މިދިޔަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި މީރާއަށް 1.8 ބިލިޔަން ރުފިޔާ ލިބިފައިވޭ
15 ޖޫން 2025 - 06:13

ރިސޯޓްތަކުގެ ކުލީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވާ އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު 6.7 ޕަސެންޓް އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން އެ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ޖުމްލަ 1.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މީރާއިން އަންދާޒާކުރި 1.7 ބިލިޔަން ރުފިޔާއަށްވުރެ 7.4އިންސައްތަ އިތުރު އަދަދެކެވެ.
ރިސޯޓް ކުލީގެ ގޮތުގައި އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެގޮތުން މާލެ އަތޮޅުން 542.45 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ރާ އަތޮޅުން 260.47 މިލިޔަން ރުފިޔާ އަދި ބާ އަތޮޅުން 201.01 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުން ދައްކައެެވެ.
އަންދާޒާކުރި އަދަދަށްވުރެ ރިސޯޓް ކުލީގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީއަލަށް ކުލި ދައްކާ ފަރާތްތަކުން ކުލި ދައްކަން ފަށައި ޝެޑިއުލާއި އެއްގޮތައް ގިނަ ރިސޯޓްތަކުން ކުލި ދައްކާފައިވުމާއި ކުލީގެ މުއްދަތުތަކަށް ފައިސާ ބަލައިގަތް އަދަދު އިތުރުވެފައިވާތީ ބަލައިގަތް އާމްދަނީ ވަނީ އަންދާޒާކުރި އަދަދަށްވުރެ އިތުރުވެފައިކަމަށް މީރާގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.