އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމާއި ގުޅޭ މަސައްކަތްތަކެއްކުރިއަށް ގެންގޮސްފި
11 ޖޫން 2025 - 04:02

އުފާވެރިކަމުގެ މިންގަނޑެއް (ހެޕިނެސް އިންޑެކްސް) ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި، އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށެވެ. އެގޮތުން މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ވަނީ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންކަމާއި، ދާއިރާތަކުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ ވެރިންނާއި އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
އުފާވެރިކަން މިންކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އަންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފުވަނީ ވިދާޅުވެފައެވެ.
ދިވެހީންގެ އުފާވެރިކަމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މި މަސައްކަތަކީ ފަރުދީ ފެންވަރުގައި އަދި ރަށްރަށާއި ޤައުމީ ފެންވަރުގައި އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަައްސައްކަތެކެވެ.
މިމަސައްކަތުގެ ދަށުން އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. މި އަސާސްތަކާއި ގުޅޭގޮތުން އެކި ފަރާތްތަކުގެ ޚިޔާލައި މަޝްވަރާ ހޯދުމަށް، މިމަސައްކަތް އިސްވެ ކުރަމުންދާ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން ވަޒީރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ މިހާރު އެކުލަވާލެވޭ އޮނިގަނޑުގައި ދިވެއްސެއްގެ ހައިސިއްޔަތުން ވިސްނާ ހުރިހާ ކަންކަމެއް ހިމެނޭނެ ކަމަށެވެ.
މިއާއެކު މިއަހަރު ނިމުމުގެ ކުރިން އައު އޮނިގަނޑުގެ މަސައްކަތް ނިންމާ، އަންނަ އަހަރު އުފާވެރިކަން މިންކުރުމުގެ މަސައްކަތް ފަށާނެކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.