ތާރީޚަކުގައި ވެސް ދިވެހި ޙައްޖުވެރިންނަށް އެންމެ ފެންވަރު ރަނގަޅު، ލުއި ފަސޭހަ ފަހަރު


30 މޭ 2025 - 10:15
1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިވެހި ޙައްޖުވެރިން މިމަހުގެ 26 ވަނަ ދުވަހު ފުރަން ފަށާފައިވާއިރު، އެންމެ ފަހު ފްލައިޓް ފުރީ މިއަދުއެވެ. މިއަހަރުގެ ޙައްޖަކީ ދިވެހި ހައްޖުވެރިންނަށް ވަރަށް ޚާއްޞަ ޙައްޖެކެވެ. މިއީ އެންމެ ފެންވަރު ރަނގަޅު އެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖެހި، ތާރީޚުން ޖާގަ ހޯދާފައިވާ ފަހަރެކެވެ.
މި ހެޔޮ ބަދަލުގެ މޭސްތިރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އިސްލާމިކް މިނިސްޓްރީން ސިފަކުރަށްވާފައިވާ ގޮތުގައި މި ކާމިޔާބީ އަކީ ރައީސް މުޢިއްޒުގެ ސީދާ އިސް ނެންގެވުމާއި، އިރުޝާދުގެ ދަށުން ހޯދުނު ކާމިޔާބެކެވެ. މި ހެޔޮ ބަދަލަކީ މީގެ ކުރީގެ ސަރުކާރަށް ހޯދުނު ކާމިޔާބެއް ނޫނެވެ. އެހެންކަމުން ރައީސް މުޢިއްޒުގެ ސަރުކާރުން މި ވަނީ އެކިކަންކަމުގައި ހޯދަމުންދާ ކާމިޔާބުގެ މައްޗަށް އައު ކާމިޔާބެއް ހޯދާފައެވެ.
މިފަހަރުގެ ހައްޖު ރައީސް މުޢިއްޒު ސިފަކުރެއްވީ، މިއީ ހިތްހަމަޖެހުން ލިބި، ޞިއްޙަތު ސަލާމަތުން ބެހެއްޓި، ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެން ގޮސް، ޙައްޖު އެންމެ ފުރިހަމައަށް ރަނގަޅަށް އަދާކުރުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައެވެ.
ހައްޖުވެރިންނަށް ބޮޑެތި ލުއިކަން ލިބިދޭ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުން
މައްކާ ރޫޓު އިނީޝިއޭޓިވްއަކީ ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަ ކުރުމަށް ސަޢުދީ ސަރުކާރުން ފަށާފައިވާ މަޝްރޫޢެކެވެ. ދިވެހިރާއްޖެ މި އިނީޝިއޭޓިވްގައި ހިމެނުމަށް ނިންމާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުފުޅާއެކު، ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށްގެންނެވެ. މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، އިމިގްރޭޝަން ފުރިހަމަކުރެވި، ފޮށިތައް މައްކާ ހޮޓަލާ ހަމައަށް ގެންގޮސްދެވޭނެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ދިވެހިރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރުން
''އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި އަދި އަޅުގަނޑު ބަލައިލި ބެލުމުގައިވެސް، ވިއްސަކަށްހާސް މީހުން ޙައްޖަށް ގެންދާ ޤައުމުތަކުން އެކަނި، އެއީ، އެއް ކޮންޑިޝަން ކަމަށް ނުރަސްމީކޮށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. ރޫޓުގައި ބައިވެރިކުރުންވެސް. އަޅުގަނޑުމެންގެ އެއްހާސް މީހުން މިދަނީވެސް. އަޅުގަނޑުމެންނާ ދޭތެރޭގައި އެގްރީމަންޓެއްވެސް ނެތް އިނގޭތޯ. މިއީ ވަރަށްގިނަ ޕްރޮސީޖަރތަކުން، މަރުޙަލާތަކުން ގޮސްފައި ސޮއިކުރެވި، ވަކި ކަންތައްތަކެއް ހަމަޖެހިގެން، އެ ހަތް ޤައުމަށްވެސް ދީފައި މިއޮތީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ހަމަ ރަސްގެފާނާއި ވަލީޢަހުދު ހަމަ ކަނޑައަޅުއްވާފައި އެންގެވީ، މިކަން ކުރަން. އެހެންވީމާ، ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރި، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ހަމަ ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.ދެން މިކަން މިހާރު މިވަނީ ފެށިފައި. ދެން ސީދާ ރާއްޖެއިން ހުރިހާ ކަމެއް ހަމަޖެހިގެން، އެ ބޭފުޅުންގެ ޓީމު ރާއްޖެއައިސް ތިބެގެން، ކަންކަން ހަމަޖެހިގެން އެދިޔައީ. ދެން ގޮސް ހަމަ މައްކާއިން ސީދާ ހޮޓަލަށް. އެއްވެސްވަރަކަށް އިތުރަށް ޖިއްދާގައި މަޑުކުރުމެއްނެތި، ވަރަށް ފަސޭހަކަމާ އެކީގައި.'' ރައީސް ޑރ. މުޢިއްޒު
މިނާގެ ތިބުމަށް ބޮޑު ފަސޭހަކަމެއް
މިނާގެ ކެޓަގަރީ ސީން ބީއަށް ބަދަލުކުރެވުމާއެކު، ދިވެހި ޙައްޖުވެރިންނަށް މިނާ އަދި ޢަރަފާތުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ލިބޭނެއެވެ. އަދި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީން ނުތިބޭނެއެވެ.
