logoEN
ޚަބަރު

މި އަހަރު ޒަކާތުފަންޑުން އެންމެ ގިނައިން ބޭސްފަރުވާއަށް އެހީދީފައިވަނީ ކެންސަރު ބައްޔަށް

އާމިނަތު ސަފާއާމިނަތު ސަފާ

13 ޖޫން 2025 - 04:30

މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހު 102 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 761،287.50 ( ހަތް ލައްކަ ފަސްދޮޅަސް އެއް ހާސް ދުއިސައްތަ އައްޑިހަ ހަތް ރުފިޔާ ފަންސާސް ލާރި) ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާކުރާ ފަރާތްތަކަށެވެ.

ފެބްރުއަރީ މަހު 89 މީހަކަށް 759،128 (ހަތް ލައްކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށާވީސް ) ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މާރޗް މަހު 68 މީހަކަށް 847،278.50 (އަށް ލައްކަ ސާޅިށް ހަތް ހާސް ދުއިސައްތަ ހަތްދިހަ އަށް ރުފިޔާ ފަންސާސް ލާރި) ޚަރަދުކޮށްފައިވެއެވެ. އަދި އޭޕްރީލް މަހު 111 މީހަކަށް 1.1 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ހުރިހާ މަހެއްގައިވެސް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ކިޑްނީ، ހިތުގެ ބަލިތައް، ޓްރާންސްޕްލާންޓް، ސިކުނޑީގެ ބަލިތައް އަދި އެހެނިހެން ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ޒަކާތު ހައުސްއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ ގޮތުގައި 86،000 އަށްވުރެ ގިނަ ރުފިޔާ އަދި ޢާމިލުންގެ ބައިން 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ އިލްމު ފެތުރުމަށްޓަކައި 1.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

871x217_placeholder