logoEN
ޚަބަރު

ދަށުކޯޓުން ސާބިތެއް ނުވި، ހައިކޯޓުން އެ އިއްވީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

26 މޭ 2025 - 12:19

04 މާރޗް 2021 ދުވަހު ރާއްޖެއަށް އައި ސްރީލަންކަން އެއާރލައިންސް ފްލައިޓަކުން ގެނައި ޑީއެޗްއެލްގެ ޕޯސްޓް ދަބަހެއް އެ ދުވަހުގެ 15:30 ގައި ކަސްޓަމްސް އިން އެކްސްރޭ ކުރިއެވެ. ބަލާބެލުމަށް އެއީ ބައިލޮޖިކަލް ސައިންސް ފޮތެކެވެ. ނަމަވެސް ފޮތުގެ ޞަފުޙާ ތަކުގެ ތެރެއިން ކައްޅިއެއް ހަދައި، އެ ފޮތުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓެވެ.

މި ޕާރުސަލް ލިބެންވީ ފަރާތެއްގެ ގޮތުގައި އޭގައި ލިޔެފައި އޮތީ، ހ.ޒިފްރޮލް، ޙަލީމަތު ޢުލްފާއެވެ.

މި މައްސަލައާ ގުޅިގެން ކޮންޓްރޯލް ޑެލިވަރީއެއް ހިންގުމަށްޓަކައި 09 މާރޗް 2021 ދުވަހުގެ 09:55 ގައި ދިވެހި ފުލުހުންނާއި ކަސްޓަމްސްއިން ޕާރުސަލާ ހަވާލުވިއެވެ. ޕާރުސަލްގައި ލިޔެފައި އޮތް ހ.ޒިފްރޯލް ކައިރިއަށް ފުލުހުން ޑީއެޗްއެލްގެ ވެހިކަލްގައި ގޮސް މަޑުކުރުމުން އެވެހިކަލްގެ ކައިރިއަށް އައީ ޢަލީ އަކްބަރެވެ. އޭނާ އައިސް "ޙަލީމަތު އުލްފާގެ ނަމުގައި އޮތް ޕާރސަލްއާ ހަވާލުވާން" އައިކަމަށް އޭނާ ބުނިކަމަށް ހެކިބަސް ދިން ފުލުހުން ބުނެއެވެ. އެ ޕާރުސަލް ހިފައިގެން އަލީ އަކްބަރު ހިނގައި ގަތުމުން، އެއީ ފުލުހުންކަން އެނގޭނެ ކާޑު ދެއްކުމަށްފަހު، ޢަލީ އަކްބަރު ހުއްޓުވިއެވެ.

އެއާއެކު، ޢަލީ އަކްބަރު ހުރިދިމާ ފިހާރައެއްގެ ބޭރު ގާގަނޑުމަތީގައި އެ ޕާރުސަލް ބޭއްވުމަށްފަހު އެއީ ޢަލީ އަކްބަރުގެ އެއްޗެއް ނޫންކަމަށް ބުނެ، އެ ޕާރުސަލާ ޙަވާލުވާން އިންކާރު ކުރި ކަމަށްވެސް މި މައްސަލައިގައި ހެކިބަސް ދިން ފުލުހުން ބުނެއެވެ.

ޑީއެޗްއެލް މެދުވެރިކޮށް ގެނައި މި ޕާރުސަލް ލިބުން ލަސްވެގެން ޙަލީމަތު އުލްފާގެ ނަމުގައި ޢަލީ އަކްބަރު ޑީއެޗްއެލްގެ މުވައްޒަފަކާ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން އެ ޕާރުސަލް ވީ އެންމެ އަވަހަކަށް ހަވާލުކޮށްދިނުން އެދޭ ކަމަށާއި، އަދި ހަދިޔާއެއްގެ ގޮތުގައި 15000 ރުފިޔާގެ އަގެއް ދޭނެ ކަމަށް ބުނެ ޢަލީ އަކްބަރުގެ ފަރާތުން އޮފަރ ކޮށްފައި ވެއެވެ.