''މިނާގެ ވަގުތަކީ، މިނާގައި އެ ހޭދަކުރާ ދުވަސްތަކަކީ ހަމަ ވަރަށް މުހިންމު ދުވަސްތަކެއް. ޢަރަފާތަށް ދިޔުމުގެ ކުރިން މިނާއަށް އެބަދޭ. ގޮސް ޢަރަފާތަށް ދަނީ މިނާގައި ތިބެފައި. ދެން ޖަމްރާއަށް ހިލައުކުމާއި، މި ހޭދަކުރާ ދުވަސްތައް ހޭދަކުރުމުގައި މިނާގައި މި ތިބޭ ތިބުން އެއީ، ޙަޤީޤަތުގައި ވަރަށްގިނަ މީހުން މާލެ އަންނައިރުގައި ބަލިވެފައި ތިބުމާއި ނުތިބުމުގައިވެސް ވަރަށް ބޮޑަށް ހަމަ އެ ދުވަސްކޮޅު އެބަދޭ. ދެން ފާޚާނާތަކާ ތަންތަން ހުންނަގޮތާ. އެހެންނަމަވެސް، މި ހުރިހާ ކަމެއްވެސް މިފަހަރު ވަރަށް ރަނގަޅަށް ހަމަޖެހިފައި މިއޮތީ. ދެން ވަރަށް ފެންވަރު ރަނގަޅު.'' ރައީސް ޑރ. މުޢިއްޒު
ޤައުމީ އެއާލައިނުގައި ދަތުރުކުރުން
މިއަހަރު ދިވެހި ޙައްޖުވެރިންގެ 4 ފްލައިޓުގެ ތެރެއިން 2 ފްލައިޓު މޯލްޑިވިއަންގައި ދަތުރުކުރާނެއެވެ. މިއީ އަހަރުތަކެއް ފަހުން ޤައުމީ އެއާލައިނުގައި ޙައްޖުވެރިން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.
ހައްޖުވެރިން ފުރުމަށް ގައުމީ އެއާލައިނަށް އަރަނީ
ފުރަތަމަ ފަހަރަށް ދިވެހި ހައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ޤާއިމްކުރުން
މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ޤާއިމްކުރުމުގެ ހުއްދަ ސަޢުދީ ސަރުކާރުން ދީފައިވެއެވެ. ދިވެހި ޙާޖީންނަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިފައި ވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައެވެ.
މި ކްލިނިކްގައި ހައްޖު ކޯޕަރޭޝަނުން ވަނީ ޞިއްޙީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ޤާއިމުކޮށްފައެވެ. ބޭސްފަރުވާއާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ޤާއިމުކޮށްފައިވާއިރު، މިއީ މިގޮތައް ސައޫދީ ހޮސްޕިޓަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރެވެ.
