުޢިއްޒުގެ ސަރުކާރުންކަން ސާފުވެއެވެ. ރައްޔިތުންގެ އިހްސާސްތައް ދަންނަނީ ރައީސް މުޢިއްޒުގެ ސަރުކާރުންކަން ކަށަވަރުވެއެވެ. ރަށްރަށުގައި އޭޓީއެމް ބަހައްޓާތީ އެމްޑީޕީން ޖޯކު ޖަހަނީ ރައްޔިތުންނަށް ހެޔޮ ނޭދޭތީއެވެ. އެއީ ކަމެއްކަމަށް ނުދެކެނީ ރައްޔިތުންގެ އިހްސާސްތައް ނުދަންނާތީއެވެ.
އެމްޑީޕީން ޖޯކު ޖެހިއަސް ޙަޤީޤަތަކީ އޭޓީއެމްގެ ޚިދުމަތަކީ ރައްޔިތުން ލޮލާއި ބޮލުން އެދިއެދި ތިބި ޚިދުމަތަކަށް ވާކަމެވެ. ގިނަ ރަށްރަށުގެ ރައްޔިތުން ފައިސާ ނެގުމަށްޓަކައި އެހެން ރަށަކަށް ދަތުރުކުރަން ޖެހުމަކީ ވަރަށް ބޮޑު ދަތިކަމެކެވެ. ފައިސާތަކެއް ޚަރަދުވާކަމެކެވެ. ވަގުތުތަކެއް ގެއްލިގެންދާކަމެކެވެ. އަމިއްލަ ރަށުން މި ޚިދުމަތް ލިބެންފެށުމުން ސައުވީސް ގަޑިއިރު ފައިސާ ނެގުމުގެ ޚިދުމަތް ލިބުނީއެވެ. ފަސޭހަކަމާއެކު ފައިސާ ނެގުމާއި، ޖަމާކުރުމުގެ ޚިދުމަތް ލިބުނީއެވެ. ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ވިޔަފާރިތަކަށް ފަސޭހަވެގެން ދިޔައީއެވެ. ދަތުރުފަތުރަށް ކުރަންޖެހޭ ޚަރަދު ސަލާމަތްވެ، ގެއްލިގެންދާ ވަގުތުތައް ސަލާމަތް ކުރެވުނީއެވެ. މިއީ އެމްޑީޕީ އަށް އިހްސާސްނުވާ ކަންކަމެވެ. އެފަދަ މީހުންނާމެދު ރައްޔިތުން ސަމާލުވާންވީ ސަބަބަކީ މިއެވެ. ވޯޓު ހޯދަން އަންނާނެއެވެ. ނަނާ ހުވަފެން ދައްކާނެއެވެ. ސަޅިބައިސާ ކަނޑާނެއެވެ.
މިއަދުގެ ރައްޔިތުންނަކީ ލޯހުޅުވޭ ތަންދޮރު ދަންނަ ބަޔެކެވެ. ބަޔަކު ކިޔާހާއެއްޗަކަށް ހެއްލޭނެ ބަޔެއްނޫނެވެ. އެއްވެސް މީހަކު އެމީހަކަށް ހެޔޮ ނޭދޭ މީހަކަށް، ބަޔަކަށް ފުރުސަތެއް ދޭކަށް ބޭނުމެއްނުވާނެއެވެ. އަމުދުން އެމީހެއްގެ އިހްސާސްތައް ނުދަންނަ، އިހްސާސްތަކަށް އިހްތިރާމްނުކުރާ ބަޔަކަށް ބާރެއްދޭން ހެޔޮނުވާނެއެވެ. ދެން ވިސްނާލަން މިޖެހެނީ ހެޔޮ އެދުމާއި، އިހްސާސްތައް ދަންނަކަން ވަކިކުރާނެ ހަމައެކެވެ. އެކަންކަން ދެނެގަންނާނެ ގޮތެކެވެ. ތިމާމެން އެދިއެދިތިބި ކަމެއް ފުރިހަމަވާހިނދު އެކަމަކީ ކަމަކަށްނުވެ، އެކަމަށް ހަޖޫޖަހާ މީހުންނަކީ ހެޔޮއެދޭ ބަޔެކޭ ނުކިޔޭނެއެވެ. އެކަމަކުން އެތައް ފަސޭހައަކާއި ލާބައެއް ލިބިދޭކަމެއް ހާސިލްވުމުން އެއީ ކަމެއްކަމަށް ނުދެކޭ ބަޔަކަށް އެއީ އިހްސާސްތައް ދަންނަ ބަޔެއްކަމަކަށް ވެސް ނުބުނެވޭނެއެވެ. އެއީ އެމްޑީޕީގެ ސިފަތަކެވެ. އެކަން އެބަ ކަށަވަރުވެއެވެ. އެހެންކަމުން އެމްޑީޕީގެ މިކަންކަން ރައްޔިތުން މިންކުރާނެ ވަގުތު އަންނާނެއެވެ. ތިމާމެންގެ އިހްސާސްތައް ދަންނަ މީހަކު، ބަޔަކު ޚިޔާރު ކުރާނެއެވެ. ތެދެކެވެ. ތިބާއަށް ހެޔޮ އެދޭ މީހުންގެ އަތުގައި ހިފައި، ހެޔޮ ނޭދޭ މީހުން ދޫކޮށްލާށެވެ. އެއީ ތިބާއަށާއި، ޤައުމަށް ވެސް އެންމެ ހެޔޮ، މޮޅުއިތުރު ގޮތެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
10 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން