ރީތި ތާރީޚްގައި 60 ކައިވެނި އަދި 8 ވަރި


26 މޭ 2025 - 08:01
ފެމިލީ ކޯޓުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ އެ ކޯޓުގައި 60 ކައިވެނި އަގުދުކޮށްދީޮށްދީފައިވާއިރު، ހަމަ އެދުވަހު ވަރިވުމަށް އެދި 10 މައްސަލަ އެއް ހުށަހަޅާފަވެއެވެ.
މިއަހަރުގެ އެންމެ ރީތި ތާރީޚް 25-05-25 ގައި ކައިވެނިކުރުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފެމިލީ ކޯޓުން ކުރިން ހާމަކޮށްފައިވަނީ އިއްޔެ 59 ކައިވެނި އަގުދުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އިއްޔެގެ މަސައްކަތްތައް ނިންމުމަށްފަހު މިއަދު ނެރުނު މަޢުލޫމާތުގައި ވަނީ 60 ކައިވެނި އަގުދުކޮށްދެވިފައިވާ ކަމަށެވެ.
ކައިވެނީގެ އިތުރުން ވަރިވުމަށް އެދި 10 މައްސަލައެއް އިއްޔެ ވަނީ ފެމިލީ ކޯޓަށް ހުށަހެޅިފައެވެ. މި މައްސަލަތަކުގެ ތެރެއިން 8 މައްސަލައެއް ވަނީ ނިންމާލެވިފައިކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
ރާއްޖެ އަށް ވަނީ މިދިޔަ 2024 ވަނަ އަހަރު ވަރީގެ ނިސްބަތް މައްޗަށް ގޮސް ގިނިސް ވޯލްޑް ރެކޯޑު ފޮތުގައި ހިމެެނިފައެވެ. އެއީ އިސްލާމީ މި ޤައުމަށް ހުތުރު ނަމެކެވެ.
އދ. އިން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުގެ މައްޗަށް ބިނާކޮށް ގިނިސް ވޯލްޑް ރެކޯޑު ވެބްސައިޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ އަށްވުރެ ވެސް މަތީގަ އެވެ. ދުނިޔޭގެ ރެކޯޑު ފޮތުން ދައްކާ ގޮތުގައި ރާއްޖޭގައި ވަރީގެ ނިސްބަތް އުޅެނީ ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 ވަރީގެ ގޮތުގަ އެވެ. ރާއްޖޭގެ ފަހަތުން ދެވަނައަށް އެންމެ ވަރި ގިނަ ގައުމަކީ ބެލަރޫސް އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް އަހަރަކު 4.63 ވަރި އެވެ. މި ލިސްޓުގައި ތިން ވަނައަށް އެންމެ ވަރި ގިނަ ގައުމަކީ އެމެރިކާ އެވެ. އެ ގައުމުގެ ވަރީގެ ރޭޓަކީ ކޮންމެ 1000 މީހަކަށް 4.34 ވަރި އެވެ.އެންމެ ވަރި ގިނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ އިތުރު ގައުމުތަކަކީ، ކިއުބާ، އެސްޓޯނިއާ، ޕެނަމާ، ޕޯޓޮރިކޯ، ޔޫކްރެއިން، ރަޝިއާ އަދި އެންޓިގުއާ އެންޑް ބާބުޑާ އެވެ.
އިތުރު ލިޔުންތައް

ޑީޕޯޓްކުރާ ބިދޭސީން ދިވެހިންނާ ކައިވެނިކުރުން އިތުރުވެ އުސޫލު ބަދަލުކުރުމާ ދިމާލަށް
9 މަސް ކުރިން
ދަރީންގެ ޚަރަދު ނުދޭ މީހުން ބައެއް ކޯޓުތަކުން ހާމަކުރަން ފަށައިފި
5 މަސް ކުރިން