ޖޫން މަހު މީރާ މެެދުވެރިކޮށް ދައުލަތަށް 2.6 ބިލިއަން ރުފިޔާ
11 ޖުލައި 2025 - 07:37

ޖޫން މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 2.63 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިދިޔަ އަހަރާއި އަޅައިބަލާއިރު މި އަހަރުގެ ޖޫންގައި ލިބިފައިވާ އާއްމުދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއިއެކު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވުމާއި ގުޅިގެންކަމަށާއި މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި މިދިޔަ އަހަރުގެ ޑިސެންބަރުން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް އާއްމުދަނީ އިތުރުވުމުގެ ސަބަބެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހުސްވި ޖޫންމަހު ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވެސް 13.1 އިންސައްތައަށް ވަނީ އިތުރުވެފައެވެ.
އެހެންކަމުން ބޭންކް އިންކަމް ޓެކުހާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގަތް އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.
މިދިޔަ ޖޫންގައި ވެސް މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ ޖުމްލަ އާއްމުދަނީގެ 36.5 އިންސައްތަ ނުވަތަ 960.9 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ ޖުމްލަ އާއްމުދަނީގެ 24.1 އިންސައްތަ ނުވަތަ 634.0 މިލިއަން ރުފިޔާއެވެ.
މިދިޔަ ޖޫންގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 116.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.