ވަގުތު ސަލާމަތްވެ އަރާމު ދަތުރަކަށް ހައި ސްޕީޑް ޓްރެއިންގައި މަދީނާ އަށް
މިއަހަރު ދިވެހި ޙައްޖުވެރިން މައްކާއިން މަދީނާ އަށް ކުރާ ދަތުރު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއީ ޙައްޖުވެރިންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
''މިފަހަރު ތަފާތަކީ މައްކާގައި ހަމަ ޙައްޖުގެ ހުރިހާ އަޅުކަމެއް ނިންމާފައި، ވަދާޢީ ޠަވާފްވެސް ކޮށްފައި، ދެން މިދަނީ މަދީނާއަށް. ކުރީގައިވިއްޔާ މައްކާއަށް ގޮސްފައި، މަދީނާއަށް ގޮސްފައި، އަނެއްކާ އެނބުރި އައިސްފައި، ދެން މިކަހަލަ ގޮތަކަށް ދެކޮޅަށް ދަތުރުކުރަނީ. ކޮންމެފަހަރަކު ބަހުގައި 10 ގަޑިއިރު، 12 ގަޑިއިރު. އެންމެ ކުޑަވެގެންވެސް 8 ގަޑިއިރު. ބަސްތަކުގެ ޙާލަތު އެހާދަށް. އެހެންނަމަވެސް، މިކަމުގައިވެސް އަޅުގަނޑުމެން މިފަހަރު ހަމަޖައްސާފައި މިއޮތީ މައްކާއިން މަދީނާއަށް ދާނީ ސީދާ ހަމަ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައޭ. އެއީ، ދެތިން ގަޑިއިރު، ދެ ގަޑިއިރެއްހާއިރުގެ ދަތުރެއް. ބަލިތައް ޖެހުމާއި، ވަރުބަލިވެ، ހަމަ މީހާ ބަލިވާ ބަލިވުން، އޭގެ ސަބަބުން ވަރަށް ބޮޑަށް އިރާދަކުރެއްވިއްޔާ ހަމަ ސަލާމަތްކުރެވޭނެ. އެކަމުން ސަލާމަތްކުރެވޭނެ. ހަމަ ވަގުތުވެސް ސަލާމަތްކުރެވޭނެ. ދެން މަދީނާއިން ރާއްޖެއަށް އަންނާނީ. އަނބުރާ މައްކާއަކަށް ނުދާނެ. އެހެންވީމާ، އޭގެ ސަބަބުން ހަތަރު ފަސް ދުވަހެއް ކުރުވޭ އެބަ. ދެން ޙަޤީޤަތުގައި އެ ކުރުވުމަކީ އަޅުކަމަށް އެއްވެސް އަސަރެއްކުރާ ކަމެއްނޫން. ހިތްހަމަޖެހުން ލިބި، ޞިއްޙަތު ސަލާމަތުން ބެހެއްޓި، ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެން ގޮސްފައި، ޙައްޖު އެންމެ ފުރިހަމައަށް ރަނގަޅަށް އަދާކުރުމަށް ލިބޭ ފުރުޞަތެއް ގޮތުގައި އަޅުގަނޑު ދެކެނީ.'' ރައޯސް ޑރ. މުޙައްމަދު މިޢިއްޒު
ޙައްޖުގެ އުސޫލުތަކަށް ހެޔޮ ބަދަލުތަކެއް
- އަލަށް ޙައްޖަށް ދާ ފަރާތްތަކަށް އިސްކަންދިނުން
- 65 އަހަރުން މަތީގެ ފަރާތްތަކަށް ވަކި އިންސައްތައެއް ކަނޑައެޅުން
- 75 އަހަރުން މަތީގެ ފަރާތްތަކަށް އެހީތެރިއަކު ހަމަޖެއްސުމުގެ ފުރުޞަތު ދިނުން
- ކުރިން ޙައްޖަށް ގޮސްފައިވާ ފަރާތްތަކަށް 5 އަހަރު ފަހުން އަލުން ފުރުޞަތު ދިނުން
މި ފަސޭހަތަކާއެކު ބޭންކް ރޭޓްގައި 2000 ޑޮލަރު ލިބޭނެ މަގު ފަހިކޮށްދެއްވުމާއި، ވީއައިއޭ އަށް ފުރަން ދިޔުމާއި، އެއާޕޯޓްގެ އިންތިޒާމްތައްފަދަ އެތައްކަމެއް ވަނީ އިހުނަށްވުރެ ބޮޑުތަކުން ރަނގަޅުކޮށްފައެވެ.
އެހެންކަމުން، މިއަހަރުގެ ޙައްޖަކީ ދިވެހި ޙައްޖުވެރިންނަށް މިހާތަނަށް ދެކޭނެ އެންމެ ފުރިހަމަ ހައްޖެވެ. ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން ގެނެވުނު މި ބަދަލުތަކުގެ ސަބަބުން، ދިވެހި ޙައްޖުވެރިންނަށް މިހާތަނަށް ލިބިފައިނުވާ ފަދަ ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް މިއަހަރު ލިބިގެންދާނެކަން ކަށަވަރެވެ. މިކަމުގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ދިވެހި ޙައްޖުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، އެ ބޭފުޅުންގެ ދަތުރު އިތުރަށް ފުރިހަމަވެގެންދާނެއެވެ. މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ތާރީޚްގެ އައު ސަފުހާއަކުން ޖާގަ ކަށަވަރުކުރުންވެސް މެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
10 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
10 މަސް ކުރިން