ފުލުހުންގެ ތަޙުޤީޤުން ހޯދި ހެކިތަކަށް ބަލާއިރު، ޙަލީމަތު ޢުލްފާގެ ނަމުގައި ވައިބަރ މެދުވެރިކޮށް ވާހަކަދެއްކި ސިމް ފެނިފައިވަނީ ޢަލީ އަކްބަރުގެ އަތުން ފެނުނު ފޯނެއްގެ ތެރެއިންނެވެ. އަދި ޕާރުސަލާ ހަވާލުވާން ދިޔައީވެސް މީނާއެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ޙަލީމަތު ޢުލްފާ ހާޟިރު ކުރިއެވެ. އަދި ޢަލީ އަކްބަރުގެ ހާޟިރުގައި މީނާ ހެކިބަސް އަދާކޮށްފައިވެއެވެ. ފުލުހުންގެ ތަޙުޤީޤަށް ޙަލީމަތު ޢުލްފާ އެހާ ފަސޭހައިން ހޯދިފައިވަނީ ހާދިސާ ހިނގި ދުވަހާ ހަމައަށް އެ ނަން ކިޔާ އިތުރު މީހަކު ނެތުމުންނެވެ. ހުރީ އެންމެ ޙަލީމަތު ޢުލްފާއެކެވެ.

ޝަރީޢަތުގެ މަޖިލީހުގައި މީނާ ދިން ހެކިބަހަށް ބަލާއިރު، ޢަލީ އަކްބަރަކީ ދަންނަ މީހެއް ނޫން ކަމަށާއި، ދުވަހަކުވެސް ރާއްެޖެއިން ބޭރުން ޕާރުސަލެއް ގެނެސްފައިނުވާނެ ކަމަށް ބުނެ ހެކިބަސް އަދާކޮށްފައިވެއެވެ.

ޢަލީ އަކްބަރުގެ މައްޗަށް ކުރި ދަޢުވާއިން ދިފާޢު ވުމަށްޓަކައި އޭނާގެ ފަރާތުން ދިފާޢުގައި ފާހަގަކޮށްފައިވަނީ އެންމެ ވާހަކައެެކެވެ. އެއީ ކޮންމެވެސް މީހަކު އޭގެ ތެރެއަށް ލީ އެއްޗެއް ކަމަށާއި، ރާއްޖެއިން ބޭރުން އަންނަ ޕާރުސަލަކަށް ކޮންމެފަދަ އެއްޗެއްވެސް ލުމުގެ އިޙްތިމާލު އޮންނާނެ ކަމަށެވެ.

މި މައްސަލަ ސާބިތުނުވާ ކަމަށް ދަށުކޯޓުންވެސް ނިންމީ މި އަސާސްގެ މައްޗަށް ބިނާކޮށެވެ.

ނަމަވެސް ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުން ބަޔާންކޮށްފައިވާ ގޮތުން މި މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ހެކި ވަޒަން ކުރި ގޮތް ގޯހެވެ. އެ ޕާރުސަލާ ޢަލީ އަކްބަރު ހަވާލުވެފައިނުވާ ކަމަށާއި، އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ތަޙުޤީޤުގައި ބުނި ނަމަވެސް އެ ޕާރުސަލް ބަލައި ދާންޖެހުނު މަޤުބޫލު ސަބަބެއް އޭނާއަށް ބުނެދެވިފައެއް ނުވެއެވެ. އަދި އެ ޕާރުސަލް ހޯދުމަށް ޢަލީ އަކްބަރު ކުރި މެސެޖުތަކާއި، ދިން އޮފަރ އިން އަންގައިދެނީ އެއީ ފޮތެއް ގެންނަން ގެނައި އެއްޗެއް ނޫން ކަަމަށާއި އޭގައި ކޮންމެވެސް އަގުހުރި އެއްޗެއް ހުރި ކަމެވެ.

ޙަލީމަތު އުލްފާގެ ނަމުގައި މެސެޖު ކުރަން ބޭނުން ކުރި ނަންބަރު މީނާގެ އަތުން ފެނުމާއި، ޙަލީމަތު ޢުލްފާގެ ޕާރުސަލެއްކަން ސާބިތުކޮށްދޭން ހެކި ހުށަހަޅާފައިނުވުމާއި، ދިފާޢީ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވުމުން އަންގައިދެނީ މިކަން ކުރީ ޢަލީ އަކްބަރަށް އެނގިގެން ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ކަނޑައެޅިއެވެ. ނަތީޖާއެއްގެ ގޮތުން ޢުމުރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދަޢުވާގެ އިތުރުން ޝަހްސު އޮޅުވާލުމުގެ ދަޢުވާވެސް ވަނީ މީނާގެ މައްޗަށް ސާބިތުވެފައެވެ.

ކޮމެންޓް

871x217_placeholder